އަމިއްލަ ފަރާތްތަކުން ރިހެބިލިޓޭޝަން ސެންޓަރުތައް ހިންގުމުގެ ފުރުސަތު ދޭން ސަރުކާރުން ނިންމައިފިއެވެ.
އެކަން ހާމަކުރައްވާފައިވަނީ މިހާރު ރައީސް އޮފީހުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހީމެވެ.
ނާޒިމް ވިދޅާުވީ ރާއްޖޭގެ ތިން ސަރަހައްދެއްގައި ރިހެބިލިޓޭޝަން ފަރުވާ ދިނުމަށް މަރުކަޒުތައް ގާއިމުކުރުމާއި މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދިނުމަށްޓަކައި މަސްތުވާތަކެއްޗާ ބެހޭ ގާނޫނު ބަޔާންކުރާ ފަރުވާދޭ މަރުކަޒުތައް ރާއްޖެއާއި ރާއްޖެއިން ބޭރުގެ އަމިއްލަ ފަރާތްތައް މެދުވެރިކޮށް ގާއިމުކުރުމުގެ ހުއްދައަކާ ގުޅިގެން މަޝްވަރާކުރެވުނު ކަމަށެވެ. އަދި އެކަމަށް އެދި ކެބިނެޓަށް ހުށަހަޅާފައިވަނީ ހޯމްލެންށް މިނިސްޓްރީއިން ކަމަށް ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ މިއީ ދިވެހި މުޖުތަމައުގައި ވަރަށްވެސް ހައްސާސް މައްސަލައެއް ކަމަށާއި މިކަމަށް އަވަސް ހައްލެއް ބޭނުންވެފައިވާ މައްސަލައެއް އެހެންނަމަވެސް ގޮންޖެހުންތަކެއްވެސް ހުރި މައްސަލައެއް ކަމަށެވެ.
މި މައްސަލާގައި މަޝްވަރާކުރެވި މަސްތުވާތަކެތި ބޭނުން ކުރާ ފަރާތްތައް ކޮމިއުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ޕްރޮގްރާމެއް ހިންގުމަށްޓަކައި މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތައް ކޮމިއުނިޓީ ބޭސްޑް ރިހިބިލިޓޭޝަން ޕްރޮގްރާމް ކަމާބެހޭ ފަރާތްތަކުގެ އެހީތެރިކަން ހޯދައިގެން ދިވެހި ރާއްޖޭގެ ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން އަދި އިސްލާމީ ހަމަތަކަށް ފެތޭގޮތަށް ހިންގަން ފެއްޓުމަށް ނިންމާފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ އެގޮތުން މި ޕްރޮގްރާމް ފުރަތަމަ ހިންގާ ތިން ސަރަހައްދެއްގެ ގޮތުގައި ނ. ވެލިދޫ، ކ. ކާށިދޫ އަދި ލ. އަތޮޅުގެ އެއް ރަށް ހިމެނޭ ކަމަށެވެ. އަދި އެ ރަށެއް ހަމަޖައްސަވާނީ ކައުންސިލާ މަޝްވަރާކުރެއްވުމަށްފަހު ކަމަށްވެސް ނާޒިމް ވަނީ ވިދާޅުވެފައެވެ.