ބިންހިއްކުމާއި ބަނދަރުގެ މަސައްކަތްތައް ހިމެނޭހެން، ގިނަވެގެން 30 މަސް ދުވަހުގެ ތެރޭގައި މިލަންދޫ އެއާޕޯޓުގެ މަސައްކަތް ނިމޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މިލަދުންމަޑުލު އުތުރުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ އަތޮޅު މިލަންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އެމަނިކުފާނުގެ ރިޔާސީ ވައުދެއް ކަމުގައިވާ މިލަންދޫ އެއާޕޯޓުގެ މަޝްރޫއުގެ މަސައްކަތް ކުރިއަށްދާނެ ގޮތުގެ މައުލޫމާތު ރައްޔިތުންނާ ހިއްސާކުރައްވާފައެވެ.

އެގޮތުން، މިލަންދޫގެ ބިންހިއްކުމާއި އެއަރޕޯޓު ތަރައްގީކުރުމުގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރައްވައި، މިއަދު ފެށި 40 ހެކްޓަރުގެ ބިންހިއްކުމުގެ އަމަލީ މަސައްކަތް، 8 މަސް ދުވަހުގެ ތެރޭގައި ނިމޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަދި އެއާޕޯޓު ތަރައްގީކުރެވެން އޮތީ، ރަށުގެ ބަނދަރު އެހެން ތަނަކަށް ބަދަލުކޮށްގެން ކަމުގައިވާތީ، މިހާރަށްވުރެ ފެންވަރު ރަނގަޅު ބަނދަރެއް ތަރައްގީކުރުމުގެ މަސައްކަތްވެސް ކުރިއަށް ގެންދަވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ބިންހިއްކުމާއި، ބަނދަރުގެ މަސައްކަތް ހިމެނޭގޮތަށް، ގިނަވެގެން 30 މަސް ދުވަހުގެ ތެރޭގައި، މިލަންދޫ އެއަރޕޯޓުގެ މަސައްކަތް ނިންމައި، އެއަރޕޯޓު އޮޕަރޭޝަނަށް ގެންނާނެކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.

ރައީސް މިލަންދޫ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ބޭއްވި ހާއްސަ ޖަލްސާގެ ތެރެއިން

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ހިމެނިގެން މިއަދު ވަނީ، އެމަނިފާނު ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި އެ ރަށުގެ ރައްޔިތުންނަށް ވެވަޑައިގެންފައިވާ އެންމެހައި ވައުދުތަކާ ގުޅުންހުރި މުހިންމު މަސައްކަތްތަކެއް ފައްޓަވާފައެވެ.

އެގޮތުން، މިލަންދޫގައި 50 ހައުސިންގް ޔުނިޓު ގާއިމުކުރުމުގެ މަޝްރޫއުގެ އެއްބަސްވުމާއި، މިލަންދޫ ފޭސް 2 ގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ އެއްބަސްވުމާއި، މިލަންދޫ ސްޕޯޓްސް ކޮމްޕްލެކްސް ގާއިމުކުރުމުގެ މަޝްރޫއުގެ އެއްބަސްވުމާއި، މިލަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ އެއްބަސްވުމުގައި މިއަދު ވަނީ ސޮއިކުރައްވާފައެވެ.

މީގެ އިތުރުން ވެސް މިއަދު މިލަންދޫގައި ވަނީ، ފުލުހުންގެ މަރުކަޒު އިމާރާތްކުރުމާއި، އިސްލާމީ މަރުކަޒު އިމާރާތްކުރުމާއި، ހޮސްޕިޓަލުގެ އާ އިމާރާތުގެ، އަމަލީ މަސައްކަތް ފައްޓަވާފައެވެ. އަދި މިލަންދޫ ފުޓްސަލް ދަނޑާއި ވޮލީ ކޯޓު ހުޅުވައިދެއްވައި، އެ ރަށުގައި ޕާސްޕޯޓް ދޫކުރުމުގެ ހިދުމަތްވެސް މިއަދު ފައްޓަވައިދެއްވާފައި ވެއެވެ.

މިލަންދޫ ފޭސް ދޭއްގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަސައްކަތް ހަވާލުކުރުމުގެ ތެރެއިން

މި މަޝްރޫއުތަކުގެ ތެރެއިން، އިސްލާމީ މަރުކަޒު އިމާރާތްކުރައްވާނީ 700 މީހުންގެ ޖާގައިގެ، ޒަމާނީ މަރުކަޒެއްގެ ގޮތުގައިކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ހޮސްޕިޓަލުގެ އާ އިމާރާތް ވެގެންދާނީ 30 އެނދުގެ ޖާގައިގެ އިމާރާތަކަށްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މަގު ހެދުމުގެ މަޝްރޫއު ކުރިއަށް ގެންދަވާނީ ރިންގް ރޯޑެއްވެސް ހިމެނޭ ގޮތަށް ކަމަށާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގައި ރިވެޓްމަންޓް ޖަހާނީ ރަށުގެ ބިމުގެ ޖާގަ އިތުރު ކުރެވޭނޭގޮތަށް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިލަދުންމަޑުލު އުތުރުބުރިއަކީ އުމްރާނީ ބޮޑެތި މަސައްކަތްތައް ކުރިއަށްދާ އަތޮޅެއް ކަމުގައިވާތީ، އެ އަތޮޅުގައި ގާއިމުކުރާ ދެވަނަ، ޕަބްލިކް ވަރކްސް ޔުނިޓު ގާއިމުކުރައްވާނީ މިލަންދޫގައި ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަންނަ އަހަރުގެ ޖަނަވަރީ މަހު، މިލަންދޫގައި ވެމްކޯގެ ޚިދުމަތް ފައްޓަވާނޭކަމަށާއި، މިއަހަރު ނިމުމުގެ ކުރިން އެ ރަށުގައި އެކްސްރޭގެ ހިދުމަތް ފައްޓަވާނޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.