މާލެ މަޖީދީ މަގުގައި އެކްސިޑެންޓެއް ހިނގާ، އަންހެނަކަށް އަނިޔާވެ ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ފުލުހުން ބުނީ މަޖީދީ މަގު ލަގްޒަރީ ފިހާރަ ކައިރިން މަގު ހުރަސް ކުރަން އުޅުނު މީހެއްގެ ގައިގައި ބާރު ސްޕީޑްގައި އެމަގުގެ އިރުން ހުޅަނގަށް ދިޔަ ސައިކަލަކުން ޖެހި އެކްސިޑެންޓެއް ހިނގި ކަމުގެ ރިޕޯޓު ފުލުހުންނަށް މިރޭ 20:30 އެހާއިރު ލިބިފައިވާ ކަމަށެވެ.

އަދި އެކްސިޑެންޓުގައި އަނިޔާވެފައި ވަނީ އުމުރުން 61 އަހަރުގެ އަންހެނަކަަށް ކަމަށާއި އިތުރު ފަރުވާ ދިނުމަށް އައިޖީއެމްއެޗް އަށް ގެންގޮސްފައިވާ ކަމަށެވެ. ލިބުނު އަނިޔާގެ މާބޮޑު ތަފްސީލެއް ފުލުހުން ހިއްސާ ކޮށްފައި ނުވާއިރު އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މިރޭ މާލެ މަޖީދީމަގުގައި ހިނގި އެކްސިޑެންޓް: ފޮޓޯ / ދަ ޕްރެސް

އެ ހާދިސާގައި ސައިކަލު ދުއްވަން އިނީ ޒުވާން އުމުރުގެ ފިރިހެނެކެވެ. އޭނާ ދުއްވިލެއް ބާރުކަމުން އަންހެން މީހާގެ ގައިގައި ޖެހި ދެމީހުންވެސް ބިންމައްޗަށް ވެއްޓުނެވެ. މަގު ހުރަސްކުރަމުން ދިޔަ އަންހެން މީހާ ވިއްސައިގެން ދޮސް އިދިފުށަށް ވެއްޓުނު އިރު ސައިކަލުގައި އިން ޒުވާނާ ވެއްޓުނީ ސައިކަލާއެކު އޭގެ މައްޗަށް ވާގޮތަށެވެ.

ފުލުހުން ސީން އަށް އެޓެންޑް ވުމުގެ ކުރިން އާންމުންގެ މީހުން އަންހެން މީހާ ނަގައިގަނެގެން ގެންގޮސް ކާރަކަށް ލައި ފޮނުވާލިއެވެ. އަދި ސައިކަލުގައި އިން މީހާ ސައިކަލު ނަގާ މަގުގެ އެއްފަރާތަށް ޖެއްސުމަށް ފަހު މަޑުކޮށްގެން ހުއްޓާ ފުލުހުން ހާޒިރުވެ އޭނާ އާ ސުވާލުކޮށް ހެދުމަށް ފަހު ފޮނުވާލިއެވެ.

ފަހަކަށް އައިސް މާލެ ސަރަހައްދުގައި ނުރައްކާތެރި އެކްސިޑެންޓް ހިނގާ އަދަދު އިތުރުވެފައި ވާއިރު، ހުސްވި އަހަރުވެސް މިފަދަ ހިތާމަވެރި ހާދިސާތަކުގައި ވަނީ މީހުންގެ ފުރާނަ ގެއްލިފައެވެ.

އަދި ހަމައެހެންމެ ހުސްވި އަހަރުގެ ޖޫން މަހުގެ 28 ވަނަ ދުވަހު ފަތިހު 5 ޖަހާ ހާއިރު އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެތި ބާރު ސްޕީޑްގައި ސައިކަލު ދުއްވާފައި ދަނިކޮށް މަގު ހުރަސްކުރި މީހެއްގައި ގައިގާ ޖެހި ބޮޑެތި އަނިޔާތަކެއް ލިބި ރާއްޖެއިން ބޭރުގައިވެސް ފަރުވާ ދީފައި ވެއެވެ. އެ މައްސަލައާ ގުޅިގެން ސައިކަލު ދުއްވަން އިން މީހާ ވަނީ 2 އަހަރަށް ޖަލަށް ލާފައެވެ.