ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރު، މުނޫ މަހާވަރު ރާއްޖޭގެ ފޮރިން މިނިސްޓްރީއަށް ވަޑައިގެންނެވީ ކުރިން ތާވަލްކޮށްފައިވާ ބައްދަލުވުމަކަށް ކަމަށް އިންޑިއާ ހައި ކޮމިޝަނުން ބުނެފިއެވެ.

މުނޫ މަހާވަރު ފޮރިން މިނިސްޓްރީއަށް ވަޑައިގެންފައި ވަނީ މިއަދު މެންދުރު 12:00ގައެވެ.

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީއަށް ނިސްބަތްކޮށް ރާއްޖޭގެ ތިން ޑެޕިއުޓީ މިނިސްޓަރަކު "ބޭއަދަބީ ބަހުން" ވާހަކަދެއްކި މައްސަލަ ހޫނުވެފައިވާ މި ދަނޑިވަޅުގައި އިންޑިއާ ސަފީރު ފޮރިން މިނިސްޓްރީއަށް ވަޑައިގަތުމުން އެއީ އެކަމާ ގުޅިގެން ބޭއްވި ބައްދަލުމެއް ކަމަށް ގިނަ ފަރާތްތަކަށް ވަނީ ގަބޫލު ކުރެވިފައެވެ.

ނަަމަވެސް އިންޑިއާ ހައި ކޮމިޝަނުން ބުނީ އެއީ ކުރިން ވެސް ތާވަލްކޮށްފައިވާ ބައްދަލުވުމެއް ކަމަށެވެ. އަދި އެއީ ރާއްޖެއާ އިންޑިއާއާ ދެމެދު ދެމެދުގައި އޮތް ގުޅުމާ ބެހޭގޮތުން މަޝްވަރާ ކުރުމަށް ބޭއްވި ބައްދަލުވުމެއް ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

މޯދީއަށް ބޭ އަދަބީ ބަހުން މުހާތަބު ކުރި މައްސަލައާ ގުޅިގެން ރާއްޖޭގެ 3 ޑެޕިއުޓީ މިނިސްޓަރަކު އިއްޔެ ވަނީ ސަސްޕެންޑްކޮށްފައެވެ. އެ މައްސަލަ ހޫނުވެފައިވާ މި ދަނޑިވަޅުގައި ނިއު ދިއްލީގައި ހުންނަވާ ރާއްޖޭގެ ސަފީރު އިބްރާހިމް ޝަހީބު ވަނީ މިއަދު ހެނދުނު 9 ގައި އެކްސްޓާނަލް އެފެއާޒް މިނިސްޓްރީއަށް ވަޑައިގެންފައެވެ.

ޝަހީބު އެކްސްޓާނަލް އެފެއާޒް މިނިސްޓްރީ އިން ނިކުމެ ވަޑައިގަންނަވާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު މި ބައްދަލުވުމާއި ގުޅޭ އެއްވެސް ތަފްސީލެއް ދެ ގައުމުގެ ސަރުކާރުންވެސް ހާމަކޮށްފައެއް ނުވެއެވެ.