އާބަން ސެންޓަރުތަކުން ބޯހިޔާވަހިކަން ހޯދުމުގެ ފުރުސަތު ރިސޯޓު މުވައްޒަފުންނަށް ދޭން ވަޒީރުންގެ މަޖިލީހުން ނިންމައިފިއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހަށް ހައުސިން މިނިސްޓްރީއިން ފަތުރުވެރި ކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ހާއްސަ ސޯޝަލް ކެޓަގަރީއެއް ކަނޑައެޅުމާ ގުޅޭ ކަރުދާހެއް ހުށަހަޅާފައިވާ ކަމަށެވެ.

އެ ކަރުދާހަށް މަޝްވަރާ ކުރުމަށްފަހު ސަރުކާރުން ތަރައްގީ ކުރުމަށް ނިންމާފައިވާ އާބަން ސެންޓަރުތަކަށް ރިއާޔަތްކޮށް ރީޖަން ވައިސްކޮށް ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ދިވެހިންނަށް ފުރުސަތު ލިބޭނެ ގޮތް ހަމަޖައްސައި ދިނުމަށް ނިންމާފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ހައުސިން ހަމަޖައްސައި ދިނުމުގެ ގޮތުން ރާއްޖޭގެ އެކި ސަރަހައްދުގައި ކުރިއަށް ގެންދާ ސޯޝަލް ހައުސިންގެ ވަކި ޕަސެންޓެއް ފަތުރުވެރިކަމުގެ ސިނާއަތުގައި ވަޒީފާ އަދާ ކުރާ ދިވެހި މުވައްޒަފުންނަށް ހާއްސަ ކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ ދިވެހި މުވައްޒަފުންނަށް މަސައްކަތް ކުރާ ސަރަހައްދުން ހައުސިން ފުރުސަތު ލިބޭނެ ގޮތް ހަމަޖެއްސުމަށް ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުން އެކި ސަރަހައްދުތަކުގައި "ކައުންސިލް ހައުސިން" ކުއްޔަށް ހިފައިގެން ވަކި މުއްދަތަކަށް އެ ތަނުގައި ދިރިއުޅެވޭ ގޮތަށް މި ސްކީމް ބައްޓަން ކުރުމަށް ނިންމާފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.

ހަފްތާ 14ގެ މަގު ޗާޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގުމަށް ގެދޮރުވެރިކަމުގެ މިންގަނޑުތައް އެކުލެވޭ ބިލެއް ގާނޫނީ ހައިސިއްޔަތު ގެނައުމަށްޓަކައި ޑްރާފްޓްކޮށް ރައްޔިތުންގެ މަޖިލީހަށް ފޮނުވުމަށް ހިމެނިފައިވާކަން ފާހަގަ ކުރައްވާ ނާޒިމް ވިދާޅުވީ އެ ބިލަށް ބޭނުންވާ މައުލޫމާތު ހޯދުމަށް ނިންމާފައިވާ ކަމަށެވެ. ހަމައެއާއެކު ސޯޝަލް ހައުސިން ކެޓަގަރީއެއް ކަނޑައެޅުމަށް އެކުލަވާލަން ޖެހޭ އުސޫލުތައް އެކުލަވާލުމުގެ ކަންކަން މިނިސްޓްރީ އޮފް ޓޫރިޒަމް އަދި ކަމާ ގުޅުން ހުރި އެހެން ފަރާތްތަކާ މަޝްވަރާ ކުރައްވައިގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަން ވެސް ނާޒިމް ފާހަގަ ކުރެއްވިއެވެ.