ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަން ގައި ޔޯގާ ދުވަސް ފާހަގަ ކޮށްފިއެވެ.

ޔޯގާ ދުވަހަކީ ޖޫން 21 ވާ ހުކުރު ދުވަހެވެ. ނަމަވެސް އިންޑިއާ ހައިކޮމިޝަންގައި އެ ދުވަސް ފާހަގަ ކޮށްފައި ވަނީ މިއަދު އެވެ. މި ހަރަކާތުގައި އިންޑިއާ އާއި ޔޯގާއަށް ޝައުގުވެރިވާ ބައެއް ދިވެހިން ވަނީ ބައިވެރިވެފައެވެ.

ޔޯގާ ދުވަސް ފާހަގަ ކުރަން. ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، މުނޫ މަހާވަރު ވަނީ ޔޯގާ ދުވަހުގެ މުނާސަބާގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ފަރާތްޕުޅުން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަށް ދެއްވި މެސެޖެއްގެ މައްޗަށް އަލި އަޅުވާލައްވައި ވާހަކަ ދައްކަވާފައެވެ. ސަފީރު ވިދާޅުވީ ވިސްނުންތެރި އަދި ދެމެހެއްޓެނިވި ދިރިއުޅުމުގެ ވައްޓަފާޅިއެއް ބައްޓަން ކުރުމަށް އިންޑިއާއިން އަބަދުވެސް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ.

އަދި ހަމައެހެންމެ ޔޯގާ އަކީ ސަގާފަތް އެއްކިބާ ކޮށް ދުޅަހެޔޮ ސިއްހަތާއި އެތެރޭގެ ސުލްހަ މަސަލަސްކަމާއި އެއްބައިވަންތަ ކަމަށް ކުރާ ދަތުރުގައި އެންމެން އެއްބައިވަންތަ ކުރާ ކަމެއްގެ ގޮތުގައި ސަފީރު ވަނީ ފާހަގަ ކުރައްވާފައެވެ.

ކޮންމެ އަހަރެއްގެ ޖޫން، 21 ވަނަ ދުވަހަކީ ބައިނަލްއަގުވާމީ ޔޯގާ ދުވަހުގެ ގޮތުގައި އދ އިން 2014 ގައި ކަނޑައެޅި ފަހުން ރާއްޖޭގައި ވެސް ޔޯގާ ހަރަކާތެއް ބާއްވައެވެ.

ނަމަވެސް މިދިޔަ 2022 ވަނަ އަހަރު އިންޑިއާގެ ހައި ކޮމިޝަނާއި، އިންޑިއަން ކަލްޗަރަލް ސެންޓަރާ ގުޅިގެން ގަލޮޅު ދަނޑުގައި ޔޯގާގެ ހަރަކާތްތަކެއް ކުރިއަށް ދިޔަ ވަގުތު ހިތްހަމަ ނުޖެހި ގިނަ ބަޔަކު ދަނޑަށް އަރައިގަނެ ހަމަނުޖެހުން ހިންގިއެވެ. އެ އިވެންޓަށް ހުރަސް އަޅައި ހަމަނުޖެހުން ފެށުމާ އެކު، ފުލުހުން އެތަނަށް ގޮސް ޕެޕާ ސްޕްރޭ ވެސް ޖެހިއެވެ.

އެއީ ހިންދީން ކުރާ އަޅުކަމެއްގެ ކަމަށް ބުނެ، އެކަމާ ދެކޮޅަށް އަޑުއުފުލައި ބައެއް ދީނީ މީހުންވެސް ބައިވެރިވިއިރު އެ މައްސަލައިގައި 21 މީހަކު ހައްޔަރުވެސް ކުރިއެވެ. އޭގެ ތެރޭގައި މަޝްހޫރު ދީނީ އިލްމުވެރިން ކަމަށްވާ ޝެއިހް އާދަމް ނިޝާނާއި ޝެއިހް ފަޒްލޫން ބިން މުހައްމަދު ވެސް ހިމެނުނެވެ. އޭގެ ފަހުން ޖެހިގެން އައި 2023 ގައި ޔޯގާ ދުވަސް ފާހަގަ ކުރީ ފަނޑުކޮށެވެ. އެއަށް ފަހު މިއަހަރު އެ ދުވަސް ފާހަގަ ކުރީ އިންޑިއާ ހައިކޮމިޝަންގައެވެ.