ފަޅައިގެން ދިޔަ ތަން ބެންދުމަށްފަހު ގއ. ނިލަންދޫ ފަރަށް އެރި ދޯނި އެ ރަށު ބަނދަރަށް ވައްދައިފިއެވެ.

އެމްއެންޑީއެފްއިން ބުނީ ގއ.ނިލަންދޫ އަށް ވަންނަން ދަތުރުކުރަމުން ދިޔަ "ސައުތު ލައިން" ނަމަކަށްކިޔާ ސަޕްލައި ދޯންޏެއް އެ ރަށު ނެރުމައްޗަށް އުރިފައިވާ ކަމުގެ މައުލޫމާތު އެމްއެންޑީއެފްއަށް ލިބިފައި ވަނީ ރޭ 8:36 ހާއިރު ކަމަށެވެ. އަދި އެ ހަބަރު ލިބުމާއެކު ސިފައިން އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާ ކަމަށެވެ.

އެ ދޯނީގެ ދަތުރުކުރަމުންދިޔައީ 11 ފަޅުވެރިންނާއެކު ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ. އަދި އެ ދޯނީގެ ކުރީކޮޅު ބަނޑުދަށް ފަރާތުން ފަޅައިގެންގޮސް ދިޔަވަމުންދާތީ ޕަންޕު ޖައްސައިގެން ފެން ހިއްކައި، ފަޅައިގެންގޮސްފައި އޮތް ތަން ބެއްދުމުގައި ކޯސްޓްގާޑުގެ ޑައިވަރުންވަނީ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.

އެމްއެންޑީއެފްއިން އިތުރަށް ބުނީ ދޯނީގެ ފަޅައިގެންގޮސްފައިވާ ތަން ބައްދައި، ރޭ މެންދަމު 3:19 ހާއިރު އެ ދޯނީގެ ވެރިފަރާތުން ގެނައި އިތުރު ދޯންޏެއްގެ އެހީގައި ކަފުޖަހައިގެން ދޯނި ގއ.ނިލަންދޫ ބަނދަރަށް ވައްދާފައިވާ ކަމަށެވެ.

މި ހާދިސާގައި ދޯނިން ދަތުރުކުރި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނުކަމުގެ މައުލޫމާތެއް ލިބިފައެއް ނުވާ ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ. އަދި ދޯނި ނެރުމައްޗަށް އުރުނު އިރު ދޯނީގައި އެއްވެސް މުދަލެއް ނެތް ކަމަށް ވެސް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.