ކެނެބިސް ޓްރެފިކް ކުރުމުގެ ކުށް ސާބިތުވި މީހަކު އެއްލައްކަ ރުފިޔާއިން ޖޫރިމަނާކޮށް، އުމުރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލައިގައި ދައުލަތުން ދައުވާކޮށްފައިވަނީ، ލ ގަން ތުނޑި، އަމްސާޕެލަސް، ސައިފުﷲ ސައީދުގެ މައްޗަށެވެ. ދައުލަތުން ސައިފުގެ މައްޗަށްކޮށްފައިވާ ދައުވާގައި ބުނީ މީހަކު ރާއްޖެ އެތެރެވިއިރު ގެނައި މަސްތުވާތަކެއްޗާ ހަވާލުވެ، އެ ޕާރުސަލް ހިފައިގެން އޭނާ ގޮސްފައިވާކަމަށެވެ. އަދި ފުލުހުން އޭނާ ޗެކްކުރިއިރު އޭނާ ލައިގެން ހުރި ސޯޓުގެ ޖީބުން މަސްތުވާތަކެތި އަޅާފައިވާ ދަޅެއް ފެނިފައިވާކަމަށް އެ ދައުވާގައި ވަނީ ބުނެފައެވެ.

ދައުލަތުން ސައިފުގެ މައްޗަށްކޮށްފައިވާ ކެނެބިސް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާއަށް، އޭނާ އިންކާރުކޮށްފައިވާއިރު، މި މައްސަލައިގެ އަޑުއެހުމުގައި އޭނާވަނީ އެ ފިލްމު ހުސްކުރި ދަޅު ފެނުނު ސޯޓަކީ އޭނާގެ ރައްޓެއްސެއްގެ ސޯޓެއް ކަމަށެވެ. އަދި ސޯޓުގެ ޖީބުގައި މަސްތުވާތަކެތި އަޅާފައިވާ ދަޅެއް އޮތްކަން އޭނާއަށް ނޭނގޭކަމަށްވެސް ސައިފުވަނީ ބުނެފައެވެ.

އެހެންނަމަވެސް މި މައްސަލައިގައި ކްރިމިނަލް ކޯޓުން ވަނީ އޭނާގެ މައްޗަށް ކުށް ސާބިތުވާކަމަށް ހުކުންކޮށްފައެވެ. އަދި މި ކުށުގެ އުގޫބާތެއްގެ ގޮތުން އޭނާ އެއްލައްކަ ރުފިޔާއިން ޖޫރިމަނާކޮށް 25 އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުންކޮށްފައެވެ. އަދި އޭނާ ބަންދުގައި ހުރި މުއްދަތު ހުކުމުން އުނިކުރުމުން އޭނާ ތަންފީޒު ކުރަންޖެހޭނީ 24 އަހަރާ 10 މަހާ 6 ދުވަހުގެ ޖަލު ހުކުމެކެވެ.