މަސްވެރިންގެ ދަފްތަރު އެކުލަވާލާ ނިމުމުން ސްކީމްތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޝިޔާމް މިފަދައިން ވިދާޅުވީ ޗައިނާގެ ރައީސް ޝީ ޖިން ޕިންގެ ދައުވަތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ޗައިނާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެ ގައުމުގައި ހުންނަވާ ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައެވެ.
ޝިޔާމް ވިދާޅުވީ ފައިސާ ނުދެވި މިހެން ލަސްވާ ލަސްވުމަށް މިއަދު އޮތީ ބޭންކުން ނުވަތަ އެހެން ދިމާލަކުން ވިޔަސް މަސްވެރިންނަށް އިތުރު ގޮތެއް ހޯދޭނެ ގޮތަކަށް ނޫން ކަމަށެވެ. އަދި މަސްވެރިންނަކީ ދައުލަތް ދަންނަ ބަޔަކަށް ނުވާ ކަމަށާއި މަސްވެރިންނަކީ ދައުލަތް ދަންނަ ބަޔަކަށް ހެދުމަށް ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ މަސްވެރިކަމުގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ނިމުމާއެކު މަސްވެރިންނަކީ ބޭންކް ދަންނަ ބަޔަކަށް ވާނެ ކަމަށާއި ފަސޭހައިން ލޯނު ލިބޭނެ އިންތިޒާމްވެސް ހަމަޖެހިގެންދާނެ ކަމަށެވެ. އަދި އެހެން ބައެއް ކުންފުނިތަކުން ކުރިއަށްގެންދާ ސްކީމްތަކަށްވެސް މަސްވެރިންނަށް ވަނުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ މަސްވެރިންނަށް ލާރި ނުދެވި އޮއްވާ ދައުލަތުގެ ކުންފުންޏަކުން، މިސާލަކަށް ސްޓެލްކޯ ނުވަތަ ފެނަކަ ކަހަލަ ކުންފުންޏަކުން މަސްވެރިޔާގެ ގޭގެ ކަރަންޓް ބިލް ނުދެއްކި ކަރަންޓް ކަނޑާލާ މައްސަލައަކީ މަސްވެރިން ކުރާ ވަރަށް ބޮޑު ޝަކުވާއެއް ކަމަށާއި މަސްވެރިންގެ ސައްހަ ދަފްތަރެއް އެކުލަވާލުމުން އެކަން ހައްލު ކުރެވިގެންދާނެ ކަމަށެވެ. އަދި ވިއުގާއަކުން ގުޅުވާލެވުމުން ނިޒާމުގެ ތެރެއިން ލުއިތައް ފެނިގެންދާނެ ކަމަށް ވެސް ޝިޔާމް ވަނީ ވިދާޅުވެފައެވެ.