އުރީދޫ ފަން ރަން 2026 ގެ މިއުޒިކް ޝޯގައި އެންމެ އިސް ފަންނާނެއްގެ ގޮތުގައި، އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި އެންމެ ފުރަތަމަ އިންޑިއަން އައިޑޮލް ކާމިޔާބުކުރި އަބިޖީތު ސާވަންތު ހުށަހެޅުންތައް ހުށަހަޅައިދޭނެކަން އުރީދޫ މޯލްޑިވްސްއިން އިއުލާނުކޮށްފިއެވެ.

މި ޝޯ އޮންނާނީ 2026 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 10 ވަނަ ދުވަހުގެ ރޭ 8:00 އިން ފެށިގެން ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.

އުރީދޫ އިން ބުނީ 2005 ވަނަ އަހަރު ބޭއްވި އިންޑިއަން އައިޑޮލްގެ ފުރަތަމަ ސީޒަން ކާމިޔާބުކޮށް ގިނަ ބައެއްގެ މަގުބޫލުކަން ހޯދި އަބިޖީތު ސާވަންތު ވަނީ، ވިއްސަކަށް އަހަރަށް ވުރެ ދިގު މިއުޒިކީ ހަޔާތުގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާކަމަށެވެ. އޭގެ ތެރޭގައި "އާޕްކާ އަބިޖީތު ސާވަންތު" އަލްބަމްގެ މަޝްހޫރު ލަވަ "މޮހައްބަތޭން ލުޓާއުންގާ" އާއި، "ޖުނޫން" އަދި "ފަރީދާ" ފަދަ އަލްބަމްތައް ހިމެނެއެވެ.

މީގެ އިތުރުން "އާޝިގް ބަނާޔާ އާޕްނޭ" އަދި "ތީސް މާރް ޚާން" ފަދަ ބޮލީވުޑް ފިލްމުތަކަށްވެސް އޭނާ ވަނީ ލަވަކިޔައިދީފައެވެ.

އޭޝިއަން އައިޑޮލްއިން ތިންވަނަ އަދި "ޖޯ ޖީތާ ވޯހީ ސުޕަސްޓާ" ގެ ދެވަނަ ހޯދާފައިވާ އަބިޖީތު، 2024 ވަނަ އަހަރު ބިގް ބޮސް މަރާޓީ ސީޒަން 5 ގެ ދެވަނަވެސް ހޯދާފައިވެއެވެ.

އުރީދޫ މޯލްޑިވްސްއިން ބުނާ ގޮތުގައި، އިންޑިއަން އައިޑޮލް ބަލަމުން އަދި ބޮލީވުޑް ލަވަތައް އަޑުއަހަމުން ބޮޑުވި ގިނަ ދިވެހިންނަށް އަބިޖީތުގެ ލައިވް ހުށަހެޅުންތައް ރާއްޖޭގައި ފެނިގެންދިއުމަކީ ކުރީގެ ހަނދާންތައް އާވެ، ހާއްސަ ފޯރިއެއް ގެނުވާނެ ކަމެކެވެ.

އަދި މިއީ އާއިލާތަކާއި ރަހުމަތްތެރިންނަށް އެކުގައި އުފާވެރި ވަގުތުތަކެއް ހޭދަކޮށްލުމަށް ލިބޭ ފުރުސަތެއް ކަމަށް ވެސް އެ ކުންފުނިން ފާހަގަކުރެއެވެ.

ކުލައާއި، ފޯމާއި، މިއުޒިކާއި، ދުޅަހެޔޮކަމުގެ ތެރެއިން އެތައް ހާސް ބަޔަކު އެއްތަނަކަށް ޖަމާކޮށްދޭ އުރީދޫ ފަން ރަންއާއެކު، އަބިޖީތު ސާވަންތުގެ ހުށަހެޅުންތަކުން މިއަހަރުގެ ހަރަކާތްތަކަށް އިތުރު ފޯރިއަކާއި ޖޯޝެއް ގެނެސްދޭނެކަމަށް އުރީދޫ އިން ވަނީ ބުނެފައެވެ.

އުރީދޫއިން ބުނީ ރާއްޖޭގައި ބާއްވާ އެންމެ އުފާވެރި އަދި ކުލަގަދަ ދުވުން އޮންނާނީ ޑިސެމްބަރު 11 ވަނަ ދުވަހުކަމަށެވެ. 5 ކިލޯމީޓަރުގެ މި ދުވުމުގައި އުމުރުން 6 އަހަރުން މަތީގެ ކޮންމެ މީހަކަށްވެސް ބައިވެރިވެވޭއިރު އުރީދޫ އިން ބުނީ މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ ހިނގާފައި، ޖޮގްކޮށްފައި، ނޫނީ ނަށަމުން ވެސް މި ދުވުން ނިންމާލެވިދާނެކަމަށެވެ.

މި ފަންރަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު 11 ވަނަ ދުވަހު 15:45 އިން 18:00 އަށްކަމަށާއި، ކޮންމެ ކިލޯމީޓަރެއްގައި އިންފްލޭޓަބަލް ތަކާއި، ކުލަޖެހުމުގެ އިތުރުން، ފޯމް ޕާޓީ އާއި، ލަކީ ޑްރޯ އަދި ކާބޯތަކެތީގެ ސްޓޯލްތައް ހިމެނޭކަމަށް އުރީދޫއިން ވަނީ ބުނެފައެވެ.

މިދިޔަ އަހަރު ހުޅުމާލޭގައި ބޭއްވި މި ދުވުމުގައި 7،500 އަށް ވުރެ ގިނަ ފަރާތްތަކުން ބައިވެރިވެ، ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ.