ކުޅުދުއްފުށި އެއާޕޯޓްގެ ޓާމިނަލް އަލުން ތަރައްގީކުރާނެ ބަޔަކު ހޯދަން ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީއިން މިދިޔަ ބުދަ ދުވަހު އިއުލާންކޮށްފިއެވެ.

ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީއިން ބުނީ ކުޅުދުއްފުށި އެއާޕޯޓްގެ ޓާމިނަލް އެކްސްޕެންޑްކޮށް އަދި އަލުން ތަރައްގީކުރަން ޖެހޭނީ އެކުންފުނިންދޭ ކޮންސްޕްޓް ކުރެހުމާއި އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.

އެ މަސްރޫއުގެ ދަށުން 11،345 އަކަފޫޓުގެ ޕެސެންޖާ ޓާމިނަލްއަކާއި ފެސެންޖާ ޓާމިނަލް ސަރަހައްދުގައި ޝޭޑިން އެއްލުމަށާއި މި ވަގުތު ބޭނުންކުރެވެމުންދާ ޕެސެންޖާ ޓާމިނަލްގެ ސްޓްރަކްޗާއަށް ގެންނަންޖެހޭ ބަދަލުތަށް ގެނައުމަށާއި އަދި ޕެސެންޖަރުންނަށް ދެވޭ ހިދުމަތްތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ތަންތަން ގާއިމްކުރުންވެސް ހިމެނޭ ކަމަށްވެސް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީއިން ބުނެއެވެ.

ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީއިން ވަނީ އެ މަސްރޫއު ކުރިއަށް ގެންދިއުމަށް ޝައުގުވެރިވާ ކޮންސްޓްރަކްޝަން ކުންފުނިތަކުން، އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި)އެއް ގެޒެޓްގައި ބަޔާކުރެވިފައިވާ މާއުލޫމާތުތަކާއެކު މި އަންނަ ބުދަ ދުވަހުގެ ރޭ 11:50 ގެ ކުރިން އީމެއިލް ކުރިމަށް އެދިފައެވެ.

ކުޅުދުއްފުށި އެއާޕޯޓްގެ ޕަސެންޖާ ޓާމިނަލްގެ ހިދުމަތްތައް ފުޅާކުރުމުގެ މަސައްކަތްތައް ފެށުމަށް ވަނީ ރައީސްގެ “ހަފްތާ 14” ގެ މަގުޗާޓުގައި ހިމަނާފައެވެ.

އެ މަޝްރޫއާ ގުޅިގެން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު، އަޙްމަދު މުބީން ވިދާޅުވީ ކުންފުންޏާ ހަވާލުވި ފުރަތަމަ ދުވަހުން ފެށިގެން އެންމެ ބޮޑު އިސްކަމެއް ދީފައިވާ އެއް މަސްރޫއަކީ ކުޅުދުއްފުށި އެއާޕޯޓަށް ގެންނަންޖެހޭ ބަދަލުތައް ދެނެގަނެ، އިތުރުކުރަންޖެހޭ އެންމެހާ ހިދުމަތްތަކެއް އިތުރު ކުރުމާއި ޕަސިންޖަރުންނަށް އެއާޕޯޓުން އަދި ޓާމިނަލްއުން ލިބެންޖެހޭ އެންމެހާ ހިދުމަތްތައް ހިމެނޭ ގޮތަށް ކޮންސެޕްޓް ޑްރޮވިން އެއް އެކުލަވާލާއި މަސްރޫއުގެ މަސައްކަތްތައް ފަށައި ތާވަލާ އެއްގޮތަށް މަސައްކަތް ނިންމުން ކަމަށެވެ.

އަލަށް ހެދޭ ޓާމިނަލްގައި ދަތުރުކުރާ ފަރާތްތަކަށާއި އާއްމު ފަރާތްތަކަށް ބޭނުންވާ ހުރިހާ ހިދުމަތްތަކެއް އެކުލެވިފައިވާނެކަން ފާހަގަކުރައްވާ މުބީން ވިދާޅުވީ ފާހަނައާއި މައިންނަށް ހާއްސަ ކުރެވިފައިވާ ކޮޓަރިއާއި ނަމާދު ކުރާ ކޮޓަރިއާއި ކެފޭގެ ހިދުމަތްތަކާއި ދަތުރުކުރާ ފަތުރުވެރިންނަށް ނުވަތަ އެހެން ފަރާތްތަކަށް އިންފޮމޭޝަން ދޭނެ ކައުންޓާ ފަދަ ހިދުމަތްތަކާއި ސްޓާފުންނަށް ބޭނުންވާ ވަސީލާތްތަކާއި ހިދުމަތްތައް ގާއިމްކުރެވިގެންދާނެ ކަމަށެވެ.