ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލެއްވި ތިން ބޭފުޅުންގެ ވެސް ޝަރުތު ހަމަވާކަމަށް ޕޮލިސް ބޯޑުން ނިންމައިފިއެވެ.
ޕޮލިސް ކޮމިޝަނަރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި އަލީ ޝުޖާއު މިދިޔަ އޭޕްރީލް 26 ގައި އިސްތިއުފާ ދެއްވުމުންނެވެ. ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލާން ހޯމް މިނިސްޓްރީން މިދިޔަ މޭ މަހުގެ 27 ގައި ހުޅުވައިލުމުން އެ މަގާމަށް ކުރިމަތިލާފައިވަނީ ފުލުހުންގެ އިދާރާ ހިންގުމާ މިހާރު ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ޑެޕިއުޓީ ކޮމިޝަނަރު އިސްމާއިލް ނަވީން، ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު ފިކުރީ އަދި ސައުތު ޕޮލިސް ކޮމާންޑަރު، އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު ޝަމީމެވެ.
އެ ތިން ބޭފުޅުންނާ މި މަހުގެ 4 ވަނަ ދުވަހު ޕޮލިސް ބޯޑުން އިންޓަވިއުކޮށް ނިންމާފައިވާއިރު އެ ބޯޑުގެ މެމްބަރުންގެ މާކްސްތަކާ އެކު، ގޮތެއް ކަނޑައެޅުމުގެ މަރުހަލާ ފެށުމަށްޓަކައި ހޯމް މިނިސްޓަރު އަލީ އިހުސާނަށް ފޮނުވާފައިވަނީ މި މަހުގެ 5 ވަނަ ދުވަހުއެވެ.
ޕޮލިސް ކޮމިޝަނަރު ކަމަށް ބޭފުޅަކު ކަނޑައަޅަނީ އެ މަގާމަށް ކުރިމަތިލާ މީހުންގެ ފެންވަރު ގާނޫނުގައިވާ ގޮތުން ޕޮލިސް ބޯޑުން ވަޒަންކޮށް ނުވަތަ އިންޓަވިއު ކުރުމަށް ފަހު، މިނިސްޓަރަށް ހުށަހަޅާ ނަންތަކުގެ ތެރެއިން، މިނިސްޓަރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ.