އާ އަހަރު ފާހަގަކުރުމަށްޓަކައި އާދީއްތަ ދުވަހުގެރޭ ބާއްވަން ހަމަޖެހިފައިވާ މިއުޒިކް ޝޯ މޫސުން ގޯސްވުމުގެ ސަބަބުން ފަސްކޮށްފިއެވެ.

ޔޫތު މިނިސްޓްރީން ވަނީ އާ އަހަރު ފާހަގަކުރުމަށްޓަކައި ދިވެހީންނަށް ހާއްސަކޮށް 'ދިވެހީންގެ ރާއްޖެ ފެސްޓިވަލް'ގެ ނަމުގައި އާދީއްތަ ދުވަހު ހަވީރާއި ރޭގަނޑު ހަރަކާތްތަކެއް ބާއްވަން ނިންމައިފައެވެ.

އެކަމަކު މިއަދު ނެރުނު ބަޔާނެއްގައި އެ މިނިސްޓްރީން ބުނީ:

  • މެޓު އޮފީހުން ވަނީ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހުރިހާ އަތޮޅަކަށް ރީނދޫ ސަމާލު ނެރެފައި ކަމަށް
  • އެހެންކަމުން ދަތުރުފަތުރުކުރުމުގައި ދިމާވާނެ ދަތިތަކާ ގުޅިގެން ރޭގަނޑުގެ ހަރަކާތްތައް ފަސްކޮށްފައިވާ ކަމަށް

މިނިސްޓްރީގެ ބަޔާނުގައި އެކަމަކު މިއުޒިކް ޝޯ ބާއްވާނެ ސީދާ ތާރީހެއް ހާމައެއްނުކުރެއެވެ. އެކަމަކު މޫސުން ރަނގަޅުވުމުން މިއުޒިކް ޝޯ ހިމެނޭ ރޭގަނޑުގެ ހަރަކާތްތައް ބާއްވާނެ ތާރީހެއް އެ މިނިސްޓްރީން ކަނޑައަޅައި އަންގާނެ ކަމަށް ބުންޏެވެ.

އިއްޔެ ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދު ވިދާޅުވި ގޮތުގައި، އާ އަހަރު ފާހަގަކުރުމަށް ބާއްވާ ހަރަކާތުގެ ތެރެއިން ކުޑަކުދީންނަށް ހާއްސަކޮށް އާއިލީ ހަވީރެއް އޮންނާނެއެވެ. އަދި ރޭގަނޑު ހަވާ އެރުވުމާ އެކު ލޭޒާ ޝޯ އަކާއި ރާއްޖޭގެ ފަންނާނުންގެ ގިނަ ހުށަހެޅުންތަކެއް ކުރިއަށް ދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.