ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދު ފުޅާ އެއްގޮތަށް ބޯހިޔާވަހިކަމަށް ހާއްސަ ލުއި ލޯނުތަކެއް މާޗް މަހުގެ ނިޔަލަށް ފަރުމާކޮށް ނިންމާނެ ކަމަށް ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ނާޒިމް މިފަދައިން ވިދާޅުވީ ވަޒީރުންގެ މަޖިލީހުން މިއަދު ނިންމި ނިންމުންތައް ހާމަކުރެއްވުމަށް މިރޭ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހަށް ހައުސިން މިނިސްޓްރީއިން ހުށަހެޅި ބޯހިޔާވަހިކަމާއި އުމްރާނީ ތަރައްގީގެ ޓްރަސްޓް ފަންޑް ގާއިމް ކުރުމާއި ކުޑަ އިންޓަރެސްޓެއްގައި ލުއި ލޯން ސްކީމްއެއް ފެށުމުގެ ކަރުދާހާމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނުކަން ނާޒިމް ފާހަގަ ކުރެއްވިއެވެ.

އެގޮތުން އެ ކަރުފާހަށް މަޝްވަރާ ކުރުމަށްފަހު، ބޯހިޔާވަހިކަމާއި އުމްރާނީ ތަރައްގީގެ ޓްރަސްޓް ފަންޑު ގާއިމް ކުރުމަށް ނިންމަވާފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ. އަދި ބޯހިޔާވަހިކަމަށް އަމާޒުކޮށްގެން ސަރުކާރުން ކުޑަ އިންޓަރެސްޓެއްގައި ތައާރަފް ކުރުމަށް ކަނޑައަޅާފައިވާ ލުއި ލޯނު ސްކީމް ފެށުމާ ގުޅޭ ގޮތުން ވެސް އެ ބައްދަލުވުމުގައި މަޝްވަރާކޮށްފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އެ ކަރުދާހުގައި ހުށަހަޅާފައިވާ ހުށަހެޅުންތަކާއި އެކަމާ ގުޅުން ހުރި ކަންކަމާ އިތުރަށް މަޝްވަރާކޮށް ގޮތްތަކެއް ނިންމަން ޖެހޭތީ އެ ކަރުދާސް އަދި އިތުރަށް ތަފްސީލުކޮށް މަޝްވަރާ ކުރަން ނިންމަވާފައިވާ ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ތައާރަފް ކުރާ ލޯނު ތަކުގެ އިންޓްރެސްޓް ރޭޓް 5 ޕަސެންޓަށްވުރެ މަތި ނުވާނެ ކަމަށާއި އެ ގޮތުގައި ބޯހިޔާވަހިކަމަށް ތައާރަފްކުރާ ލޯނު ސްކީމްތައް ތަންފީޒު ކުރަމުން ދިއުމަށް ނިންމާފައިވާ ކަމަށެވެ. އަދި ސަރުކާރުގެ ފުރަތަމަ 100 ދުވަސް ހަމަވުމުގެ ކުރިން އެ ލޯނު ސްކީމްތައް އެކުލަވާލާ، ލޯނު ސްކީމްތައް ފާސްކުރުމަށް ވަޒީރުންގެ މަޖިލީހަށް ހުށަހަޅަން މިއަދުގެ ވަޒީރުންގެ މަޖިލީހުގައި ނިންމާފައިވާ ކަމަށެވެ.

މީގެއިތުރުން ކުންފުންޏެއް ނުވަތަ ކުންފުނިތަކެއް މެދުވެރިކޮށް ގެދޮރު އިމާރާތް ކުރުމުގެ އުސޫލެއް އެކުލަވާލައި އެކަން ތަންފީޒު ކުރަމުން ގެންދިއުމަށް ނިންމާފައިވާކަން ނާޒިމް ވަނީ ފާހަގަކުރައްވާފައެވެ. ހަމައެއާއެކު ހަދަން ފަށާފައިވާ ނުނިމި ހުރި ގެދޮރު ހެދުމަށް ހާއްސަ ސްކީމެއް އެކުލަވާލަން ވެސް ނިންމާފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް އިތުރަށް ވިދާޅުވީ އެ ލޯނު ސްކީމްތައް މާޗު މަހުގެ ނިޔަލަށް ފަރުމާކުރުމަށް މިއަދުގެ ވަޒީރުންގެ މަޖިލީހުގައި ނިންމާފައިވާ ކަމަށެވެ.