ޖަޕާންގެ އެންމެ އުސް ފަރުބަދަ ކަމަށްވާ މައުންޓް ފުޖީއަށް އަރަމުންދިޔަ ބައްޕައަކު، އޭނާގެ 7 އަހަރުގެ ދަރިފުޅު ވަރުބަލިވުމުން އެކަނި ފަރުބަދަމަތީގައި ބެހެއްޓުމަށްފަހު ދަތުރު ކުރިއަށް ގެންދިޔަ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
އުމުރުން 48 އަހަރުގެ ބައްޕަ، އޭނާގެ ދޮށީ ދަރިފުޅާއެކު ފަރުބަދައަށް އެރުން ކުރިއަށް ގެންދިޔައީ، 7 އަހަރުގެ ކުއްޖާއަށް ބުއިމަކާއި ލުއިކާނާއެއް ދިނުމަށްފަހު "މިތާ މަޑުކުރާށޭ" ބުނެފައެވެ. މި ކުއްޖާ ފެނިފައިވަނީ ބުރާސްފަތި ދުވަހުގެ ހެނދުނު 07:30 ހާއިރު، ފުނިމުސްކުރާ އަދި ވާރޭވެހެމުންދިޔަ ވަގުތެއްގައި، 2،000 މީޓަރަށްވުރެ އުސް ހިސާބެއްގައި ހުރި ގޮނޑިއެއްގައި އެކަނި އިށީނދެގެން އިންދައެވެ.
ކުއްޖާ އެކަނި އިންދާ ފެނުނީ އެ ސަރަހައްދުގައި ހުންނަ ހަޓެއްގެ މުވައްޒަފުންނަށެވެ. އެ މީހުން ފުލުހުންނަށް ރިޕޯޓުކުރުމުން، ފުލުހުން ވަނީ ކުއްޖާ ހުރި ހިސާބުން ފެށިގެން 3 ގަޑިއިރުގެ ރާސްތާއެއްގައި ހުރި ބައްޕަ ހޯދާފައެވެ. 8 ގަޑިއިރު ވަންދެން އެކަނި އިނުމުގެ ސަބަބުން ކުއްޖާ އިނީ ވަރަށް ބޮޑަށް ވަރުބަލިވެފައެވެ.
ޖަޕާން ޓުޑޭ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ފުލުހުން ވަނީ ބައްޕަގެ މި އަމަލާ ގުޅިގެން އޭނާއަށް ވަރަށް ބޮޑަށް ނަސޭހަތްތެރިވެފައެވެ. "ފަރުބަދައަށް އެރުން ހުއްޓާލަން ޖެހުނަސް، ކުޑަކުއްޖަކު އެކަނި ދޫކޮށްލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން،" ކަމަށް ފުލުހުން ބުނެފައިވެއެވެ. ބައްޕަ ވަނީ އޭނާއަށް ނިންމުނު ގޯސް ނިންމުމަށް މާފަށް އެދިފައެވެ.
މި އާއިލާ ދަތުރުކުރަމުން ދިޔައީ އާންމު ދަތުރުފަތުރުގެ ނިޒާމުން ދެވޭ ހިސާބެއް ކަމަށްވާ ފަސްވަނަ ސްޓޭޝަނުން ފެށޭ "ފުޖިނޯމިޔާ" ރޫޓުންނެވެ. ގައިޑުން ބުނާ ގޮތުގައި އެ ހިސާބުން ފެށިގެން ފަރުބަދައިގެ އެންމެ މައްޗަށް ދިއުމަށް 5 ގަޑިއިރު ނަގާއިރު، ތިރިއަށް ފޭބުމަށް އިތުރު 3 ގަޑިއިރު ނަގާނެއެވެ.
3،776 މީޓަރު އުސް މައުންޓް ފުޖީއަކީ 2013 ވަނަ އަހަރު ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމަނާފައިވާ ތަނެކެވެ. ކޮންމެ އަހަރަކު 2 ލައްކައެއްހާ މީހުން މި ފަރުބަދައަށް އަރާއިރު، ފަހަކަށް އައިސް މިފަދަ ހާދިސާތައް ހިނގުން ވަނީ އާންމުވެފައެވެ. އެގޮތުން މިދިޔަ ޖުލައި މަހު 99 އަހަރުގެ އަންހެނަކު ވެއްޓި އަނިޔާވުމުން ސަލާމަތްކުރަން ޖެހުނުއިރު، މިދިޔަ އަހަރު 27 އަހަރުގެ ޒުވާނަކު ގެއްލުނު ފޯނެއް ހޯދަން ގޮސްގެން 4 ދުވަސް ތެރޭގައި ދެ ފަހަރަށް ސަލާމަތްކުރަން ޖެހިފައިވެއެވެ.
