925 އެއާ ޓްރެފިކް މޫވްމެންޓާއެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިން އާ ރިކޯޑެއް ގާއިމް ކޮށްފިއެވެ.
މިހާތަނަށް ވީއައިއޭގައި ރިކޯޑް ކުރެވުނު އެންމެ ގިނަ ޓްރެފިކް މޫވްމެންޓާއެކު އާ ރިކޯޑު ގާއިމް ކޮށްފައި ވަނީ މި ހިނގާ ޖެނުއަރީ މަހުގެ 2 ވަނަ ދުވަހުއެވެ.
އެމްއޭސީއެލްއިން ބުނީ ފްލައިޓް މޫވްމަންޓް އިތުރުވެފައިވަނީ ރާއްޖެއަށް ޖައްސަމުންދާ ޖެޓްތަކުގެ އަދަދު އިތުރުވެފައިވާތީ ކަމަށެވެ. އެގޮތުން 672 އަކީ ސީޕްލޭންގެ މޫވްމަންޓާއި އިންޓަނޭޝަނަލް 104 މޫވްމަންޓާއި ޑޮމެސްޓިކް 116 މޫވްމަންޓާއި ޖެޓްތަކުގެ 33 މޫވްމަންޓު ހިމެނެއެވެ.
މިދިޔަ އަހަރުގެ ޖެނުއަރީ މަހުވެސް ރެކޯޑް އަދަދަކަށް މޫވްމެންޓް އިތުރުވެފައިވާއިރު އެފަހަރު 856 މޫވްމެންޓު ހިނގިއެވެ. އޭގެ ފަހުން 861 އެއާ ޓްރެެފިކް މޫވްމަންޓާއެކު އާ ރެކޯޑެއް ވަނީ ހަދާފައެވެ.
މިފަދަ ދުވަހެއް މަގުފަހިކޮށްދިނުމުގައި އެއާލައިންތަކާއި އޮޕަރޭޓަރުންގެ ފަރާތުން ލިބުނު ހާއްސަ އެއްބާރުލުމަށް ވެލާނާ އެއާޕޯޓް ހިންގަމުންދާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރު އިބްރާހީމް ތޮހާ ވަނީ ޝުކުރު އަދާ ކުރައްވާފައެވެ.
ދާދިފަހުން ވަނީ 649 ސީޕްލޭންގެ މޫވްމެންޓްގެ ވެސް އާ ރިކޯޑެއް ގާއިމް ކޮށްފައެވެ. އެއާޕޯޓުގައި ސީޕްލޭން މޫވްމެންޓްވެސް ރާއްޖޭގައި އަންނަނީ ދުވަހެއް ދުވަހަކަށްވުރެ އިތުރު ވަމުންނެވެ.