ގައުމީ ހެލްތު އިންޝުއަރެންސް ނިޒާމު، އާސަންދައިގެ ދަށުން ފޯރުކޮށްދޭ ހިދުމަތްތައް ޑިޖިޓަލައިޒްކޮށް، "މައި އާސަންދަ" ޕޯޓަލް މެދުވެރިކޮށް ހިދުމަތްތައް ދޭން ފަށައިފިއެވެ.

މިއާއެކު މީގެ ކުރިން މެނުއަލްކޮށް ފޯމު ހުށަހަޅައިގެން ކުރަމުންދިޔަ ގިނަ މަސައްކަތްތަކަށް ނިމުމެއް އައިސް، ރައްޔިތުންނަށް ލިބޭ ހިދުމަތްތައް ބޮޑުތަނުން އަވަސްވެގެންދާނެ ކަމަށް އާސަންދަ ކުންފުނިން ހާމަކުރެއެވެ.

ޕީއެސްއެމް ނިއުސްގެ "ރާއްޖެމިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާމިނަތު ޒީނިޔާ ވިދާޅުވީ، މީގެ ކުރިން އާސަންދައިގެ ހިދުމަތްތައް ލަސްވާން ދިމާވި މައިގަނޑު ސަބަބަކީ ކަރުދާސް ފޯމުތަކާ، މެނުއަލް ރަޖިސްޓްރީތައް ބޭނުންކުރަން ޖެހުމުން މުވައްޒަފުންގެ ގިނަ ވަގުތު އެކަމަށް ހޭދަވުން ކަމަށެވެ. ނަމަވެސް، އައު ސިސްޓަމް އެއްކޮށް ޑިޖިޓަލައިޒްވުމުން ހިދުމަތުގެ ދުވެލި ވަރަށް ބޮޑަށް ހަލުވެގެންދާނެ ކަމަށް އޭނާ ފާހަގަކުރިއެވެ.

ސަރުކާރުން މިހާރު ވަނީ ހިދުމަތްތައް މަރުކަޒުކޮށް އަވަސްކުރުމުގެ ގޮތުން، މީގެ ކުރިން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) ގެ ދަށުން ހިންގަމުންދިޔަ ބައެއް މުހިއްމު އިޖުތިމާއީ އެހީތަކާއި ވެލްފެއާ ހިދުމަތްތައް އާސަންދައިގެ އިދާރީ ބެލުމުގެ ދަށަށް ބަދަލުކޮށްފައެވެ.

ރާއްޖޭގެ ގައުމީ ޑިޖިޓަލް އައިޑީ އީފާސް ބޭނުންކޮށްގެން ރައްކާތެރިކަމާއެކު ޕޯޓަލްއަށް ވަދެވޭނެ ކަމަށް އާސަންދައިން ވަނީ ބުނެފައެވެ. އަދި ބަލިމީހާގެ ފަރާތުން ކޮންމެ އެހީތެރިއަކަށްވެސް ޕޯޓަލް މެދުވެރިކޮށް ފޯމުތައް ހުށަހެޅުމުގެ ފުރުސަތު ލިބިގެން ދާނެކަން ފާހަގަކޮށް އާސަންދައިން ބުނީ ބޭސްފަރުވާއާ ގުޅިގެން ދައުލަތުގެ އެކި އިދާރާތަކުން ފޯރުކޮށްދޭ އެހީގެ މައުލޫމާތާ، އެކަންކަމަށް އެދި ހުށަހެޅުމުގެ ނިޒާމު މި ޕޯޓަލްގެ ތެރެއިން ލިބެން ހުންނާނެ ކަމަށެވެ. މީގެ އިތުރުން އާސަންދަ ވެލްފެއާ ސްކީމް ގެ ދަށުން ހުށަހަޅާ ފޯމުތައް އެންސްޕާއާ ހިއްސާކުރެވި، ފޯމުގެ ފަހުގެ މައުލޫމާތު ބަލިމީހާއަށް ވަގުތުން ބަލައިލެވޭނެއެވެ.

ނިޒާމަށް ގެނެވޭ އިސްލާހުތަކާއި ހަރަދު ކުޑަކުރުން އާސަންދަ ނިޒާމަށް މި ގެނެވޭ ބަދަލުތަކަކީ ހަމައެކަނި ހިދުމަތް އަވަސްކުރުމަށް ކުރެވޭ މަސައްކަތެއް ނޫންކަން ފާހަގަކޮށް އެ ކުންފުނިން ބުނީ މިއީ ހެދިފައިވާ ގަވާއިދުތަކުގެ ތެރެއިން، ނިޒާމުގެ ނާޖައިޒް މަންފާ އެއްވެސް ފަރާތަކަށް ނުނެގޭނެ ފަދަ ޒިންމާދާރު، ހަރުދަނާ ނިޒާމަކަށް ހެދުމަށް ކުރެވޭ މަސައްކަތެއް ކަމަށެވެ.

އާސަންދަ މެދުވެރިކޮށް ބޭސްފަރުވާއަށް ކުރެވޭ ހޭދަ އަހަރުން އަހަރަށް އިތުރުވަމުން އަންނައިރު މި ޑިޖިޓަލް ބަދަލާއެކު، ބޭސްފަރުވާއަށް ދައުލަތުން ކުރާ ހަރަދުތައް މޮނިޓާކޮށް، އިސްރާފު ކުޑަކުރުމަށް ފަސޭހަވެގެން ދާނެއެވެ. މިގޮތުން އަތޮޅުތެރޭގެ ރަށްތަކަށް ހިދުމަތް ފުޅާކުރުމުގެ ގޮތުން ދާދިފަހުން އައްޑޫ ސިޓީގައިވެސް އާސަންދަ އަދި އެންސްޕާގެ ޖޮއިންޓް އޮފީހެއް ހުޅުވައި ހިދުމަތް ދޭން ފަށާފައިވާކަން އާސަންދައިން ވަނީ ފާހަގަކޮށްފައެވެ.