19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ މި ނިމުނު ދައުރުގައި 57.3 ޕަސެންޓު މަސައްކަތް އެއްކޮށް ނިމުނު ކަމަށް، މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
މި ދައުރުގެ ފަހު ޖަލްސާ ނިންމަވާލެއްވުމުގެ ކުރިން އަސްލަމް ވަނީ މި ދައުރުގައި ކުރިއަށް ދިޔަ މަސައްކަތްތަކުގެ ތަފާސްހިސާބުތަކުގެ ކޮންމެވެސް ވަރެއް އާންމުކުރައްވައިފައެވެ. އަސްލަމް ވިދާޅުވީ މި ދައުރުގައި 38 ޖަލްސާ އެއް ބޭއްވުނު ކަމަށާއި، އެ ޖަލްސާތަކުގައި ޖުމްލަ 93 ގަޑިއިރު މެންބަރުން ހޭދަކުރެއްވި ކަމަށެވެ.
އަސްލަމް ވަނީ މި ދައުރުގައި ކުރެވުނު ބައެއް މަސައްކަތްތަކުގެ ތަފާސްހިސާބުތައް ވެސް އާންމުކުރައްވައިފައެވެ. އެގޮތުން:
- މި ދައުރުގައި 36 ބިލެއް ހުށަހެޅި ފަސް ބިލުގެ މަސައްކަތް ނިމިފައިވޭ
- 25 ގަރާރެއް ހުށަހެޅިފައިވޭ، އޭގެ ތެރެއިން ހަ ގަރާރުގެ މަސައްކަތް ނިމިފައިވޭ، 17 ގަރާރެއް ކޮމިޓީ މަރުހަލާގައި
- ވަޒީރުންނާ 68 ސުވާލެއް ކުރުމަށް ހުށަހެޅުނު، އޭގެ ތެރެއިން 51 ސުވާލު ވަނީ ކުރެވިފައި، 17 ސުވާލުގެ ނޯޓިސް ފޮނުވިފައިވޭ
ނިމުނު މި ދައުރުގައި ކުރެވުނު މަސައްކަތްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ މުހިންމު މަސައްކަތްތަކުގެ ތެރޭގައި އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ދައުލަތުގެ ބަޖެޓުގެ މަސައްކަތާއި މި އަހަރުގެ ބަޖެޓަށް އިތުރުކުރާ ސަޕްލިމެންޓްރީ ބަޖެޓުގެ މަސައްކަތް ހިމެނެއެވެ.
މީގެ އިތުރުން މި ދައުރުގައި ފާސްކުރެވުނު މުހިންމު ބިލުތަކުގެ ތެރޭގައި ހިމެނެނީ:
- ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުއިއްޒު، ހުށަހެޅުއްވި އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ހުށަހެޅުއްވި ލޯކަލް ކައުންސިލްތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- ދުވާފަރު ދާއިރާގެ މެންބަރު އިސްމާއީލް އަހްމަދު ހުށަހެޅުއްވި ކުންފުނީގެ ބިލު
- މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ހުށަހެޅުއްވި އިންޑަސްޓްރިއަލް ރިލޭޝަންސް ބިލު
- ބާރަށު ދާއިރާގެ މެންބަރު އަހްމަދު އަބްދުﷲ ހުށަހެޅުއްވި މަސައްކަތު މާހައުލުގެ ސަލާމަތާއި ރައްކާތެރިކަމުގެ ބިލު
މިއަދުގެ ޖަލްސާ ނިމުމުން 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފަހު ދައުރު ނިމި މެންބަރުން ޗުއްޓީ އަށް ވަޑައިގަތީއެވެ. ދެން މަޖިލީހުގެ ޖަލްސާތައް ފެށޭނީ އަންނަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުގައެވެ.
އެއާއެކު، ދެން އޮތީ 19 ވަނަ މަޖިލީހުގެ އެންމެ ފަހު ދައުރެވެ.