ފެންބޮޑުވުމުގެ ކާރިސާތަކުން ރައްކާތެރިވުމަށްޓަކައި ޖަޕާނު ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހަދިޔާކުރި ފެންހިއްކާ ޕަންޕުތައް ފަސް ރަށެއްގެ ކައުންސިލާ ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހަވާލުކޮށްފިއެވެ.

މި ތަކެއްޗަކީ ޖަޕާނު ސަރުކާރުން ކުރިއަށްގެންދާ "އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް" ގެ ދަށުން ރާއްޖެއަށް ފޯރުކޮށްދީފައިވާ އެހީއެކެވެ. މިއަދު މި ތަކެތި ހަވާލުކުރި ފަސް ރަށަކީ ރ. އިނގުރައިދޫ، ކ. ކާށިދޫ، މ. މުލައް، އއ. ފެރިދޫ އަދި ތ. ކަނޑޫދޫ އެވެ.

މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ޖުމްލަ 40 ޕަންޕު ލިބިފައިވާއިރު، ފުރަތަމަ ބުރުގައި 20 ރަށަކަށް މި ތަކެތި ބެހުމަށް ވަނީ ހަމަޖެހިފައެވެ. އެންޑީއެމްއޭ އިން މައުލޫމާތު ދޭ ގޮތުގައި ކޮންމެ ރަށަކަށް ދެ ޕަންޕާއި އޭގެ އެކްސެސެރީޒް ހަވާލުކުރެވޭނެއެވެ. މި ރަށްތައް ކަނޑައެޅުމުގައި ބަލާފައިވަނީ މީގެ ކުރިން އެ އޮތޯރިޓީން ޕަންޕު ފޯރުކޮށްދީފައިނުވާ ރަށްތަކުގެ ތެރެއިން، ފާއިތުވި އަހަރުތަކުގައި އާންމުކޮށް ފެންބޮޑުވުމުގެ ހާދިސާތައް ކުރިމަތިވެ ރިޕޯޓްކޮށްފައިވާ ރަށްތަކަށެވެ.

މި މަޝްރޫއަކީ ކާރިސާތަކަށް އިޖާބަދިނުމުގެ ކަންކަން އަތޮޅުތެރޭގައި ހަރުދަނާކޮށް، ވިލުންތެރި ރާއްޖެއެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުތަކުގެ ދަށުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

މި މަޝްރޫއުގެ ދެވަނަ ބުރުގައި ޕަންޕު ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ރަށްތަކުގެ ތެރޭގައި ހއ. އިހަވަންދޫ، ހއ. ދިއްދޫ، ހއ. އުލިގަން، ހދ. ނެއްލައިދޫ، ނ. މާފަރު، ރ. ފައިނު، ބ. ކުޑަރިކިލު، ޅ. ނައިފަރު، ކ. ގާފަރު، ތ. ބުރުނީ، ދ. ހުޅުދެލި، ފ. މަގޫދޫ، ފ. ބިލެއްދޫ، ގދ. ހޯޑެއްދޫ އަދި ގދ. ކަނޑުހުޅުދޫ ހިމެނެއެވެ.

މި އެހީގެ ސަބަބުން މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ފެންބޮޑުވުމުގެ ހާދިސާތަކުން ރަށްތަކަށް ލިބޭ ގެއްލުން ކުޑަކުރުމަށް ބޮޑު ބާރަކަށް ވެގެންދާނެއެވެ.