ތ. ވިލުފުށީ އެއާޕޯޓު އެޅުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
އެއާޕޯޓުގެ އަމަލީ މަސައްކަތް ފަށްޓަވާ ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ތ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. މިއަދުން ފެށިގެން 30 މަސްދުވަސް ތެރޭ ވިލުފުށީ އެއާޕޯޓުގެ މަސައްކަތް ނިންމަވާނެކަން ރައީސް އިއުލާން ކުރެއްވީ ރޭ ވިލުފުށީ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
އެގޮތުގެމަތިން ރައްޔިތުން ބޭނުންވާ ތަނުގައި އެއާޕޯޓު ތަރައްގީކުރުމަށް ބިންހިއްކުމުގެ މަސައްކަތް މިއަދު ރަސްމީގޮތުން ފައްޓަވައި، ގިނަވެގެން 30 މަސްދުވަސްތެރޭ، 1800 މީޓަރުގެ ރަންވޭއަކާ އެކު އެއާޕޯޓު ތަރައްގީރުމުގެ މަސައްކަތް ނިންމަވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ވިލުފުށީ އެއާޕޯޓު ތަރައްގީ ކުރުމާއި އޮޕަރޭޓް ކުރުމަށް ސަރުކާރުން ހަވާލުކޮށްފައި ވަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއެވެ. ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ. އަދި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދެވެ.
މީގެ އިތުރުން ވެސް ރައީސް ރޭ ވަނީ 18 މަސްދުވަސްތެރޭ އެ ރަށު ހޮސްޕިޓަލުގެ މަސައްކަތް ވެސް ނިންމަވާދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
ހަމަ އެހެންމެ ގެދޮރުވެރިކަމުގެ މައްސަލައަށް އިޝާރާތްކުރައްވަމުން، ނިމިފައިހުރި ހައުސިންގ ޔުނިޓުތަކަށް ފެނާއި ކަރަންޓާއި ނަރުދަމާގެ އިންތިޒާމު ހަމަޖައްސަވައި، ޙައްޤުވެރީން ކަނޑައެޅުމުގެ މަސައްކަތް މި އަހަރުގެ ނިޔަލަށް ނިންމަވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަދި އަންނަ އަހަރު، ގޯތީގައި ގެ އެޅުމަށް ބޭނުންވާ ފަރާތްތަކަށް އެ އިހުތިޔާރު ލިބޭގޮތަށް، 100 ހައުސިންގް ޔުނިޓު އެޅުމުގެ މަޝްރޫޢެއް ކުރިއަށްގެންދެވުމަށް ނިންމަވާފައިވާކަންވެސް އެމަނިކުފާނު އިޢުލާން ކުރެއްވިއެވެ.