ޗައިނާގެ ރައީސް ޝީ ޖިންޕިން އާއި އިންޑިއާގެ ރައީސް ޑްރޮޕަދީ މުރުމޫ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް މިނިވަން ދުވަހުގެ ތަހުނިޔާ އަރިސް ކުރައްވައިފިއެވެ.

ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީން ބުނީ، ރައީސް މުއިއްޒަށް ޗައިނާގެ ރައީސް ތަހުނިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވާފައިވާ ކަމަށާއި ރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ދިވެހި ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިހްލާސްތެރިކަމާއެކު ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވާފައިވާ ކަމަށެވެ.

ހަމައެއާއެކު ޗައިނާއާއި ދިވެހިރާއްޖެއަކީ ޒަމާންވީ ރަހުމަތްތެރި ކަމުގެ ތާރީހެއް އޮތް ދެ ގައުމު ކަމަށާއި މިއީ ތަފާތު ސައިޒުގެ ގައުމުތަކުގެ މެދުގައި ހަމަހަމަ ކަމާއެކު އަމަލުކުރުމާއި، ދެ ގައުމުގެ އެހީތެރިކަމާއި، އެއްބަޔަކު އަނެއްބަޔަކަށް ފައިދާވާ ފަދަ ރަނގަޅު ނަމޫނާއެއް ދައްކުވައިދޭ ގައުމެއް ކަމަށް ޝީ ޖިންޕިން ވިދާޅުވިއެވެ.

ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ރަހްމަތްތެރިކަން ދެމެހެއްޓުމަށާއި، ސިޔާސީ ގޮތުން ދެ ގައުމުގެ މެދުގައި އޮތް އިތުބާރު އިތުރަށް ބަދަހިކުރުމަށް ތައްޔާރަށް ހުންނެވިކަމަށް ވެސް ޝީ ޖިންޕިން ވިދާޅުވިއެވެ. ހަމައެއާއެކު ރައްޔިތުންގެ މެދުގައި ގުޅުން ބަދަހި ކުރުމަށާއި، ސަގާފީ މުއާމަލާތްތައް އިތުރަށް ހަރުދަނާ ކުރުމަށާއި، ފުޅާ ދާއިރާއެއްގައި ސްޓްރެޓެޖިކް ކޯޕަރޭޓިވް ޕާޓްނާޝިޕް އިތުރަށް ހަރުދަނާކޮށް، ޗައިނާ-މޯލްޑިވްސް ކޮމިއުނިޓީއެއް ބިނާކުރުމަށް، ތައްޔާރަށް ހުންނެވި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޗައިނާ އިން ރާއްޖެއަށް މަރުހަބާ ކިޔާފައިވާ އިރު، އިންޑިއާއިން ވެސް ވަނީ މިނިވަން ދުވަހުގެ ތަހުނިޔާ ރާއްޖޭގެ ރައްޔިތުންނަށާއި ސަރުކާރަށް ފޮނުއްވާފައެވެ.

އެގޮތުން އިންޑިއާ ހައިކޮމިޝަނުން ބުނީ، ދިވެހިރާއްޖޭގެ 59 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި، އިންޑިޔާގެ ރައީސް ޑްރޮޕަދީ މުރުމޫ އާއި، އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ރާއްޖޭގެ ރައީސް މުއިއްޒު އާއި ދިވެހި ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިހްލާސްތެރިކަމާއެކު ތަހުނިޔާ ވިދާޅުވިއެވެ.

ޗައިނާ ސަރުކާރުން ރާއްޖެއާ ގުޅުން އެނމްެ ބޮޑަށް ބަދަހިވެފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައެވެ. އެއަށް ފަހު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ރާއްޖެއާ އެކު އެންމެ ގާތް ޑިޕލޮމެޓިކް ގުޅުމެއް އުފެދިފައިވަނީ އަވައްޓެރި އިންޑިއާއެކުގައެވެ.

އެހެންކަމުން ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމުން މި ސަރުކާރާ އެކު ގާތްގުޅުމެއް ބަދަހިވެގެންދާނީ ޗައިނާ އާއެކުގައި ކަމަށް ގިނަ ބަޔަކު އައީ ގަބޫލުކުރަމުންނެވެ. ނަމަވެސް އިންޑިއާއެކު ރައީސް މުއިއްޒް ގާތް ގުޅުމެއް ބަހައްޓަވަމުން އަންނަ ކަމަކީ ފާހަގަ ކޮށްލެވޭ ކަމެކެވެ.