މިވަގުތު ދުނިޔޭގައި އޮތް އެންމެ ބޮޑު އެއް ޓްރެއިލިން ސަކްޝަން ހޮޕާ ޑްރެޖަރު ގެންގޮސް ހއ. ދިއްދޫ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތުގެ މަތިން ހއ. ދިއްދޫ އެއާޕޯޓް ތަރައްގީކުރުމާއި ބޯހިޔާވަހިކަމާއި އެހެނިހެން ހިދުމަތްތަކަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއެވެ.

އެގޮތުގެ މަތިން އިއްޔެ އެ ރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފައްޓަވާދެއްވާފައި ވަނީ މިނިސްޓާ އޮފް ފިނޭންސް އެންޑް ޕްލޭނިން މޫސާ ޒަމީރެވެ.

ދިއްދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށުމުގެ ތެރެއިން / ފޮޓޯ: އެމްއޭސީއެލް

މިނިސްޓަރުގެ އަރިހުގައި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު އާއި އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފު އާއި ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދު އާއި ދިއްދޫ ކައުންސިލުގެ ރައީސް އަބްދުالله ރަޝީދު އަދި ދިއްދޫގެ ރައްޔިތުން ވަނީ ބައިވެރިވެފައެވެ.

"ލީވް އެރިކްސަން" ނަމަކަށް ކިޔާ މި ޓްރެއިލިން ސަކްޝަން ހޮޕާ ޑްރެޖަރެކީ އެއްފަހަރާ 46,000 ކޮޑި މީޓަރު ހިއްކުމުގެ ގާބިލުކަން ލިބިގެންވާ ޑްރެޖަރެއް ވެސް މެއެވެ. އަދި މިއީ މި ވަގުތު ދުނިޔޭގައި އޮތް މިފަދަ އެންމެ ހައި-ޓެކް އަދި އެންމެ ބާރުގަދަ ދެ ޑްރެޖަރުގެ ތެރެއިން އެއް ޑްރެޖަރު ކަމަށް އެމްއޭސީއެލްއިން ބުނެއެވެ.

ދިއްދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށުމުގެ ތެރެއިން / ފޮޓޯ: އެމްއޭސީއެލް

ދިއްދޫ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން އެމްއޭސީއެލް އިން ހިއްކުމަށް ހަމަޖެހިފައިވަނީ 111 ހެކްޓަރެވެ. މިއީ ދިއްދޫގެ މިހާރުގެ ބިމުގެ ސައިޒު ކަމުގައިވާ 100 ހެކްޓަރަށް ވުރެ ވެސް ބޮޑު ސަރަހައްދެކެވެ. މިހެންކަމުން، މި މަޝްރޫއު ނިމުމުން ދިއްދޫގެ ބިމުގެ ޖާގަ ދެ ގުނަ ބޮޑު ވާނެ އެވެ.

ދިއްދޫއަށް އިތުރުވާ ބިމުގެ ޖާގައިގެ ބޮޑު ބަޔެއް ބޭނުންކުރަނީ އެއާޕޯޓަށް ނަމަވެސް، އެ ރަށަށް ދިމާވެފައިވާ ގޯތިގެދޮރުގެ މައްސަލަ ހައްލުކުރުމަށް، ހިއްކާ ބިމުގެ ސަރަހައްދުތައް ބޯހިޔާވަހިކަމުގެ ބޭނުންތަކަށް ވެސް ހާއްސަ ކުރުމަށް ވަނީ ހަމަޖެހިފައެވެ.