ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީ މުވައްޒަފުންނަށް ވަޒީފާގެ އެއްބަސްވުމުގެ ދަށުން ދޭންޖެހޭ މުސާރަ، އެ މުވައްޒަފެއްގެ އަމިއްލަ ނަމުގައި ހުޅުވާފައިވާ ބޭންކް އެކައުންޓަކަށް ޖަމާކުރުމަށް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޮލޮޖީން އަންގައިފިއެވެ.
ހޯމްލޭންޑް މިނިސްޓްރީން ކުރި އިއުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދަށް 3 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދަށް މިހާރު ވަނީ އަމަލުކުރަން ފަށާފައެވެ.
އަލަށް އަމަލުކުރަން ފެށި ގަވާއިދުގެ 58 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތުން، ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުންނަށް ދޭންޖެހޭ މުސާރަ ޖަމާކުރަންވާނީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގައި ރަޖިސްޓަރީކޮށްފައިވާ ނުވަތަ އެ އޮތޯރިޓީން ހުއްދަދީފައިވާ ބޭންކެއްގައި އެ މުވައްޒަފެއްގެ ނަމުގައި ހުޅުވާފައިވާ ބޭންކް އެކައުންޓަކަށެވެ. އެހެންކަމުން، ވަޒީފާދޭ އެންމެހައި ފަރާތްތަކުން އެ ފަރާތްތަކުގެ ދަށުން މަސައްކަތްކުރާ ބިދޭސީ މުވައްޒަފުންގެ ނަމުގައި ވީއެންމެ އަވަހަކަށް ބޭންކް އެކައުންޓް ހުޅުވައިދިނުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.
މީގެއިތުރުން، ލޭބާ ރިލޭޝަންސް އޮތޯރިޓީން ތަހުގީގުކުރާ މައްސަލަތަކުގެ ތެރެއިން ބިދޭސީ މުވައްޒަފުންގެ މުސާރައާ ގުޅޭ މައްސަލަތަކުގައި މުވައްޒަފަށް މުސާރަ ދީފައިވާކަމަށް ބެލެވޭނީ، އެމްއެމްއޭ ގައި ރަޖިސްޓަރީކޮށްފައިވާ ނުވަތަ އެ އޮތޯރިޓީން ހުއްދަދީފައިވާ ބޭންކެއްގައި ހުޅުވާފައިވާ އެ މުވައްޒަފެއްގެ އަމިއްލަ އެކައުންޓަށް މުސާރަ ޖަމާކޮށްފައިވާނަމަ ކަމަށްވެސް ހޯމްލޭންޑް މިނިސްޓްރީން ވަނީ ހަނދާންކޮށްދީފައެވެ.
މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން 1485 އަށް ގުޅުއްވުމަށް ނުވަތަ އީމެއިލް ކުރެއްވުމަށް އެ މިނިސްޓްރީން ވަނީ އެދިފައެވެ.
