ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އަންނަ މާޗު މަހުގެ 17 ވަނަ ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ)އިން ނިންމައިފިއެވެ.

އީސީއިން ބުނީ އެ ގޮތަށް ނިންމާފައި ވަނީ މަޖިލިސް އިންތިހާބު ރަމަޟާން މަހުގެ ފަހުގެ ތާރީހެއްގައި ބޭއްވުމަށް އިދާރީ ބޮޑެތި ހުރަސްތަކެއް ހުރުމުން ކަމަށެވެ.

އެގޮތުން އެޑިއުކޭޝަން މިނިސްޓްރީއިން އިސްލާހުކޮށް އާންމުކޮށްފައިވާ ދިރާސީ ކަލަންޑަރުގައިވާ ގޮތުން އީދު ބަންދަށްފަހު، ކިޔެވުން ފެށޭ ހަފްތާއަކީ ސުކޫލުތަކުގެ އިމްތިހާނު ދުވަސްތަކަށްވުމާއެކު ސްކޫލުތައް ލިބުން ދަތިވެ ވޯޓުލާ މަރުކަޒުތައް ގާއިމްކުރުމަށްޓަކައި އީސީއަށް އެކަށީގެންވާ ތަންތަން ނުލިބޭނެެ ކަމަށް އެ ކޮމިޝަނުން ބުނެއެވެ.

މީގެއިތުރުން މާޗު 17ގައި އިންތިހާބު ބޭއްވުމަށް ނިންމާފައި ވަނީ ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ކަނޑައަޅާފައިވުމުން ސަރުކާރުގެ ވުޒާރާތަކާއި ދައުލަތުގެ މުއައްސަސާތަކުގެ އެހީތެރިކަމާއި އެއްބާރުލުމާއެކު ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި ދަތިތަކެއް ދިމާވާނެތީ ކަމަށް ވެސް އީސީއިން ބުނެއެވެ.

މިހާރު ކުރިއަށް ދާ، 19 ވަނަ މަޖިލީހުގެ މެންބަރުންގެ ދައުރު ހަމަވާނީ އަންނަ މެއި މަހުގެ 28ގައެވެ. ގާނޫނު ބުނާ ގޮތުގައި، ހިނގަމުން މިދާ ދައުރު ނިމެން 120 ދުވަހަށް ވުމާއެކު، 10 ދުވަހުގެ ތެރޭގައި އިންތިހާބަށް ހުޅުވާލަން ޖެހެ އެވެ. އިންތިހާބަށް ކުރިމަތިލާން 14 ދުވަހުގެ މުއްދަތެއް ދޭން ޖެހެ އެވެ. އަދި، އިންތިހާބަށް ކުރިމަތިލާ މީހުން އިއުލާނުކުރާ ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި އިންތިހާބު ބާއްވަން ޖެހެއެވެ.