އުރީދޫ ފިންޓެކްގެ ޑިޖިޓަލް ވޮލެޓް ކަމަށްވާ "އެމް-ފައިސާ" ދިވެހި ޑިޖިޓަލް ޕްލެޓްފޯމެއް ކަމަށްވާ "އޮޑިގޯ" އެޕާ ގުޅާލާ، އެ އެޕް މެދުވެރިކޮށް ރަށްރަށުގެ ދަތުރުތަކުގެ ބުކިންގްތަކަށް ފަސޭހަކަމާއެކު ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
މިކަމާ ގުޅިގެން އުރީދޫ އިން ބުނީ މި ގުޅާލުމާއެކު، އޮޑިގޯ އެޕް ބޭނުންކުރާ ކަސްޓަމަރުންނަށް ފެރީ އަދި ސްޕީޑްބޯޓުތަކުގެ ޝެޑިއުލްތައް ބަލާ، ދަތުރުތައް އަޅާކިޔުމަށްފަހު ސީދާ އެމް-ފައިސާ ވޮލެޓް މެދުވެރިކޮށް ފައިސާ ދައްކާލެވޭނެކަމަށެވެ. އަދި ބުކިންގް ކަށަވަރުވުމާއެކު ވަގުތުން ޑިޖިޓަލް ބޯޑިންގް ޕާހެއް ލިބި، ދަތުރުގެ ފެށުނީއްސުރެ ނިމެންދެން ފުރިހަމަ ޑިޖިޓަލް ތަޖުރިބާއެއް ކަސްޓަމަރުންނަށް ލިބިގެންދާނެކަމަށް ވަނީ ބުނެފައެވެ.
މިކަމާ ގުޅޭގޮތުން އުރީދޫ ފިންޓެކްގެ މޯލްޑިވްސް ކަންޓްރީ ހެޑް، އަހުމަދު ނުއުމާން ވިދާޅުވީ، އުރީދޫގެ ތަސައްވުރަކީ ދިވެހިން ކޮންމެ ދުވަހަކު ބޭނުންކުރާ ޕްލެޓްފޯމްތަކުގެ ތެރެއަށް ފަސޭހައިން ލިބޭނެ މާލީ ހިދުމަތްތައް ގެނެސްދީ އާންމު ދިރިއުޅުން ލުއިފަސޭހަކޮށްދިނުން ކަމަށެވެ.
އަދި މި ބައިވެރިވުމަކީ ދިވެހި އުފެއްދުންތެރި ޑިޖިޓަލް އީޖާދުތަކަށް އެއްބާރުލުން ދިނުމަށާއި، މުޅި ރާއްޖޭގައި ވަރުގަދަ ޑިޖިޓަލް ނިޒާމެއް ބިނާކުރުމަށް އެ ކުންފުނިން ދޭ އަހަންމިއްޔަތު ހާމަކޮށްދޭ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އުރީދޫ އިން ބުނީ އޮޑިގޯ އެޕުން ލިބޭ މުހިންމު ހިދުމަތްތަކުގެ ތެރޭގައި ޒިޕްލައިން މޯލްޑިވްސް ފަދަ އެކި ތަޖުރިބާތައް ބުކްކުރުމާއި، ކަނޑުދަތުރުގެ ހިދުމަތް އުޅަނދުފަހަރާއި ފްލީޓްތައް ބަލާލުމާއި، ވެރިންނާއި ކެޕްޓަނުންނާ ގުޅާލުމުގެ އިތުރުން މަސްވެރިކަމާއި ކަނޑުދަތުރުފަތުރުގެ އާލާތްތައް ގަނެވޭނެ އިންތިޒާމު ހަމަޖެއްސުން ހިމެނޭކަމަށެވެ.
އުރީދޫ އިން ބުނީ މި އަހަރުގެ ކުރީކޮޅު ޕޭޕަލްއާ ގުޅާލައި ބައިނަލްއަގުވާމީ މުއާމަލާތްތަކަށް މަގުފަހިކޮށްދިނުމަށްފަހު، އޮޑިގޯ ފަދަ ދިވެހި ޕްލެޓްފޯމްތަކާ ގުޅިގެން އުރީދޫ ފިންޓެކުން ދަނީ ނަގުދު ފައިސާއާ ނުލައި މުއާމަލާތްކުރާ "ޑިޖިޓަލް މޯލްޑިވްސް" އެއް ބިނާކުރުމަށް މުހިންމު ފިޔަވަޅުތަކެއް އަޅަމުންކަމަށެވެ.
އޮޑިގޯ އެޕް މިހާރު އެޕަލް އެޕް ސްޓޯރުންނާއި ގޫގުލް ޕްލޭ ސްޓޯރުން ހިލޭ ޑައުންލޯޑް ކުރެވެން ހުންނާނެކަމަށް އުރީދޫއިން ވަނީ ބުނެފައެވެ.
