މާލޭގެ މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލަ އަށް ޖުމްލަ ހައްލެއް އަންނާނީ ސްޓޯމްވޯޓާ ޑްރެއިނޭޖް ސިސްޓަމް ވަޅުލައި މަގުތައް އަލުން ހެދިގެން ކަމަށް، ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

މީގެ ކުރީ ސަރުކާރުތަކުން މާލޭގެ މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރުމަށްޓަކައި މަސައްކަތްކުރި ކަން ފާހަގަކުރައްވައި، މުއްތަލިބު ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ގާތްގަނޑަކަށް 14 ޕަމްޕު ސްޓޭޝަން ހަރުކުރުމުގެ މަސައްކަތްކުރެވުނު ކަމަށާއި، އެގޮތުން ޕަމްޕު ސްޓޭޝަންތައް ބޮޑަށް ހަރުކުރީ ކަނބާއައިސާ ރަނި ހިނގުމާއި އަމީނީމަގާއި ބުރުޒުމަގު ފަދަ ފެންބޮޑުވުމުގެ މައްސަލަ އެންމެ ބޮޑަށް ދިމާވާ މަގުތަކުގައިކަން ފާހަގަކުރައްވައިފައެވެ.

ނަމަވެސް، އޭރު ހަރުކުރެވުނު ޕަމްޕު ސްޓޭޝަންތަކާއި ވަޅުލެވުނު ހޮޅިތައް ކުޑަވުމާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން، މާލޭގެ މަގުތަކުގައި ބޮޑުވާ ފެންގަނޑު އަވަހަށް ހިންދޭ ވަރަށް ސިސްޓަމްގެ ކެޕޭސިޓީ އެއް ނެތް ކަމަށް މުއްތަލިބު ވިދާޅުވިއެވެ.

މިއަދު ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މުއްތަލިބު ވިދާޅުވި ގޮތުގައި، ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރުމަށްޓަކައި ޕަމްޕު ސްޓޭޝަންތަކުގެ ސައިޒް ބޮޑުކުރެވި، އަމީނީމަގުގައި ބޮޑެތި ހޮޅިތައް ވަޅުލެވިގެން ދާނެއެވެ. ނަމަވެސް ޕަމްޕުތައް އަދި ނުގެނެވޭ ކަމަށާއި ޕަމްޕުތައް ގެނައުމަށްޓަކައި އާރުޑީސީ އާ ވާހަކަ ދެކެވެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން މިދިޔަ އަހަރުގެ ފަހު ދެ ދުވަހު މާލެ އަށް ވެހުނު ބޯ ވާރޭގެ ސަބަބުން ފެން ބޮޑުވި ކަނބާއައިސާ ރަނި ހިނގުމުގެ މައްސަލަ ހައްލުކުރުމަށްޓަކައި ޖެހޭނީ އަލުން ރޫޅާލައި ތަރައްގީކުރަން ކަމަށާއި، އެހެންކަމުން އަމީނީމަގުގެ މަސައްކަތް ނިމުމުން ކަނބާއައިސާ ރަނި ހިނގުން އަލުން ތަރައްގީކުރުމުގެ މަސައްކަތް ސަރުކާރުން ފަށާނެ ކަަމަށް މުއްތަލިބު ވިދާޅުވިއެވެ. މުއްތަލިބު ވިދާޅުވީ، ކަނބާއައިސާ ރަނި ހިނގުން އަލުން ތަރައްގީކުރާނީ ބޮޑެތި ހޮޅި ވަޅުލައި، ޕަމްޕު ސްޓޭޝަންތައް ބޮޑުކޮށްގެން ކަމަށެވެ.

މުއްތަލިބު ފާހަގަކުރެއްވި ގޮތުގައި، މާލޭގެ މަގުތަކަށް ދިމާވެފައިވާ ފެންބޮޑުވުން ފަދަ މައްސަލަތައް ހައްލު ވާނީ މާލޭގެ މަގުތައް އަލުން ހެދިގެންނެވެ.

"ހެދިގެން ދާއިރުގަ ފެނާއި ނަރުދަމާ އާއި ކަރަންޓާއި މި ހުރިހާ އެއްޗިސް އަޕްގްރޭޑްކުރުން ހިމެނިގެން މަސައްކަތް ކުރިއަށް ދާނީ، އެއާއެކު ސްޓޯމްވޯޓާ އާއި ފަޔާ ހައިޑްރެންޓާއި މި ހުރިހާ އެއްޗެއް ވެސް ލެވިގެން ދާނީ،،" އޭނާ ވިދާޅުވިއެވެ.

މި މަޝްރޫއަށް 100 މިލިއަނަށް ވުރެ ގިނަ ޑޮލަރު (1.54 ބިލިއަނަށް ވުރެ ގިނަ ރުފިޔާ) ހަރަދުވެގެން ދާނެ ކަމަށާއި، މާލޭގެ މަގުތައް ހެދުމަކީ ބޮޑު މަޝްރޫއެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މާލޭގެ މަގުތައް ހެދުމުގެ މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށް ދަނީ އަމީނީމަގުގެ ފަހު ދެ ސެގްމެންޓު ކަމަށްވާ ދިވެހިރާއްޖޭގެ އަޑުގެ އިމާރާތާއި ދިރާގު މައި އޮފީސް ހިންގާ އިމާރާތާ ދެމެދު އޮތް ސަރަހައްދުގެ މަސައްކަތެވެ. ކުރީ ސަރުކާރުން އަމީނީމަގު އެއްކޮށް ހެދުމުގެ މަސައްކަތް އާރުޑީސީ އާ ހަވާލުކުރީ ޖުލައި 2021 ގައެވެ.