މި މަހުގެ 1 ވަނަ ދުވަހު މާލެއަށް ކުރި ވިއްސާރައިގައި 70 ގޭބީސީއަކަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީން ބުނެފިއެވެ.

އެ އޮތޯރިޓީން މިއަދު އާންމު ކުރި ތަފާސް ހިސާބުތަކަށް ބަލާއިރު ގެއްލުންވި 70 ގޭބީސީއަށް ސަރުކާރުގެ ފަރާތުން އެހީގެ ގޮތުގައި ޖުމްލަ 457،242.60 ރުފިިޔާ ދިނުމަށް ވަނީ ނިންމާފައެވެ.

އެގޮތުން ގޭގެ ސްޓްރަކްޗާ (އޮނިގަނޑު) އަށް ގެއްލުން ލިބުނު 34 ގެއަކަށް 248،381 ރުފިޔާގެ ގެއްލުން ވަނީ ލިބިފައެވެ. އެންމެ ގިނައިން ގޭގެއިން ރިޕޯޓުކޮށްފައި ވަނީ ސީލިންގުގެ އިތުރުން ތަޅުމަށް އެކިވަރުގެ ގެއްލުންތައް ލިބުމުނުންނެވެ.

އަދި ގޭގައި ބޭނުން ކުރާ ޒަރޫރީ ހިފާ ގެންގުޅޭ ތަކެއްޗަށް ގެއްލުންވެ 65 ގެއަކުން ރިޕޯޓުކޮށްފައިވާއިރު އެ އޮތޯރިޓީން ބެލި ބެލުމުން 1،044،308 ރުފިޔާގެ ގެއްލުން ލިބިފައިވާ ކަމަށް ވެއެވެ. އަދި ގެއްލުމުގެ 20 ޕަސެންޓު އެހީގެ ގޮތުގައި ދީފައިވާއިރު ރުފިޔާއިން ބަލާނަމަ އެއީ 208،861.60 ރުފިޔާއެވެ. އޭގެ ތެރޭގައިެވެސް އެންމެ ގިނައީ ކަބަޑު އަދި ބަދިގޭގެ ކަބަޑު ސެޓަށް ގެއްލުންވެ ކުރި ރިޕޯޓުތައް ކަމަށް އެ އޮތޯރިޓީން ވަނީ ބުނެފައެވެ.

އަދި ފެންބޮޑުވެގެން 164 ކޯލެއް ރިޕޯޓުކޮށްފައިވާއިރު އޭގެ ތެރެއިން 140 ކޯލަކަށް ފުރަތަމަ ވަނީ އިޖާބަ ދީފައެވެ. އަދި ހަމައެހެންމެ 8 ގެއަކުން 42 މީހުންނަށް ބޯހިޔާވަހިކަން ފޯރު ކޮށްދީފައިވާއިރު ވަގުތީ ބޯހިޔާވަހިކަަމަށް އަދި އިކުއިޕްމެންޓްގެ ބާނުންތަކަށް 179،275 ރުފިޔާ ވަނީ ހަރަދު ކޮށްފައެވެ.

އެސެސްމެންްޓް ހެދުމަށް 154 ގޭބިސީއެއްގެ ކަނޑައެޅުނުއިރު، 87 ތަނެއްގެ އެސެސްމެންޓް ވަނީ ހަދާފައެވެ. 19 ތަނަކީ އެކިއެކި ވިޔަފާރި ކުރާ ތަންތަން ކަން ފާހަގަކޮށްފައިވާއިރު، 27 ގެއަކުން އެސެސްމެންޓް ހަދަން ބޭނުން ނުވާ ކަން ވަނީ އަންގާފައެވެ. އަދި 21 ގެއަކަށް އެކި ސަބަބުތަކާއި ހެދި ވަނީ ނުވަދެވިފައެވެ.

އިރުވައި މޫސުމުގެ މި ވިއްސާރާގައި މާލޭގެ އިތުރުން، ވެލާނާ އެއާޕޯޓާއި ރަށްރަށުގައި ފެން ބޮޑުވުމުގެ ހާދިސާތައް ހިނގާފައިވެއެވެ. ފެން ބޮޑުވުމުގެ ސަބަބުން ހިފައި ގެންގުޅޭ ތަކެއްޗަށް ވެސް އެކިވަރުގެ ގެއްލުން ވަނީ ލިބިފައެވެ. މާލެ އާއި ހުޅުލެ އަދި ހުޅުމާލޭގެ މަގުތަކުގައި ވެސްފެން ބޮޑުވެ، ދަތުރުފަތުރު ކުރުމުގައި ދަތިތައް ކުރިމަތިވުމާ ގުޅިގެން ސިފައިން ވަނީ ފެން ހިއްކުމަށްވެސް ނިކުމެފައެވެ.