އުރީދޫ މޯލްޑިވްސްއިން އާންމު ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރުންގެ ބޯޑަށް އިންތިހާބު ކުރާ ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އުރީދޫ މޯލްޑިވްސް ހެޑްކުއާޓާސްއަށް ގޮސްގެން އަދި އޮންލައިންކޮށް (އީމެއިލް ކޮށްގެން) ވެސް އެ މަގާމަށް ޝައުގުވެރިވާ ފަރާތްތަކަށް އެޕްލިކޭޝަން ފޯމް ހުށަހެޅޭނެ ކަމަށް އުރީދޫއިން ބުނެއެވެ. އަދި އެޕްލިކޭޝަން ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މި މަހުގެ 29 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00އަށް ކަމަށް އުރީދޫއިން ވަނީ ބުނެފައެވެ.

އާންމު ހިއްސާދާރުންގެ ފަރާތުން އިންތިޚާބުކުރާ ބޯޑު ޑިރެކްޓަރުކަމުގެ މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކަކީ:

  1. އުރީދޫ މޯލްޑިވްސްގެ ހިއްސާދާރަކަށް ވުން ނުވަތަ އުރީދޫ މޯލްޑިވްސްގެ ހިއްސާދާރުންގެ ތެރޭގައި ހިމެނޭ ގާނޫނީ ޝަހްސެއްގެ ފަރާތުން ހުށަހަޅާ ފަރާތަކަށްވުން (ގާނޫނީ ޝަހްސެއްގެ ފަރާތުން ހުށަހަޅާނަމަ ބޯޑުގެ ގަރާރު ހުށަހަޅަންވާނެ).
  2. ކުންފުނީގެ ގާނޫނު އަދި ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކާއި، ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީއިން އާންމުކޮށްފައިވާ "ކޯޕަރަޓް ގަވާނަންސް ކޯޑް" ("ސީޖީ ކޯޑް") ގައި ބަޔާންކުރެވިފައިވާ ފެންވަރުތަކާއި ޝަރުތުތައް (އިންޑިޕެންޑެންޓް ޑިރެކްޓަރުގެ ޝަރުތު ހިމެނޭގޮތަށް) ހަމަވާ ފަރާތެއް ކަމުގައި ވުން.
  3. ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ އިން އާންމުކޮށްފައިވާ ލިސްޓަޑް ކުންފުނި ތަކުގެ ބޯޑު ޑިރެކްޓަރުންގެ "ފިޓް އެންޑް ޕްރޮޕާ" މިންގަނޑުތައް ފުރިހަމަވާ ފަރާތެއް ކަމުގައިވުން.
  4. ބައިނަލްއަގަވާމީގޮތުން ބަލައިގަންނަ ޔުނިވާސިޓީ އަކުން ޑިގްރީ ހާސިލުކޮށްފައިވާ ފަރާތެއް ކަމުގައިވުން.
  5. ދިވެހިރާއްޖޭގައި ނުވަތަ ރާއްޖޭން ބޭރުގައި ސަރުކާރު ނުވަތަ ޕްރައިވެޓް ސެކްޓާގައި، އިސް މަގާމެއްގައި މަދުވެގެން 10 (ދިހަ) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވާ ފަރާތަކަށްވުން.
  6. މަދުވެގެން 1 އެކްޓިވް ކުންފުނީގެ ބޯޑު ޑިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވުމާއެކު، ބޯޑު މެންބަރެއްގެ ގޮތުން ކޮށްފައިވާ ހިދުމަތުގެ ރިކޯޑު ފެންނަން އޮތުން.
  7. މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ލިސްޓުކޮށްފައިވާ ކުންފުނިތަކުގެ ތެރެއިން، 2 ލިސްޓެޑް ކުންފުންޏަށްވުރެ ގިނަ ކުންފުނީގައި ބޯޑު ޑިރެކްޓަރުގެ މަގާމު މިވަގުތު އަދާކުރަމުންދާ ފަރާތަކަށް ނުވުން.
  8. އުރީދޫ މޯލްޑިވްސްގެ ކޮމްޕެޓިޓާއެއް ނުވަތަ ރެގިއުލޭޓާއެއްގެ ބޯޑުގައި މަސައްކަތް ކޮށްފައިވާ ފަރާތަކަށް ނުވުން. ނަމަވެސް މި ފަދަ މަގާމެއްގައި ކޮމްޕެޓިޓާއެއް ނުވަތަ ރެގިއުލޭޓާއަކާއެކު މަސައްކަތްކޮށްފައިވާ ނަމަ، އެ މަގާމުން ވަކިވެފައިވާތާ މަދުވެގެން 12 (ބާރަ) މަސް ދުވަސްވުން.
  9. އުރީދޫ މޯލްޑިވްސް ނުވަތަ ކޮމްޕެޓިޓާއެއް ނުވަތަ ރެގިއުލޭޓާއެއްގެ މުވައްޒަފެއްގެ ގޮތުގައި މިވަގުތު މަސައްކަތްކުރަމުންދާ ފަރާތަކަށް ނުވުން.
  10. އުރީދޫ މޯލްޑިވްސް ނުވަތަ ކޮމްޕެޓިޓާއެއް ނުވަތަ ރެގިއުލޭޓާއެއްގެ މުވައްޒަފެއްގެ ގޮތުގައި ފާއިތުވީ 12 މަސްދުވަހުގެ ތެރޭގައި މަސައްކަތް ކޮށްފައިވާ ފަރާތަކަށް ނުވުން.
  11. އާއިލާގައި (ކައިވެނިކޮށްގެން އުޅޭ ފަރާތް އަދި ދަރިން) ހިމެނޭ އެއްވެސް ފަރާތެއް އުރީދޫ މޯލްޑިވްސް ނުވަތަ ކޮމްޕެޓިޓާއެއްގެ ވަޒީފާ މިވަގުތު އަދާކުރަމުން ނުދިއުން.
  12. އެއްވެސް ކަހަލަ ކޮންފްލިކްޓް އޮފް އިންޓަރެސްޓެއް ނެތުން. އަދި ކަންކަމުގައި އިންޑިޕެންޑެންޓް އަދި އިމްޕާޝަލް ނިންމުންތައް ނިންމުމުގެ ގާބިލުކަން ހުރި ފަރާތަކަށްވުން.
  13. އުރީދޫ މޯލްޑިވްސްގެ ނޮމިނޭޝަން އެންޑް ރެމިއުނަރޭޝަން ކޮމެޓީގެ ނަޒަރުގައި، ބޯޑު ޑިރެކްޓަރެއްގެ މަގާމު ފުރުމުގެ ގާބިލުކަން ލިބިފައިވާ ފަރާތަކަށް ވުން.

