ފާއިތުވި ތިން އަހަރުގެ ތެރޭގައި 57،709 މީހަކަށް ހިތާއި ހިތުގެ ލޭ ހޮޅިތަކާ ގުޅުންހުރި ބަލިތައް ޖެހުނު ކަމަށް އާސަންދައިން ބުނެފިއެވެ.

އާސަންދައިގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ފާއިތުވި 3 އަހަރުގެ ތެރޭގައި 57،709 މީހަކަށް ހިތާއި ހިތުގެ ލޭ ހޮޅިތަކާ ގުޅުންހުރި ބަލިތައް ޖެހުނުއިރު އޭގެތެރޭގައި ކޮލެސްޓްރޯލާއި ލޭގެ ޕްރެޝަރު މައްޗަށް ދިއުން އަދި ސްޓްރޯކް ހިމެނެއެވެ. އަދި 35،806 މީހަކަށް ފުއްޕާމެއާ ގުޅުންހުރި ބަލިތައް ޖެހުނުއިރު ހަކުރު ބަލި ޖެހުނު 30،803 މީހަކު ހިމެނެއެވެ.

އާސަންދައިން ބުނީ މިދިޔަ 3 އަހަރުގެ ތެރޭގައި 11،635 މީހަކަށް ކިޑްނީގެ ބަލިތައް ޖެހިފައިވާއިރު 3،294 މީހަކަށް ކެންސަރުގެ ބަލިތައް ޖެހިފައިވާ ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅުގެ ތެރޭގައި ހިމެނޭ އަހަރަކު ދެ ފަހަރު ކޮންމެ ރައްޔިތަކަށް މެޑިކަލް ޗެކަޕް ހެދުން މިއަދުން ފެށިގެން ތަންފީޒުކުރަން ފަށާފައިވާއިރު މިއަދުން ފެށިގެން އެ ހިދުމަތް ލިބެމުންދާނީ އުމުރުން 50 އަހަރުން މަތީގެ މީހުންނަށެވެ.

1 އޭޕްރީލްއިން ފެށިގެން 35 އަހަރާއި 49 އަހަރާ ދެމެދު އަދި 19 އަހަރުން ދަށުގެ ކުދިންނަށްވެސް އެ ހިދުމަތް ލިބޭނެ ކަމަށް އެންސްޕާއިން ބުނެއެވެ. ސްކޫލްކުދިންނަށް އެ ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ސްކޫލް ސްކްރީނިން ޕްރޮގްރާމް މުރާޖައާކުރުމަށްފަހު 1 އޭޕްރީލްގައެވެ. އަދި 19 އަހަރާއި 34 އަހަރާއި ދެމެދު އުމުރު ފުރައިގެ މީހުންނަށް އެ ހިދުމަތް ފެށުމަށް ހަމަޖެހިފައިވަނީ ޖުލައި 1 ވަނަ ދުވަހުން ފެށިގެންނެވެ.

އާސަންދައިން ބުނީ އެ ޕްރޮގްރާމްގެ މަގްސަދަކީ ބޮޑެތި ބަލިތައް ކުރިއާލާ ދެނެގަނެ އެކަމަށް އެންމެ އެކަށީގެންވާ ފަރުވާ އަވަހަށް ލިބިދެވޭނެ މަގުފަހިކުރުމާއި ދިވެހި ރައްޔިތުންގެ ސިއްހީ ދުޅަހެޔޮކަން އިތުރުކޮށް ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމުގެ ސަގާފަތެއް އަށަގެންނެވުމާއި ދިރިއުޅުމުގެ އާދަކާދައާއި ވައްޓަފާޅިއަށް ބަދަލުގެނެސް ބަލިތަކުން ރައްކާތެރިވެތިބުމަށް ސަމާލުކަންދޭ ޖީލެއް ބިނާކުރުން ކަމަށެވެ.

އެ ޕްރޮގްރާމްގެ ތެރެއިން އެއްކުރެވޭ މައުލޫމާތުގެ އަލީގައި ސިއްހީ ހިދުމަތްތައް ފޯރުކޮށްދިނުމާއި ސިއްހީ ހިދުމަތްތަކަށް ކުރެވޭ ހަރަދުތަކާ ގުޅޭ ސިޔާސަތުތައް ހަރުދަނާކޮށް، ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދެވޭނެ ނިޒާމެއް ގާއިމްކުރެވިގެންދާނެ ކަމަށް ވެސް އާސަންދައިން ފާހަގަކުރެއެވެ.