އިންޑިއާގެ ސަރުކާރުން ރާއްޖެ އަށް ދީފައިވާ ހެލިކޮޕްޓަރުތަކުގައި ތިބި އެ ގައުމުގެ ސިފައިން ދިވެހި އަސްކަރިއްޔާ އަށް ނޭނގި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދުވަސްވަރު ފްލައިޓެއް އަޅާފައިވާ ކަމަށް ފޮރިން މިނިސްޓަރު މުހައްމަދު ޣައްސާން ދެއްކެވި ވާހަކަ ދޮގުކޮށް އިންޑިއާއިން ރައްދު ދީފިއެވެ.

މި މަހުގެ 11 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޣައްސާން ދެއްކެވި ވާހަކަ ދޮގުކޮށް އިންޑިއާ ހައިކޮމިޝަނުން ނެރުނު ބަޔާނުގައި ބުނީ، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ހެލިކޮޕްޓަރު އޮޕަރޭޓް ކޮށްފައި ވާނީ އެމްއެންޑީއެފްގެ ހުއްދައާ އެކީގައި ކަމަށެވެ. އެ ގޮތުން ޣައްސާން ފާހަގަ ކުރެއްވި ފްލައިޓް ދަތުރަކީ އޮކްޓޯބަރު 10، 2019 ގައި ކުރި ދަތުރެއް ކަމަށާއި އެ ދަތުރު ވެސް ކޮށްފައި ވަނީ އެމްއެންޑީއެފްގެ ހުއްދައާ އެކުގައި ކަމަށް އިންޑިއާ ހައިކޮމިޝަނުން ބުނެއެވެ.

އެ ދަތުރުގައި އެ ފްލައިޓް ތ. ތިމަރަފުއްޓަށް އިމަޖެންސީގައި ޖައްސަން ޖެހުނީ ޕްލެޓްފޯމާއި ފަޅުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޓީސީން ބޭނުންވާ އޮން ގްރައުންޑް ހުއްދަތައް ނެގުމަށް ފަހު ކަަމަށް އިންޑިއާ ހައިކޮމިޝަނުން ބުނެއެވެ.

މި މަހުގެ 11 ވަނަ ދުވަހު ބޭއްވި ނުސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޣައްސާން ވިދާޅުވެފައި ވަނީ، ހެލިކޮޕްޓަރުގެ މައްސަލަތައް މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ބެލި އިރު ސިފައިންނަށް ނޭނގި ފްލައިޓެއް އަޅާފައިވާ މައްސަލަ ފެންމަތިވި ކަމަށެވެ. އޭރު އޭނާއަކީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރެއް ކަމަށާއި ދިވެހިންގެ ހުއްދަ ނެތި ފްލައިޓެއް އަޅާފައި އޮތް މައްސަލައެއް ބެލި ކަމަށް ޣައްސާން ވިދާޅުވިއެވެ. ދިވެހިންގެ ހުއްދަ ނެތި ހެލިކޮޕްޓަރެއް އޭރު އޮތީ ދުއްވާފައި ކަމަށާއި އެއީ ތިމަރަފުއްޓަށް ލޭންޑްކުރި އިންސިޑެންޓް ކަމަށް ވެސް ޣައްސާން ވިދާޅުވިއެވެ.

ނަމަވެސް މި ސަރުކާރުގައި ރާއްޖޭގެ ކޮމާންޑިން ކޮންޓްރޯލުން ބޭރުން ދަތުރެއް ނުކުރެވޭނެ ކަމުގެ ޔަގީންކަން ޣައްސާން ވަނީ ދެއްވާފައެވެ.