އުރީދޫއިން އިތުރަށް ބުނީ އުރީދޫ މޯލްޑިވްސްގެ ބޯޑުގައި ޖެންޑާ ޑައިވާސިޓީ ހިމެނުމަށް ބާރުއެޅުމުގެ ގޮތުން ބޯޑު ޑިރެކްޓަރު ކަމުގެ މަގާމަށް އަންހެން ބޭފުޅުން ކުރިމަތިލުމަކީ އެ ކުންފުނިން މަރުހަބާ ކިޔައި ހިތްވަރުދޭ ކަމެއް ކަމަށެވެ. އަދި ބޯޑު ޑިރެކްޓަރުކަމަށް އެދި ހުށަހަޅާފައިވާ އެޕްލިކޭޝަން ފޯމުތައް، އުރީދޫ މޯލްޑިވްސްގެ ނޮމިނޭޝަން އަދި ރެމިއުނަރޭޝަން ކޮމެޓީއިން ބަލައި، ޝޯޓްލިސްޓު ކުރެވޭ ފަރާތްތައް އެ ކޮމެޓީއިން ޑިރެކްޓަރުންގެ ބޯޑަށް ހުށަހަޅާނެ ކަމަށެވެ.

އަންނަ މާޗު މަހު ބޭއްވުމަށް ހަމަޖެހިފައިވާ އަހަރީ އާންމު ޖަލްސާގެ ނޯޓިސްއާއި އެޖެންޑާއާއެކު، އާންމު ހިއްސާދާރުންގެ ފަރާތުން ބޯޑު ޑިރެކްޓަރެއްގެ ގޮތުގައި ބޯޑަށް އިންތިހާބުކުރަން ޝަރުތު ހަމަވާ ފަރާތްތަކުގެ މައުލޫމާތު، ޑިރެކްޓަރުންގެ ބޯޑުގެ ފަރާތުން ހިއްސާދާރުންނަށް އާންމުކޮށް އަންގައި ފެބްރުއަރީ މަހު އިއުލާނު ކުރާނެ ކަމަށް އުރީދޫއިން ބުނެއެވެ.

އުރީދޫ ހިންގާ ގަވާއިދުގެ 110 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން، އާންމު ހިއްސާދާރުން ހޮވާ ޑިރެކްޓަރު އެމަގާމުގައި ދެމިހުންނާނީ ޑިރެކްޓަރުކަމަށް އިންތިހާބުކުރެވޭ އަހަރީ އާންމު ޖަލްސާއިން ފެށިގެން ތިންވަނަ އަހަރީ އާންމު ޖަލްސާގެ ފެށުމާ ހަމައަށެވެ. އެހެންކަމުން، 2024 ވަނަ އަހަރުގެ މާޗު މަހުގައި ބާއްވާ އަހަރީ އާންމު ޖަލްސާގައި އިންތިހާބުކުރާ ޑިރެކްޓަރު، އެ މަގާމުގައި ދެމިހުންނާނީ 2026 ވަނަ އަހަރު ބާއްވާ އަހަރީ އާންމު ޖަލްސާއާ ހަމައަށެވެ.