ޖަޕާން ސަރުކާރުގެ "ޕްރޮޖެކްޓް ފޮ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ސްކޮލާޝިޕް" (ޖޭޑީއެސް) ގެ ދަށުން 2026 ވަނަ އަހަރަށް ދިވެހިރާއްޖެއަށް 152 މިލިއަން ޖަޕަނީސް ޔެން (1.02 މިލިއަން އެމެރިކާ ޑޮލަރު) ގެ ހިލޭ އެހީއެއް ދީފިއެވެ.

މި އެހީއާ ގުޅޭ "އެކްސްޗޭންޖް އޮފް ނޯޓްސް" އެއްބަސްވުމުގައި މިއަދު ހެނދުނު މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި ބޭއްވި ރަސްމިއްޔާތެއްގައި ވަނީ ސޮއިކޮށްފައެވެ. ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮ ފޮރިން އެފެއާޒްޝެރީނާ އަބްދުއްސަމަދު އެވެ. ޖަޕާން ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމިކޯއެވެ.

ފޮރިން މިނިސްޓްރީން ބުނީ 2020 ވަނަ އަހަރުން ފެށިގެން ޖަޕާނުން ދެމުން އަންނަ މި އެހީގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ އިންސާނީ ވަސީލަތްތައް ތަރައްގީކުރުން ކަމަށެވެ. މި ޕްރޮގްރާމްގެ ދަށުން ދިވެހި ދަރިވަރުންނަށް ޖަޕާނުގެ މަތީ ފެންވަރުގެ ޔުނިވާސިޓީތަކުން މާސްޓާސް ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ފަހިވެގެންދާއިރު މީގެ މަގްސަދަކީ ރާއްޖޭގެ އިޖުތިމާއީ އަދި އިގުތިސާދީ ސިޔާސަތުތައް އެކުލަވާލުމާއި ގައުމު ބިނާކުރުމުގައި އިސް ދައުރެއް އަދާކުރާނެ ގާބިލު ޒުވާނުން އުފެއްދުން ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މި ޕްރޮގްރާމްގެ ދަށުން މިހާތަނަށް 17 ދަރިވަރަކު ތައުލީމު ހާސިލްކޮށްގެން ދަސްވެނިވެފައިވާއިރު، މިހާރުވެސް 9 ދަރިވަރަކު ޖަޕާނުގައި ދަނީ ކިޔަވަމުންނެވެ. މިއަދުގެ ސޮއިކުރުމުގެ ރަސްމިއްޔާތުގައި ފޮރިން މިނިސްޓްރީގެ އިތުރުން، މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔާ އެޑިޔުކޭޝަން، ފިނޭންސް މިނިސްޓްރީ، ސިވިލް ސާވިސް ކޮމިޝަން، ޖަޕާން އެމްބަސީ އަދި ޖައިކާ ގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.