ރާއްޖެއަށް ބޭރުން އަންނަ ޓޫރިސްޓު އުޅަނދުފަހަރު ރާއްޖޭގެ ސަރަހައްދުގައި ދުއްވުމާ ބަނދަރު ކުރުމާ ބެހޭ އާ ގަވާއިދެއް ޓޫރިޒަމް މިނިސްޓްރީން އެކުލަވާލައިފިއެވެ.

އަލަށް އެކުލަވާލި ގަވާއިދުގައި ވަނީ 7 ދުވަހަށް ވުރެ ކުރު މުއްދަތަކަށް ރާއްޖެ އަންނަ އުޅަނދުތައް ޕަސެންޖާ ލައިނާތަކުގެ ހުއްދަ ނަގަންޖެހޭ ކަމަށެވެ.

އަދި 20 މީޓަރަށްވުރެ ބޮޑު އުޅަނދެއްނަމ،ަ ކްރޫސިންގް ޕާމިޓް ހޯދުމަށް 1000 އެމެރިކާ ޑޮލަރު ފީއެއް މީރާ އަށް ދައްކަންޖެހޭއިރު އެއަށް ވުރެ ކުދި އުޅަނދުފަހަރު ތަކަށް ފީއަކާ ނުލާ ކްރޫސިންގް ޕާމިޓް ދޫކުރާނެއެވެ. ނަމަވެސް ޕަސެންޖާ ލައިނާތަކުން ފީއެއްގެ ގޮތުގައި 850 ޑޮލަރު ދުވާލަކަށް ދައްކަންޖެހެ އެވެ.

މި ގަވާއިދަށް އަމަލުކުރަން ފަށާއިރު ރާއްޖޭގެ ސަރަހައްދުގައި ދުއްވާ ބަނދަރު ކުރުމަށް ހުއްދަ ދީފައިވާ ބޭރުގެ ޓޫރިސްޓް އުޅަނދުތަކުން މުއްދަތު އިތުރުކުރަން ބޭނުންވާނަމ،ަ އެ އުޅަނދަށް ދޫކޮށްފައިވާ ހުއްދައިގެ މުއްދަތު ހަމަވުމުގެ ކުރިން މުއްދަތު އިތުރުކުރުމަށް އެދެންވާނެ ކަމަށް ގަވާއިދުގައި ބުނެފައި ވެއެވެ.

ގަވާއިދު އިސްލާހުކޮށް އާންމުކޮށްފައި މިވަނީ ކްރޫޒްޝިޕްތަކުގެ ވަކިވަކި ފަސިންޖަރުން ހޭދަކުރާ ކޮޓަރިތަކުން ޖީއެސްޓީ ނެގޭ ގޮތަށް މިދިޔަ ސަރުކާރުން ބަދަލު ކުރުމާ ގުޅިގެން އާންމުން ފާޑު ކިޔަމުންދާ ދަނޑިވަޅެއްގައެވެ. މިދިޔަ ސެޕްޓެމްބަރު މަހު އާންމުކުރި އާ ގަވައިދާ އެކު، ކޮންމެ ކޮޓަރިއެއްގައި ފަސިންޖަރުން ހޭދަކުރާ ދުވަހެއްގެ ރޭޓުން ޖީއެސްޓީ އަށް 16 ޕަސެންޓު ދައްކަން ޖެހެއެވެ.

އެ ބަދަލާ ގުޅިގެން ބޭރުގެ ޔޮޓުތަކާއި ކްރޫޒްލައިނާތަކުން ރާއްޖެ ދަތުރު ކުރާ މިންވަރު ވަނީ ދަށަށް ގޮސްފައެވެ. އެއާއެކު ގަވާއިދު އިސްލާހު މަސައްކަތް ކުރަމުންދާ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލްވެސް ވަނީ ދާދިފަހުން ވިދާޅުވެފައެވެ.