ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އަށް ސަރުކާރުން ވިއްކި ޓީ ބޮންޑުގެ ތެރެއިން މި މަހު ދައްކަން ޖެހޭ 50 މިލިއަން ޑޮލަރުގެ ދަރަނި ދެއްކުން އިންޑިއާ ސަރުކާރުން ފަސްކޮށްދީފިއެެވެ.

ރާއްޖޭގެ ފޮރިން މިނިސްޓަރު މޫޒާ ސަމީރު މިދިޔަ ހަފްތާފައި އިންޑިއާ އަށް ކުރެއްވި ރަސްމީ ދަތުރުގައި ވަނީ ދަރަނި ދެއްކުމުގައި ލުއި ގޮތްތަކެއް ހޯދައިދިނުމަށް ހުށަހަޅުއްވާފައެވެ.

ފޮރިން މިނިސްޓްރީއިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ އިންޑިއާ ސަރުކާރުން ރާއްޖެއަށް ބަޖެޓު ސަޕޯޓުގެ ގޮތުގައި ދީފައިވާ 50 މިލިއަން ޑޮލަރުގެ ދެއްކުމަށް އިތުރު 1 އަހަރު ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ. މި މުއްދަތު އިތުރުކޮށްދިނުމުގެ ކުރިން އޮތީ އެ 50 މިލިއަން ޑޮލަރު މި ހިނގާ މެއި މަހު ދައްކަން ޖެހޭނެ ކަމަށެވެ.

ތަފާތު އެކި މުއްދަތުތަކުގައި ދައްކާ ހަލާސް ކުރަން ޖެހޭ ދަރަނީގެ ބައެއް މިހާރު ވެސް ހިނގަމުން ދާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ މިދިޔަ ޖެނުއަރީ މަހު ދައްކާފައެވެ. އެއާއެކު ދެން އިންޑިއާއަށް ދައްކަން ޖެހޭ ދަރަނީގެ އަދަދަކީ 150 މިލިއަން ޑޮލަރެވެ.

ދަރަނި ދެއްކުމަށް އިތުރު 1 އަހަރުގެ މުއްދަތެއް ދިނުމާ ގުޅިގެން ފޮރިން މިނިސްޓްރީއިން ނެރުނު ބަޔާނުގައި ވަނީ އިންޑިއާ ސަރުކާރުން ރާއްޖެއަށް ދެމުން ގެންދާ އެހީތެރިކަން ފާހަގަކޮށް އެކަމަށް ޝުކުރު އަދާކޮށްފައެވެ. އަދި އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ގިނަ އަދަދެއްގެ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކާއި އިޖުތިމާއީ ތަރައްގީގެ މަޝްރޫއުތައް ރާއްޖޭގައި ކުރިއަށްދާކަން ވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ފޮރިން މިނިސްޓްރީއިން އިތުރަށް ބުނީ ދެ ގައުމަށް ވެސް މަންފާވާނެ ގޮތަށް ދެގައުމުގެ ދޭދޭ ގުޅުން އިތުރަށް ބަދަހި ކުރުމަށް މަސައްކަތް ކުރަން އެދޭ ކަމަށެވެ.