މާޗް މަހުން ފެށިގެން 24 ގަޑިއިރަށް އެއާ އެމްބިއުލާންސްގެ ހިދުމަތް ލިބޭނެ ކަމަށް ހެލްތް މިނިސްޓްރީއިން ބުނެފިއެވެ.
ރާއްޖެއަށް އެއާ އެމްބިއުލާންސްގެ ހިދުމަތް ދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
ދާދިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ އަންނަ މާޗު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އެއާ އެމްބިއުލާންސްގެ ހިދުމަތް ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
ނާޒިމް ވިދާޅުވީ އެއާ އެމްބިއުލާންސްގެ ހިދުމަތް ދިނުމުގެ މަޝްރޫއު ހިންގަމުން ގެންދާނީ މިހާރު ވެސް އެމަޖެންސީ އެމްބިއުލާންސްގެ ހިދުމަތް ދިނުމަށް ހެލްތް މިނިސްޓްރީގެ ދަށުގައި ހިމަނާފައިވާ ޑިޕާޓްމެންޓްގެ ދަށުން ކަމަށެވެ. މިއަދު ހެލްތް މިނިސްޓްރީއިން ބުނީ ޕެރެމެޑިކްސްއެކު އިމަޖެންސީގައި ފަރުވާ ދެވޭގޮތަށް އެއާ އެމްބިއުލާންސްގެ ހިދުމަތް މާޗް ގައި ފެށޭނެ ކަމަށާއި ހިދުމަތް ފެށޭއިރު 2 އެއާ އެމްބިއުލާންސް އޮންނާނެ ކަމަށެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރޭގައި ރައީސް ވިދާޅުވެފައި ވަނީ ރާއްޖޭގެ އެކިކަންކޮޅުތަކުން ބަލި މީހުން އުފުލުމަކީ ރައްޔިތުންނަށް ދިމާވެފައިވާ ދަތިކަމެއް ކަމަށާއި އެހެންކަމުން މިހާރު ބަލި މީހުން އުފުލުމުގައި އޮތް ދަތިކަން ހައްލުކޮށް ދެއްވުމަށް އެއާ އެމްބިއުލާންސް ތައާރަފް ކުރަން ނިންމަވާފައިވާ ކަމަށެވެ.
ވެރިކަން ލިބިވަޑައިގަތުމުން ފަސްޓްއެއިޑްގެ ހުރިހާ ވަސީލަތެއް ބޭނުން ކުރެވޭ ގޮތަށް އެއާ އެންބިއުލަންސެއް ފަރުމާކޮށް ޕައިލެޓް ޕްރޮޖެކްޓެއް ފައްޓަވާނެ ކަމަށް ރައީސް މުއިއްޒު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. އަދި ޕްރޮޖެކްޓް ކުރިއަށް ދާ ގޮތަށް ބެލުމަށް ފަހު އެއާ އެމްބިއުލަންސް އިތުރު ކުރައްވާނެ ކަމަށް ވެސް ރައީސް މުއިއްޒު އޭރު ވިދާޅުވިއެވެ.