މީސްމީޑިއާގައި ދައުރުވަމުންދާ، ހޯމް މިނިސްޓްރީން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ފޮނުވާފައިވާ ކަމަށް ބުނާ ސިޓީއަކީ ސައްހަ ލިޔުމެއް ނޫން ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މި ސިޓީ ހިއްސާކުރައްވާ މިނިސްޓަރު އިހުސާން ވިދާޅުވީ މިނިސްޓްރީގެ ރަސްމީ ސިޓީއެއް ކަމަށް ދެއްކުމަށް ހަދާފައިވާ ފޭކް ސިޓީއެއް މީސްމީޑިއާގައި ދައުރުކުރަމުންދާ ކަމަށެވެ.
އަދި ހޯމް މިނިސްޓްރީއަކީ ތަހުގީގު ހިންގާ އިދާރާއަކަށް ނުވާތީ އެފަދަ އެއްވެސް ލިޔެކިޔުމެއް ބޭންކަކަށް އަދި އެހެން އިދާރާއަކަށް ވެސް ފޮނުވާފައި ނުވާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ދައުލަތުގެ އިދާރާތަކުގެ ނަމުގައި މިފަދަ ކަންކަން ނުހިންގުމަށް އެންމެހާ ފަރާތްތަކަށް އިލްތިމާސްކުރައްވާކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.
މީސްމީޑިއާގައި ދައުރުކުރަމުންދާ އެ ސިޓީގައި ބުނެފައިވަނީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކަނޑައަޅާފައިވާ ރޭޓަށް ވުރެ މަތިން ޑޮލަރު މާރުކުރުމުގެ މައްސަލަ ހައްލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަޅުއްވަން ނިންމަވާފައިވާ ފިޔަވަޅުތައް ތަންފީޒުކުރުމުގެ މަސައްކަތް ހޯމް މިނިސްޓްރީން ކުރަމުންދާކަމަށެވެ.
އަދި ކަޅު ބާޒާރުގައި ޑޮލަރު ވިއްކުމަކީ މަނީ ލޯންޑަރިންގެ އަމަލެއް ކަމަށް ބަޔާންކޮށް ގާނޫނު ނަންބަރު 24/2010 ގެ ދަށުން ފިޔަވަޅު އެޅުމުގެ ނިޒާމެއް ގާއިމުކުރުމުގެ މުހިންމު މަސައްކަތްތަކެއް ކުރެވެމުން ދާކަމަށް ވަނީ ބަޔާންކޮށްފައެވެ.
އެ ސިޓީގައި ވަނީ މަނީ އެކްސްޗޭންޖް ލައިސަންސް ލިބިފައިވާ ފަރާތްތަކާއި އެ ފަރާތްތަކަށް 500 ޑޮލަރަށް ވުރެ މަތިން ފައިސާ ފޮނުވާފައިވާ ފަރާތްތަކުގެ ފާއިތުވި 6 މަސް ދުވަހުގެ ބޭންކް ސްޓޭޓްމަންޓްތައް ސީއެސްވީ ފޯމެޓުގައި ހިއްސާކުރުމަށް ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފުގެ ކިބައިން އެދިފައެވެ.
