ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިހް އިބްރާހީމް ފަރީދުގެ އާއިލާއަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ދީނީ ކަންކަން ކުރިއެރުވުމާއެި، ދީނީ ހޭލުންތެރިކަން އިތުރު ކުރުމަށް ބުރަ މަސައްކަތްތަކެއް ކުރެއްވި ޝެއިހް ފަރީދު އަވަހާރަވީ މިއަދު މެލޭޝިއާއަށް ވަޑައިގަތްތަނާ މެލޭޝިއާގެ އެއާޕޯޓުގައެވެ. ޝެއިހް ފަރީދުގެ ކުއްލި ވަކިވުމާއި ގުޅިގެން ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޝެއިހް ފަރީދު އަވަހާރަވި ހަބަރު އަޑުއެއްސެވީ ފުން ހިތާމައާއި އެކުކަމަށެވެ.
ޝައިހް ފަރީދު ދީނީ ކަންކަމަށް މަގު ދެއްކެވުމުގައި އެ އަދާކުރެއްވި ހީވާގި އަދި ހިތްވަރުގަދަ ދައުރުގެ ހަނދާންތަކަށް ނިމުމެއް ނެތްކަމަށް ރައީސް ވިދާޅުވިއެވެ.
ޝެއިހް ފަރީދު އަވަހާރަވުމުގެ ހިތާމައިގައި ބައިވެރިވެ އިސްލާމިކް މިނިސްޓްރީން ބުނީ ޝެއިހް ފަރީދު އަކީ އިސްލާމީ ދައުވަތުގެ މައިދާނުގައި ފާހަގަކޮށްލެވޭ އިލްމުވެރިއެއް ކަމަށެވެ. އަދި ޝެއިހް އަކީ ހިދުމަތްތެރި ހިތްވަރުގަދަ ޝަހުސިއްޔަތެއްގެ ގޮތުގައި ސިފަކޮށް މިނިސްޓްރީން ބުނީ އެއީ ދައުވަތުގެ މައިދާނުގައި ވަރަށް ބޮޑު ގުރުބާނީތަކެއްވެ ވަޑައިގެންނެވި ބޭފުޅެއް ކަމަށެވެ. "އެމަނިކުފާނަށް މާތް ﷲ ގެ ތަނަވަސް ރަޙުމަތް ލައްވައި ސުވަރުގޭގެ މަތިވެެރި ނިއުމަތް މިންވަރު ކުރައްވައި އާއިލާއަށް ކެއްތެރިކަން ދެއްވުން އެދި ދުއާކުރަން. " މިނިސްޓްރީގެ ތައުޒިޔާ މެސެޖުގައި ބުނެފައިވެއެވެ.
ރާއްޖޭގައި އުފެދުނު މަޝްހޫރު އިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޝެއިހް ފަރީދު އަވަހާރަވުމުގެ ހިތާމައިގައި ބައިވެރިވެ ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އަންނަނީ ޝެއިހްގެ މަސައްކަތްތައް ފާހަގަކޮށް، އެ އާއިލާއަށް ތައުޒިޔާ ކިޔަމުންނެވެ.