މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ދަ ޑިމޮކްރެޓްސްގެ ޓިކެޓުގައި ވާދަ ކުރާ ކަނޑައެޅުމަށް ބާއްވާ އެ ޕާޓީގެ ޕްރައިމަރީ އިންތިހާބުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ދަ ޑިމޮކްރެޓްސްގެ ޓިކެޓުގައި ވާދަކުރާނެ ފަރާތްތައް ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 17 ވާ ހޮނިހިރު ދުވަހުއެވެ.
ދަ ޑިމޮކްރެޓްސްއިން ބުނީ ޕްރައިމަރީގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އަން މަހުގެ 4 ވަނަ ދުވަހުގެ ހަވީރު 4:00އާ ހަމައަށް ހުޅުވާލެވިފައިވާ ކަމަށެވެ. އަދި ޕާޓީގެ ޕްރައިމަރީއަށް ކުރިމަތިލުމަށް އެދޭ މެމްބަރުންނަކީ އަންނަ މަހުގެ 4 ވާ އާދިއްތަ ދުވަހުގެ ހަވީރު 4:00 ނިޔަލަށް މި ޕާޓީގެ ދަފްތަރުގައި ޖެހިފައިވާ މެމްބަރަކަށްވާން ޖެހޭނެ ކަމަށެވެ.
މީގެއިތުރުން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 73 ވަނަ މާއްދާއާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގާނޫނުގެ 8 ވަނަ މާއްދާގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލާ މީހެއްގެ ކިބައިގައި ހުންނަންޖެހޭކަމަށް ބަޔާންކުރާ އެންމެހާ ޝަރުތުތައް ފުރިހަމަ މެންބަރަކަށް ވާންޖެހޭނެ ކަމަށް އެ ޕާޓީޢިން ބުނެއެވެ.
މި ޕްރައިމަރީގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާނީ ފެބްރުއަރީ 4، 2024 ވާ އާދިއްތަ ދުވަހުގެ ހަވީރު 4:00ގެ ނިޔަލަށް ދަ ޑިމޮކްރެޓްސްގެ ދަފްތަރުގައި ޖެހިފައިވާ މެމްބަރުންނަށް ކަމަށް އެ ޕާޓީއިން ބުނެއެވެ.
ދަ ޑިމޮކްރެޓްސްއިން އިތުރަށް ބުނީ ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މެންބަރުންގެ ވަގުތީ ލިސްޓް އާންމުކޮށް، ޝަކުވާއަށް ހުޅުވާލާނީ ފެބްރުއަރީ 6 ވާ އަންގާރަ ދުވަހު ކަމަށެވެ. އަދި ޝަކުވާ ހުށަހެޅުމުގެ އެންމެ ފަހު ގަނޑިއެއް ކަމަށް ކަނޑައަޅާފައިވަނީ އަންނަ މަހުގެ 10 ވަނަ ދުވަހުގެ ހަވީރު 4:00 ކަމަށާއި ދާއިމީ ލިސްޓް އިއުލާންކުރާނީ އަންނަ މަހުގެ 11 ވަނަ ދުވަހު ކަމަށް އެ ޕާޓީއިން ވަނީ ބުނެފައެވެ.
ޕްރައިމަރީގައި ވާދަކުރުމަށް އެދި އެންމެ މެމްބަރަކު ކުރިމަތިލާ ދާއިރާތަކުގައި، ޕްރައިމަރީއަކާ ނުލާ އެ މެމްބަރަކަށް ޕާޓީގެ ޓިކެޓް ހަވާލުކުރެވޭނެކަން ދަ ޑިކޮމްރެޓްސްއިން ވަނީ ފާހަގަކޮށްފައެވެ. އަދި ޕްރައިމަރީއަށް ކުރިމަތިލުމަށް އެދޭ ޕާޓީގެ މެންބަރުން، ޕާސްޕޯޓް ސައިޒުގެ ފޮޓޯއަކާއި، އައިޑީ ކާޑުގެ ސާފު ކޮޕީއެއްގެ އިތުރުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ސާފުކޮށްފައިވާ ކުށާއި ދަރަނީގެ ރިކޯޑު ޕްރައިމަރީގައި ބައިވެރިވުމަށް އެދޭ ފޯމާއެކު ހުށަހެޅުމަށް ޕާޓީއިން ވަނީ އެދިފައެވެ.