ޑީއެންއޭ ޓެސްޓް މިހާރު އާސަންދައިގެ ދަށުން ހެދޭނެ ކަމަށް ހެލްތް މިނިސްޓްރީއިން ވިދާޅުވެއްޖެއެވެ.

އެކަމާ ގުޅިގެން އެ މިނިސްޓްރީއިން ބުނީ "ހަފްތާ 14" ގެ ތެރެއިން ރައްޔިތުންނަށް ދެވޭ ސިއްހީ ހިދުމަތް ހަރުދަނާ ކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން ޑީއެންއޭ ޓެސްޓް އާސަންދައިގެ ތެރެއިން މިހާރު ހަމަޖެހިގެންދާނެ ކަމަށެވެ.

ޑީއެންއޭގެ ހިދުމަތުގެ އިތުރުން އާސަންދަގެ ދަށުން ހިލޭ މެޑިކަލް ޗެކަޕް ހެދޭނެ ގޮތް ވެސް ވަނީ ހަމަޖައްސާފައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 14 ހަފްތާގެ މަގުޗާޓުގައި ހިމަނުއްވާފައިވާ "ދިވެހި ކޮންމެ ރައްޔިތަކަށް އާސަންދަ ސްކީމްގެ ދަށުން އަހަރަކު 2 ފަހަރު މެޑިކަލް ޗެކަޕް ހެދުމުގެ މަގުފަހިކޮށްދިނުމަށް ހާއްސަ ސިޔާސަތެއް އެކުލަވާލައި ތަންފީޒުކުރަން ފެށުން" މި ވައުދުފުޅުގެ ދަށުން މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން އެ ހިދުމަތް ދިނުމަށް ވަނީ ނިންމާފައެވެ.

އެކި އުމުރުފުރާތަކަށް މެޑިކަލް ޗެކަޕްގެ ހިދުމަތް ތަންފީޒު ކުރާ ތާރީހުތަކަށް ބަލާއިރު މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން އުމުރުން 50 އަހަރަށް ވުރެ މަތީގެ މީހުންނަށް އެ ހިދުމަތް ލިބޭއިރު 1 އޭޕްރީލްއިން ފެށިގެން 35 އަހަރާއި 49 އަހަރާ ދެމެދު އަދި 19 އަހަރުން ދަށުގެ ކުދިންނަށްވެސް އެ ހިދުމަތް ލިބޭނެ ކަމަށް އެންސްޕާއިން ބުނެއެވެ.

ސްކޫލްކުދިންނަށް އެ ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ސްކޫލް ސްކްރީނިން ޕްރޮގްރާމް މުރާޖައާކުރުމަށްފަހު 1 އޭޕްރީލްގައެވެ. އަދި 19 އަހަރާއި 34 އަހަރާއި ދެމެދު އުމުރު ފުރައިގެ މީހުންނަށް އެ ހިދުމަތް ފެށުމަށް ހަމަޖެހިފައިވަނީ ޖުލައި 1 ވަނަ ދުވަހުން ފެށިގެންނެވެ.

އޭގެ އިތުރުން ތެލެސީމިއާ ކުދިންނަށް ހިލޭ ބޯންމެރޯ ހެދޭނެ ހިދުމަތް ދިނުމުގެ ސިޔާސަތުގެ ދަށުން ސަރުކާރުގެ އެހީގައި ރާއްޖެއިން ބޭރަށް ބޯންމެރޯ ހެދުމަށް ތެލެސީމިއާ ކުދިން ފޮނުވަން ވަނީ ފަށާފައެވެ.