މަސްތުވާތަކެތީގެ ވިޔަފާރިކުރާ 24 ނެޓްވޯކެއްގެ މައްސަލަ މިހާރު ބަލަމުންދާ ކަމަށާއި، އޭގެތެރެއިން ތިން މައްސަލައެއް މުޅިން ނިންމައި ކޯޓަށް ހުށަހަޅާފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިރޭ ވިދާޅުވެއްޖެއެވެ.
އެކަން ހާމަކުރެއްވީ "އަހާ ފޯރަމް" ގައި އާންމުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
މުޅި ރާއްޖެ ހިމެނޭހެން މި 24 ނެޓްވޯކްގެ މައްސަލަ ބަލަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ކޯޓު މަރުހަލާގައި މިހާރު ބަލަމުންދާ ތިން މައްސަލައިގެ ތެރޭގައި 3.6 ބިލިއަން ރުފިޔާއާއި 148،000 ޑޮލަރުގެ ކޭޝް ނެގިފައި ހުރި މައްސަލަތައް ހިމެނެއެވެ. މީގެ އިތުރުން އެތައް ހާސް ރުފިޔާއަކާއި ޑޮލަރެއްގެ މުދާވެސް މި މައްސަލަތަކުގެ ތެރޭގައި ހިމެނޭ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. މި ނެޓްވޯކްތަކަށް އަމާޒުކޮށްގެން މިހާރު ހެދިފައިވާ ގާނޫނުގެ ދަށުން، ނަތީޖާ ނެރެވޭއިރު މި ބައިމީހުން ޖަލަށް ލެވި އެމީހުންގެ މުދާތައް ދައުލަތަށް ނެގިފައި ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، މަސްތުވާތަކެތީގެ މައްސަލައަކީ ރާއްޖޭގައި 40 އަހަރަށްވުރެ ގިނަ ދުވަސްވީ ޒަމާންވީ މައްސަލައެއް ކަމަށެވެ. މި ވަބާގައި ރާއްޖޭގެ އެތައް ހާސް ބަޔަކު ޖެހިފައިވާއިރު، މިކަމުން ވިޔަފާރިކޮށް މަންފާ ހޯދާ އެތައް ބަޔަކު ވެސް އެބައުޅޭ ކަމަށް ފާހަގަކުރެއްވިއެވެ.
މި މައްސަލައަށް ހައްލު ގެނައުމަށް ދެ ގޮތަކަށް މަސައްކަތް ކުރުމަށް ނިންމާފައިވާ ކަމަށް އިހުސާން ވިދާޅުވިއެވެ. އެއްގޮތަކީ މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް ނުވަތަ އެ ބަލީގެ ޝިކާރައަކަށް ވެފައިވާ ފަރާތްތަކަށް ފަރުވާ ދިނުމާއި، އެ ޑިޕެންޑެންސީ މަދުކުރުމަށްޓަކައި ޑިމާންޑް ރިޑިއުސް ކުރުމަށް ކުރަންޖެހޭ ކަންކަން ކުރުމެވެ. ދެވަނަ ކަމަކަށް ބަލާފައިވަނީ މަސްތުވާތަކެތީގެ ސަޕްލައި މަދު ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކުރުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިހުސާން ދެއްވި ތަފާސްހިސާބުތަކަށް ބަލާއިރު، ފާއިތުވި ދެ އަހަރާ ބައިގެ ތެރޭގައި ގާތްގަނޑަކަށް 1.3 ޓަނުގެ މަސްތުވާތަކެތި ވަނީ ރާއްޖޭގެ މަގުތަކުން ނަގާފައެވެ. ދިވެހި ރުފިޔާއިން އޭގެ މަގުމަތީ އަގަކީ 1.5 ބިލިއަން ރުފިޔާއެވެ. މިއީ ފާއިތުވެ ދިޔަ ތިން އަހަރަށް ބަލާއިރު، އޭގެ ކުރީގެ ސަރުކާރުތަކުގެ ތިން އަހަރާ އަޅާ ބަލާއިރު ރެކޯޑް އަދަދެއް ކަމަށާއި، މިކަމަކީ ފުލުހުންނާއި ކަސްޓަމްސް އިން ކޮށްފައިވާ ބޮޑު މަސައްކަތެއްގެ ނަތީޖާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ކުރިން މަސައްކަތް ކުރީ ޑްރަގް އޮންނަ ކުއްޖާ ހައްޔަރުކުރަން ނަމަވެސް، މި ސަރުކާރުގެ ވިސްނުމަކީ ޑްރަގް ރާއްޖެއަށް އެތެރެކޮށް އޭގެ ވިޔަފާރިކުރާ ނެޓްވޯކްތައް ނައްތާލައި، އެމީހުންގެ ވިޔަފާރިތަކުން ހޯދާފައިވާ ފައިދާ، އަދި ހޯދާފައިހުރި މުދާވެސް ދައުލަތަށް ނެގުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ޑްރަގް ވިއްކައިގެން ރާއްޖޭގެ ރައްޔިތުން ހާލުގައި ޖައްސައިގެން ދެން ކުރެވޭނެ ވިޔަފާރިއެއް ރާއްޖޭގައި ނޯންނާނެ ކަމަށް އޭނާ ހާމަކުރެއްވިއެވެ.
ޑްރަގް ކެފޭއެއްގެ ގޮތުގައި އެއް ގެއެއްގެ ތެރޭގައި މަސްތުވާތަކެތި ބޭނުންކުރަމުންދާ މައްސަލައަކީ ތަކުރާރުކޮށް ދިމާވާ އެންމެ ބޮޑު އެއް މައްސަލަ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. ފުލުހުން ގޮސް އެތަންތަނުން މީހުން ނަގައި ތަން ބަންދުކުރި ނަމަވެސް، އަނެއް ދުވަހު އަނެއްކާވެސް އެތަން ހުޅުވައިގެން ވިޔަފާރި ކުރާ ކަމަށާއި، މާލޭގެ ގިނަ ފަރާތްތަކަށް ޖެހިގެން އިންނަ ގޯޅިތަކުގައި މިކަން ވަރަށް ފުޅާ ދާއިރާއެއްގައި ހިނގާކަން އެނގޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މިކަމަށް ހައްލު ހޯދުމަށްޓަކައި އެފަދަ ތަންތަނަށް ވަރަށް ގާތްގާތުގައި ރެއިޑް ކުރަމުންދާ ކަމަށް ވިދާޅުވަމުން، މިދިޔަ ދެ އަހަރާ ބައިގެ ތެރޭގައި އެފަދަ އެއް ގެއަކަށް 140 އަށްވުރެ ގިނަ ފަހަރު ރެއިޑްކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިކަން ހުއްޓުވުމަށް ފަހުން ގާނޫނަށް ގެނައި ބަދަލުގައި އެތަން ކޯޓު އަމުރެއްގެ ދަށުން ނަގާނެ ކަމަށާއި، އެއަށްފަހުވެސް އެތަން ހުޅުވައި ވިޔަފާރި ކުރާނަމަ އެތަނެއް ދައުލަތަށް ނެގޭ ގޮތަށް ވެސް ގާނޫނަށް ވަނީ ބަދަލު ގެނެސްފައި ކަމަށެވެ.
މިގޮތުން، ފާއިތުވެ ދިޔަ ތިން ނުވަތަ ހަތަރު މަހެއްގެ ތެރޭގައި 17 ތަނެއް ވަނީ ބަންދުކޮށްފައެވެ. މި ތަންތަން ހިމެނެނީ އައްޑޫ އަތޮޅުން ހަތަރު ތަނާއި، ފުވައްމުލަކުން އެއް ތަނާއި، މާލެއިން 12 ތަނެވެ. މިނިސްޓަރު ވިދާޅުވީ، ކުރިއަށް އޮތް ނޮވެމްބަރު މަހާ ހަމައަށް މާލޭގައި އާންމުކޮށް ޑްރަގް ވިއްކާ މިފަދަ ކެފޭ ފަދަ ތަންތަން އެއްކޮށް ބަންދުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
