ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން، މަހަކު 60،000 ރުފިޔާއިން މަތިން އާމްދަނީ ލިބޭ ފަރާތްތަކަށް މިހާރު ދެމުންދާ ގޮތަށް އާސަންދައިގެ ފުލް ކަވަރޭޖް ނުދޭން ސަރުކާރުން ނިންމައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށްޓަކައި ވުޒާރާތަކުގެ މުވައްޒަފުންގެ އަދަދު މަދުކުރުން ފަދަ މުހިންމު ފިޔަވަޅުތަކެއް މިހާރުވެސް އަޅަމުންދާ ކަމަށެވެ. މީގެ އިތުރުން ދައުލަތުން ފޯރުކޮށްދޭ ހިދުމަތްތަކަކީ އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް އަމާޒުކޮށްގެން ދެވޭ ހިދުމަތްތަކަކަށް ހެދުމަކީވެސް މި ސިޔާސަތުގެ މުހިންމު ބައެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ މިހާރު އާސަންދައިގެ ނިޒާމު އޮތް ގޮތުން، އެންމެ މުއްސަނދި މީހާއިން ފެށިގެން އެންމެ ނިކަމެތި މީހާއާ ހަމައަށްވެސް އެއްވެސް ތަފާތުކުރުމެއް ނެތި ފުރިހަމަ ކަވަރޭޖް ލިބޭ ކަމަށެވެ. ނަމަވެސް އެއީ ދެމެހެއްޓެނިވި އަދި އެންމެ އިންސާފުވެރި އުސޫލު ނޫންކަމަށް މާލީ އަދި ފަންނީ މާހިރުންގެ އިތުރުން ސަރުކާރުންވެސް ގަބޫލުކުރާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ބަދަލާއެކު، އަންނަ މަހުން ފެށިގެން މަހަކު 60،000 ރުފިޔާއިން މަތީގެ އާމްދަނީ ބްރެކެޓްގައި ހިމެނޭ ފަރާތްތަކަށް އާސަންދަ ފޯރުކޮށްދޭނީ "ކޯޕޭ" ނުވަތަ "ޕްރީޕޭ" އުސޫލުންނެވެ. އިންކަމް ޓެކްސް ދައްކާ ފަދަ ތަނަވަސް ފަރާތްތަކަށް، އާންމު ރައްޔިތުންނެކޭ އެއްފަދައިން ހުރިހާ ހިދުމަތެއް ހިލޭ ލިބެން ނުޖެހޭނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ޑރ. މުއިއްޒު އިތުރަށް ވިދާޅުވީ، މި އިސްލާޙީ ބަދަލުގެ ސަބަބުން މިއަހަރުގެ ތެރޭގައިވެސް ބަޖެޓުން ބޮޑު ހަރަދެއް ސަލާމަތް ކުރެވޭނެ ކަމަށެވެ. އަދި އަންނަ އަހަރު ގާތްގަނޑަކަށް 287 މިލިއަން ރުފިޔާ ދައުލަތަށް ސަލާމަތް ކުރެވޭނެ ކަމަށް އަންދާޒާ ކުރެވޭއިރު، އެ ފައިސާ ހަރަދުކުރެވޭނީ ރައްޔިތުންނަށް އެންމެ މުހިންމު އެހެނިހެން ހިދުމަތްތައް ފޯރުކޮށްދިނުމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ނިޒާމު ތަންފީޒުކުރުމާ ގުޅޭ ފަންނީ އަދި އިދާރީ ތަފްސީލުތައް ފިނޭންސް މިނިސްޓްރީ އާއި ކަމާބެހޭ އިދާރާތަކުން ކުރިއަށް އޮތް ދުވަސްތަކުގައި ހާމަކުރަމުން ގެންދާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.