ހަނިމާދޫ އިންޓާނޭޝަނަލް އެއާޕޯޓްގައި އަލަށް ތަރައްގީ ކުރެވޭ ރަންވޭގެ 1،200 މީޓަރު ކުރިއަތް މަސްދުވަހުގެ ތެރޭގައި ނިންމޭނެ ކަމަށް ރީޖަނަލް އެއާޕޯޓްސް ކޮމްޕަނީ ލިމިޓެޑް (އާރްއޭސީއެލް)އިން ބުނެފިއެވެ،
ހަނިމާދޫ އިންޓާނޭޝަނަލް އެއާޕޯޓުގައި އަލަށް ތަރައްގީ ކުރާ ރަންވޭއަކީ 2،460 މީޓަރުގެ ދިގު ރަންވޭއެކެވެ.
އާރްއޭސީއެލްއިން ބުނީ 1،200 މީޓަރުގެ މަސައްކަތް ކުރިއަށް އޮތް މަސްދުވަހެއްހާ ތެރޭގައި ނިންމުމަށްފަހު ނަގަންޖެހޭ ހުއްދަތައް ނަގައި ރަންވޭ ބޭނުންކުރަން ހުޅުވާލެވޭނެ ކަމަށެވެ. އަދި 1،200 މީޓަރުގެ ރަންވޭ ހުޅުވިގެންދާއިރު، ނައިޓް ލޭންޑިން ފެސިލިޓީސް ވެސް ގާއިމްކުރެވިގެންދާނެ ކަމަށާއި ރޭގަނޑުގެ ދަތުރުތަކަށް ހިދުމަތް ދެވޭނެ ކަމަށެވެ.
މުޅި ރަންވޭ (2،460 މީޓަރު)ގެ މަސައްކަތް އަންނަ އަހަރުގެ ދެވަނަ ކުއާޓަރުގެ ތެރޭގައި ނިންމާ، 24 ގަޑިއިރު ބޭނުންކުރުމަށް ހުޅުވާލެވޭނެ ކަމަށް އާރްއޭސީއެލްއިން ބުނެއެވެ.
މި މަޝްރޫއު ކުރިއަށް ދާނީ ވަރަށް ރޭވުންތެރި ކަމާއެކު، އެއާޕޯޓް ބަންދުނުކޮށްކަން އާރްއޭސީއެލްއިން ވަނީ ފާހަގަކޮށްފައެވެ. ރަންވޭގެ މަސައްކަތްތައް ކުރިއަށް ގެންދަނީ 03 ސެގްމަންޓަކަށް ބަހާލައިގެން ކަމަށާއި އެއީ ރައްޔިތުންނަށް ދެމުންދާ ހިދުމަތްތައް ނުހުއްޓި ކުރިއަށް ދެވޭނެ މަގު ފަހިކުރުމުގެ ގޮތުން ކަމަށް އެ ކުންފުނިން ބުނެއެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގެ މަޝްރޫއަކީ މި އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ފެށިގެން ދިޔަ ބިޔަ މަޝްރޫއެކެވެ. އަދި އެއީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނު އެހީގައި ކުރިޔަށް ގެންދާ މަޝްރޫއެކެވެ.
މި މަޝްރޫއުގެ ދަށުން ތަރައްގީ ކުރާ 2،460 މީޓަރުގެ އާ ރަންވޭއާއެކު އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތްދެވޭނެ ޖާގައިގެ ޓާމިނަލެއް ގާއިމްކުރެވިގެން ދާނެ ކަމަށް އާރްއޭސީއެލްއިން ބުނެއެވެ. އަދި ބައިނަލްއަގްވާމީ ދަތުރުތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައްވެސް މި މަޝްރޫއުގެ ތެރެއިން ގާއިމުކުރެވިގެން ދާނެ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ،
އާރްއޭސީއެލްއިން އިތުރަށް ބުނީ މި މަޝްރޫއު ނިމުމުން ބައިނަލްއަގްވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއާބަސް A320 އާއި ބޮއިން 737 މަރުކާގެ ބޯޓު ފަހަރަށް ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުން ހިދުމަތް ދެވޭނެ ކަމަށެވެ. އަދި ތަރައްގީއާއެކު، އުތުރުގެ ރަށްތަކުގައި ފަތުރުވެރިކަން މިހާރަށްވުރެ ބޮޑަށް ފުޅާވެގެންދާނެ ކަމަށެވެ.
މީގެއިތުރުން އެއާޕޯޓު ނިމުމާއެކު ސީދާގޮތުންނާއި ނުސީދާގޮތުން، ބޮޑުތިލަދުންމަތީގެ އިގްތިސާދަށް އިތުރު ދިރުން ލިބިގެންދާނެ ކަމަށް އާރްއޭސީއެލް ބުނެއެވެ. އެގޮތުން އެތައްހާސް ވަޒީފާގެ ފުރުސަތުތައް އުފެދި، ގެސްޓް ހައުސްތައް، ސިޓީ ހޮޓާތައް އަދި ރިސޯޓުތަކުގެ އެނދުތައް އެތައް ގުނައެއް އިތުރުވެގެންދާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.