ޖަޕާނުގެ މެދުތެރޭގެ ރަށެއް ކަމަށް ވާ އިޝިކަވާ އަށް ރިކްޓާ މިންގަނޑުން 7.6 ގެ ބާރުމިނުގެ ބިންހެލުމެއް އަތުވެއްޖެއެވެ.

ޖަޕާނަށް އައި ބިންހެލުމާއެކު ޖަޕާނުގެ ގައުމީ މޫސުމާ ބެހޭ އިދާރާއިން ވަނީ އާންމުކޮށް ސުނާމީގެ އިންޒާރު ދީފައެވެ. އަދި ޖަޕާނުގެ ހުޅަނގު އައްސޭރި ފަށުގައި ދިރިއުޅޭ މީހުން ރައްކާތެރި ސަރަހައްދުތަކަށް ބަދަލުވެ، އެ ސަރަހައްދު ހުސްކުރުމަށް ވަނީ އަންގާފައެވެ.

މި ބިންހެލުމާއެކު ޖަޕާނުގެ ހުޅަނގު އައްސޭރިފަށަށް ސުނާމީގެ ފުރަތަމަ ރާޅު އައިސްފައި ވާއިރު އެ ރާޅު އެއް މީޓަރު [3.3 ފޫޓު] އަށް ވުރެ އުސް ކަމަށް ބޭރުގެ މީޑިއާތަކުގައި ރިޕޯޓްކޮށްފައި ވެއެވެ. އަދި 5 މީޓަރު (16.5 ފޫޓު) އަށް ވުރެ އުސް ސުނާމީ ރާޅުތައް އަރާނެ ކަމުގެ އިިންޒާރު ވެސް ދީފައި ވެއެވެ.

އެހެންކަމުން އެ ސަރަހައްދުގައި އުޅޭ ފަރާތްތަކުން އުސް ބިންތަކަށް ނުވަތަ ހުރި އުސް އިމާރާތްތަކަށް ބަދަލުވުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.

ރިކްޓާ މިންގަނޑުން 7.6 ގައި މި ބިންހެލުން އައިސްފައި ވާރު ފާއިތުވި ދޮޅު ގަޑިއިރުގެ ތެރޭގައި ރިކްޓާ މިންގަނޑުން 4 ގެ ބާރުމިނުގައި 21 ލޮޅުމެއް ވެސް ވަނީ އައިސްފައެވެ. ބިންހެލުންތަކުގެ ސަބަބުން ޖަޕާނުގެ ގިނަ މަގުތަކެއްގައި ބޮޑެތި ރެނދުތައް ލައިފައި ވާ އިރު ގިނަ މަގުތައް ވަނީ ބަންދުކޮށްފައެވެ.

މި ބިންހެލުމާ ގުޅިގެން 33،500 ގެއަކުން ކަރަންޓު ވެސް ވަނީ ކެނޑިފައެވެ.

ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފައި ވަނީ އެ ބިންހެލުންތަކުގެ ސަބަބުން ރާއްޖެއަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށެވެ.