މާލޭގެ މަގުމަތީގައި ހުންނަ ފާމަސީއަކުން ނުކުތް އުމުރުން ދުވަސްވީ މީހެއްގެ މޫނުމަތިން ފެންނަނީ މާޔޫސްކަމެވެ. އަތުގައި އޮތް ބޭސް ސިޓީއަށް ބޭނުންވާ ހަތަރު ބޭހުގެ ތެރެއިން ލިބުނީ އެންމެ ބޭހެކެވެ. މިއީ މިއަދު ރާއްޖޭގެ ގިނަ ބަޔަކަށް ތަޖުރިބާ ކުރަންޖެހިފައިވާ ހާލަތެކެވެ.
ހާއްސަކޮށް ދިގު މުއްދަތަކަށް ފަރުވާ ހޯދާ ބަލިމީހުންނަށް ބޭނުންވާ ވަކި ބްރޭންޑެއްގެ ބޭސް ނުލިބުމުގެ މައްސަލަ ވަނީ އިންތިހާއަށް ބޮޑުވެފައެވެ. ސަރުކާރުން ބްރޭންޑް ނަންތަކުގެ ބަދަލުގައި ޖެނެރިކް ބޭސް ލިޔަން ބާރުއަޅަމުންދާއިރު، މިއީ ސިއްހީ ގޮތުންނާއި އިގުތިސާދީ ގޮތުން ބޮޑު ބަހުސަކަށް ވަނީ ވެފައެވެ.
ބަލިމީހާއަށް އެންމެ ފައިދާހުރި ގޮތަކީ ކޮބައިކަން ކަނޑައެޅުމުގައި ސިޔާސަތު އެކުލަވާލާ ފަރާތްތަކާއި ސިއްހީ ބައެއް ހިދުމަތްތެރިންގެ މެދުގައި ވަނީ ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.
ޖެނެރިކް ބޭހާއި ބަލިމީހާގެ ރައްކާތެރިކަން
ފިޓް ޖެހުން، ކިޑްނީ ބަލި، ހިތުގެ ބަލި، ޕްރެޝަރު އަދި ހަކުރު ބަލި ފަދަ ދާއިމީ ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށް ކޮންމެ ކޮންމެ ޖެނެރިކް ބޭހެއް ދިނުމަކީ ސިއްހީ ގޮތުން ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމެއް ކަމަށް ބައެއް ޑޮކްޓަރުން އިންޒާރުދެއެވެ. ޖެނެރިކް ބޭހުގައި އެކްޓިވް އިންގްރީޑިއަންޓް އެއްގޮތްވި ނަމަވެސް، ބޭސް ހަށިގަނޑަށް ނެގުމުގައި (ބަޔޯއެވޭލަބިލިޓީ) ތަފާތުތަކެއް ހުރެއެވެ. މިކަމުގެ ސަބަބުން، ހާއްސަކޮށް ފިޓް ޖެހޭ މީހުންނާއި ހިތުގެ ބަލިމީހުން އަދި ކިޑްނީގެ ބަލިމީހުން ބޭނުންކުރާ ބޭހުގެ ބްރޭންޑް ކުއްލިއަކަށް ބަދަލުކުރުމުން ބަލީގެ ހާލަތު ގޯސްވެ، އިތުރު ކޮމްޕްލިކޭޝަންސްތަކާ ކުރިމަތިލާން ޖެހެއެވެ.
މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަނުން ބުނެފައި ވާ ގޮތުގައި، ބަލިމީހާއަށް ވަކި ބްރޭންޑެއްގެ ބޭހެއް ދިނުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށް ޑޮކްޓަރަށް ފެނިއްޖެ ހާލަތެއްގައި އެ ބްރޭންޑެއް ލިޔެދިނުމުގެ އިހުތިޔާރު ޑޮކްޓަރުންނަށް އޮންނަންވާނެއެވެ.
ބޭހަށް ނުގުޑުމާއި ބަލި ކޮންޓްރޯލުން ނައްޓައިގެން ދިއުމަކީ ޖެނެރިކް ބޭހަށް މަޖުބޫރު ކުރުމުން ނުކުމެދާނެ އެންމެ ބޮޑު އެއް ނުރައްކަލެވެ.
ސަރުކާރުގެ ސިޔާސަތާއި ހަރަދު ކުޑަކުރުން
ހެލްތު މިނިސްޓްރީއާއި، އެންސްޕާ އަދި އާސަންދައިން މިހާރު ބާރުއަޅަމުންދަނީ ބޭސް ސިޓީތަކުގައި ޖެނެރިކް ނަން ލިޔުމަށެވެ. 2024 އިން 2027 އަށް އެކުލަވާލާފައިވާ ނޭޝަނަލް މެޑިސިން ޕޮލިސީގެ ދަށުން، އާސަންދައިން ބޭހަށް ފައިސާ ދައްކާނީ ރާއްޖޭގައި ލިބެން ހުންނަ އެންމެ އަގުހެޔޮ ތިން ޖެނެރިކް ބޭހުގެ އެވަރެޖް އަގަށް ބިނާކޮށެވެ. މި ސިޔާސަތުގެ މައިގަނޑު މަގުސަދަކީ ދައުލަތުގެ ބަޖެޓުން ބޭހަށް ކުރާ ހޭދަ ކުޑަކުރުމެވެ. ތަފާސްހިސާބުތައް ދައްކާގޮތުން 2022 ވަނަ އަހަރު އާސަންދައިން ބޭހަށް ކުރި ހަރަދުގެ 60 އިންސައްތަ ހޭދަކޮށްފައި ވަނީ އަސާސީ ބޭހުގެ ލިސްޓުގައި ނުހިމެނޭ، އަގުބޮޑު ބްރޭންޑްތަކަށެވެ. އެހެންކަމުން، ސަރުކާރުން ދެކޭގޮތުގައި ޖެނެރިކް ބޭހަށް ބަދަލުވުމަކީ ދެމެހެއްޓެނިވި ގޮތެއްގައި ސިއްހީ ނިޒާމު ހިންގުމަށް ކޮންމެހެން އަޅަންޖެހޭ ފިޔަވަޅެކެވެ.
"މެޑިކަލް މާފިއާ" އާއި އޭގެ ހަގީގަތް
ރާއްޖޭގައި ބޭހުގެ އަގުތައް އިންތިހާއަށް ބޮޑުވެފައިވަނީ "މެޑިކަލް މާފިއާ" އެއްގެ ސަބަބުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، އާސަންދަ ނިޒާމުގެ ތެރެއިން ބައެއް އަމިއްލަ ކުންފުނިތަކުން 1،000 އިންސައްތައާއި 2،000 އިންސައްތައާ ދެމެދުގެ ފައިދާއެއް ނަގަމުންދިޔައެވެ. ސަރުކާރުން ބޭހުގެ އަގު ކޮންޓްރޯލް ކުރުމަށް ފިޔަވަޅުތަކެއް އެޅުމާއެކު، ބައެއް އިމްޕޯޓަރުން ވަނީ ގަސްތުގައި ބޭސް އެތެރެކުރުން ހުއްޓާލައި، ބާޒާރުގައި ބޭހުގެ ދަތިކަން އުފައްދާފައެވެ. މި މާފިއާ ނައްތާލުމަށްޓަކައި އެސްޓީއޯ މެދުވެރިކޮށް ސީދާ އުފައްދާ ކުންފުނިތަކުން ބޭސް އެތެރެކުރުމުގެ މަސައްކަތް ކުރާ ކަމަށް ސަރުކާރުން ބުނެއެވެ. އަދި މިއީ ދައުލަތަށް 500 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ބަދަލެއް ކަމަށް ވެސް ބުނެފައި ވެއެވެ.
މި ފިޔަވަޅުގެ ވާހަކަ އިއުލާންކޮށް ޔޫރަޕުން ބޭސް ގެންނަ ވާހަކައާއި ފުރަތަމަ ބުރުގައި 7 ބޭހެއް ގެނައި ވާހަކަ ހާމަ ކުރިއެވެ. އޭގެ ފަހުން އެވާހަކަ ނުދައްކާ ދެން އަޑުއިވިގެން ދިޔައީ، ކުރިންވެސް ގެންނަ ގޮތަށް އިންޑިއާއިން ޖެނެރިކް ބޭސް ގެންނަ ވާހަކައެވެ.
މި ސިޔާސަތު ބަދަލުވިކަން ރަސްމީކޮށް ހާމަކޮށްފައި ނުވާއިރު ރައްޔިތުންގެ ކަންބޮޑުވުމަކީ، ބޭސް ސިޓީއަށް ހަމައަށް ބޭސް ލިބެން ނުހުރުމެވެ.
ފާމަސީތަކުގެ އިންވެންޓްރީއާއި ޑޮކްޓަރުންގެ ގުޅުން
ރާއްޖޭގައި ގިނަ އަދަދެއްގެ ފާމަސީތައް ހިންގަމުންދާއިރު، ބޭހުގެ ސްޓޮކް ހުރިގޮތް ޑޮކްޓަރުންނަށް ވަގުތުން ފެންނާނެ މަރުކަޒީ ނިޒާމެއް ނެތުމަކީ ބޮޑު މައްސަލައެކެވެ. ޑޮކްޓަރު ބޭސް ލިޔެދެނީ ފާމަސީތަކުގައި އެ ބޭހެއް ހުރިތޯ ނުވަތަ ނެތްތޯ ނޭނގިއެވެ. އިންވެންޓްރީގައި ނެތް ބޭހެއް ލިޔެދިނުމުން، ބަލިމީހާ ޖެހެނީ ހުސްއަތާ އެނބުރި ދާށެވެ. ބޭހުގެ އިންވެންޓްރީ ޑޮކްޓަރުންނަށް ފެންނަ ގޮތް ހަދައި، ސްޓޮކްގައި ނެތް ބޭހެއް ނުލިޔެދޭން ބާރު އެޅުމަކީ މި މައްސަލައަށް އޮތް ހައްލެއް ކަމުގައި ބެލެވުނު ނަމަވެސް، އޭގެ ސަބަބުން ބަލިމީހާއަށް އެންމެ އެކަށީގެންވާ ބޭސް ނުލިބުމުގެ ނުރައްކާ އޮވެއެވެ. ސަބަބަކީ ސްޓޮކްގައި ހުންނަނީ ހަމައެކަނި މާލީ ގޮތުން ފައިދާ ބޮޑު ޖެނެރިކް ބޭސް ކަމަށް ވެދާނެތީއެވެ.
ރާއްޖޭގެ މިއަދުގެ ހާލަތުގައި ބޭސް ނުލިބުމުގެ ސަބަބުން އެއް ފާމަސީން އަނެއް ފާމަސީއަށް ބަލިމީހާ ހިނގާލެއް މަދެއް ނޫނެވެ. އެސްޓީއޯ ފާމަސީއަށް ދާ މީހުންގެ ތެރެއިން ފުރިހަމައަށް ބޭސް ލިބެނީ އެންމެ 40 އިންސައްތަ މީހުންނަށް ކަމަށް ރިޕޯޓުތައް ދައްކައެވެ. ބޭސް ނުލިބުމުން އެންމެ ފަހުން ޖެހެނީ އަލުން ޑޮކްޓަރަށް ދައްކައިގެން ބޭސް ސިޓީ ބަދަލުކުރާށެވެ. މިއީ މާލީ ގޮތުންނާއި ޖިސްމާނީ ގޮތުން ބަލިމީހާއަށް އުފުލަންޖެހޭ ވަރަށް ބޮޑު ތަކުލީފެކެވެ. ހާއްސަކޮށް އަތޮޅުތެރެއިން މާލެ އައިސް ތިބޭ މީހުންނަށް މިކަމުގެ ދަތިކަން އިންތިހާއަށް ބޮޑެވެ. ބައެއް ފާމަސީތަކުން އާސަންދައިގެ ދަށުން ބޭސް ދޫކުރުން ހުއްޓާލާފައި ވުމުން، އަމިއްލަ ޖީބުން ބޮޑު އަގު ދީފައި ބޭސް ގަންނަން ވަނީ މަޖުބޫރުވުމަކީ ވެސް މައްސަލައެކެވެ.
ގައިންގަޔަށް ނާރާ ބަލިތަކުގެ ނުރައްކާ
ދިވެހިރާއްޖޭގައި މީހުން މަރުވާ މައިގަނޑު ސަބަބަކީ ގައިންގަޔަށް ނާރާ ބަލިތަކެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގައި މަރުވާ މީހުންގެ 84 އިންސައްތަ މީހުން މަރުވަނީ މިފަދަ ބަލިތަކުގައެވެ. އޭގެ ތެރޭގައި އެންމެ އާންމު ބައްޔަކީ ހިތުގެ ބަލިތަކެވެ. މީގެ އިތުރުން، އާބާދީގެ 31.5 އިންސައްތަ މީހުންނަށް ލޭމައްޗަށް ދިއުމުގެ މައްސަލަ ހުރިއިރު، ހަކުރު ބައްޔަކީ ރާއްޖޭގައި މީހުން މަރުވާ 9 ވަނަ އަށް އެންމެ އާންމު ސަބަބެވެ.
ފ. އަތޮޅުގައި ކުރިއަށްގެންދިޔަ ދިރާސާއަކުން ދެއްކި ގޮތުގައި އެ އަތޮޅުގެ އާބާދީގެ 14.2 އިންސައްތަ މީހުންނަށް ޕްރެޝަރުގެ މައްސަލަ ހުރިއިރު، 8.7 އިންސައްތަ މީހުންނަކީ ހަކުރު ބަލީގެ މީހުންނެވެ. މިހާ ގިނަ އަދަދެއްގެ މީހުން ދާއިމީ ބަލިތަކަށް ފަރުވާ ހޯދަމުންދާއިރު، ބޭހުގެ ޔަގީންކަން ނެތުމަކީ މުޅި ގައުމުގެ ސިއްހީ ނިޒާމަށް އޮތް ބޮޑު ނުރައްކަލެކެވެ.
ހަރަދު ކުޑަކުރުމާއި މެޑިކަލް މާފިއާ ނައްތާލުމަކީ މުހިންމު ކަމެއް ނަމަވެސް، އެކަން ކުރަންވާނީ ބަލިމީހުންގެ ފުރާނައަށް ނުރައްކާ ނުވާނެ ފަދަ ހަރުދަނާ އުސޫލުތަކެއްގެ ތެރެއިންނެވެ. ޑޮކްޓަރުންނާއި ފާމަސީތައް ގުޅުވާލަދޭ ޑިޖިޓަލް ނިޒާމެއް ގާއިމުކޮށް، ކޮންމެހެން ބޭނުންވާ ބްރޭންޑްތައް ހުސްނުވެ ލިބޭނެ މަގު ތަނަވަސްކުރުމަކީ ސަރުކާރުން މިހާރުން މިހާރަށް ކުރަންޖެހިފައިވާ ކަމެކެވެ.
