ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު ޗައިނާއާއި ސުވިޒެލޭންޑްގެ ޖެނީވާއަށް ކުރެއްވި ރަސްމީ ދަތުރުގެ ހުރިހާ ކަމަކަށް 3،189،544.58 ރުފިޔާ ހަރަދުވި ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ޝަހީބު ވިދާޅުވީ ދެ ދަތުރުގެ ޓިކެޓަށް ޖުމްލަ 2،413،029.54 ރުފިޔާ ހަރަދުވެފައިވާ ކަމަށާއި ފަސްޓް ކްލާހުގައި އެއް ބޭފުޅަކު ސެކްޓާއިން ކުންމިންއަށް އަދި ދުބާއީއިން ޖެނީވާއަށް ދިއުމަށް 353،750.22 ރުފިޔާ ހަރަދުވި ކަމަށެވެ. އަދި ބިޒްނަސް ކުލާހުގައި 4 ބޭފުޅަކު ދަތުރުކުރެއްވުމަށް 862،394.34 ރުފިޔާ ހަރަދުވި ކަމަށާއި އިކޮނޮމީ ކުލާހުގައި 12 ބޭފުޅަކު ދަތުރުކުރެއްވުމަށް 1،196،884.98 ރުފިޔާ ހަރަދުވި ކަމަށް ޝަހީބު ވިދާޅުވިއެވެ.

ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ (ސީއައިޑީސީއޭ) އިން އިންތިޒާމު ކޮށްގެން ބޭއްވި "ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން" ގައި ވެސް ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި 12 ބޭފުޅުންގެ ޕޮކެޓްމަނީގެ ގޮތުގައި 112،424 ރުފިޔާ ހަރަދުވެފައިވާއިރު ސްޓޮޕް އޯވާއަށް 56،905.36 ރުފިޔާ ވަނީ ހަރަދުވެފައެވެ. އޭގެ އިތުރުން އިންސިޑެންޓަލްއަށް 11،406.55 ރުފިޔާ ހަރަދުވެފައިވާ ކަމަށް ޝަހީބު ވިދާޅުވިއެވެ.

ޝަހީބު ވިދާޅުވީ ޗައިނާގައި ވަފުދުގެ ބޭފުޅުންނަށް އެކޮމޮޑޭޝަނާއި ފަރިއްކޮޅު ހަރަދާއި އެތެރޭގެ ދަތުރު ފަތުރުގެ ހަރަދުތައް ހަމަޖައްސަވައި ދެއްވީ ޗައިނާ ސަރުކާރުން ކަމަށެވެ.

އިންސާނީ ހައްގުތައް ރައްކާތެރިކުރުމާބެހޭ ބައިނަލްއަގްވާމީ މުއާހަދާ، "ޔުނިވާސަލް ޑިކްލަރޭޝަން އޮފް ހިއުމަން ރައިޓްސް" އަށް 75 އަހަރު ފުރުމުގެ މުނާސަބަތު "ހިއުމަން ރައިޓްސް 75" ފާހަގަކުރުމަށްޓަކައި ބޭއްވި މަތީ ފަންތީގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް ޖެނީވާއަށް ކުރެއްވި ދަތުރަށް ޖުމްލަ 595،779.14 ރުފިޔާ ވަނީ ހަރަދުވެފައެވެ.

އެގޮތުން 9 ބޭފުޅުންނަށް ޕޮކެޓްމަނީގެ ގޮތުގައި 101،664.00 ރުފިޔާ ހަރަދުކޮށްފައިވާއިރު 9 ބޭފުޅުންގެ ފަރިއްކޮޅަށް 118،417.34 ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. އެކޮމޮޑޭޝަނަށް 228،491.71 ރުފިޔާ ހަރަދުކޮށްފައިވާއިރު އިންޝުއަރެންސްގެ ގޮތުގައި 12،999.06 ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.

ޝަހީބު ވިދާޅުވީ އެ ދަތުރުގެ އިންސިޑެންޓަލް ހަރަދުގެ ގޮތުގައި 7،594.26 ހަރަދުކޮށްފައިވާއިރު އެތެރޭގެ ދަތުރުފަތުރަށް 126،612.77 ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ.

މީގެ ކުރިން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރައީސް އާއި ނައިބު ރައީސްވެސް ފަސްޓް ކްލާސް ޓިކެޓުގައި ދަތުރުކުރައްވަން ބޭނުންވެ ވަޑައިނުގަންނަވާ ކަަމަށް ވިދާޅުވެފައެވެ. މި ދަތުރު ނައިބު ރައީސް ފަސް ކްލާސް ޓިކެޓުގައި ދަތުރުކުރެއްވުމާ ގުޅިގެން ރައީސް އޮފީހުން ބުނީ އެ ދަތުރުކުރެއްވުމަށް ބިޒްނަސް ކްލާހުން ޖާގަ ލިބިވަޑައިނުގެންނެވީ ކަމަށެވެ.