އާ އަހަރު ފާހަގަކުރުމަށް ގިނަ ހަރަކާތްތަކާއެކު "ދިވެހިންގެ ރާއްޖެ ފެސްޓިވަލް 2024" ބާއްވަން ނިންމައިފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑު) ވިދާޅުވީ މީގެ ކުރިން އާންމުގޮތެއްގައި އާ އަހަރު ފާހަގަކުރުމަށް ބާއްވަނީ ޝޯއެއް ކަމަށާއި ނަމަވެސް އޭގެ ބަދަލުގައި މިފަހަރު ފެސްޓިވަލްއެއްގެ ގޮތުގައި މަސައްކަތްތަކެއް ކުރައްވަމުންދާ ކަމަށެވެ.

މި ފެސްޓިވަލްގެ ނަމަކީ "ދިވެހިންގެ ރާއްޖެ ފެސްޓިވަލް 2024" ކަން ހާމަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، މި ފެސްޓިވަލްގެ ތެރެއިން ކުޑަ ކުދިންނަށް ހާއްސަކޮށް އާއިލީ ހަވީރެއް 31 ވަނަ ދުވަހުގެ ހަވީރު އޮންނާނެ ކަމަށެވެ.

މީގެ އިތުރުން އެ ރޭ ލޭޒާ ޝޯ އާއި ހަވާ އެރުވުމާއެކު ރާއްޖޭގެ ފަންނާނުންގެ ގިނަ ހުށަހެޅުންތަކެއް ކުރިއަށް ދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޒުވާން ޖީލަށް ދެން އަންނަން ތިބި ބަޔަކީ ކުޑަކުދިން، އެ ކުދިންނަށް ހާއްސަކޮށް އަހަރު ނިންމުމަށް އެބަ ބާއްވަން ކުޑަ ކުދިންގެ އާއިލީ ހަވީރެއް 31 ވަނަ ދުވަހުގެ ހަވީރު
ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑު)

މި ފެސްޓިވަލަކީ އާ ސަރުކާރުން ވެރިކަމާ ހަވާލުވުމަށް ފަހު ބާއްވާ ފުރަތަމަ އިވެންޓްއަށް ވާތީ، މި އިވެންޓް ހާއްސަ ކުރާނީ ދިވެހި ފަންނާނުންނަށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްތަރު ވިދާޅުވީ، ފެސްޓިވަލް ކުރިއަށް ގެންދާނީ ދެ ޖިންސުގެ ޒުވާނުންނާއި ކުޑަކުދިންނަށް ވެސް ބައިވެރިވެވޭ ގޮތަށް ކަމަށެވެ.

ދިވެހި އާޓީސްޓުންނަށް ރައީސް ވަރަށް އިސްކަން ދެއްވާ، އެންމެ ބޮޑު އަމާޒަކަށް ވެގެން މި ދިޔައީ އަޅުގަނޑުމެން މި ސަރުކާރުން ބާއްވާ ފުރަތަމަ ފެސްޓިވަލް ދިވެހި ފަންނާނުންނަށް ހާއްސަ ފެސްޓިވަލަކަށް ހެދުމަށް، މި ފެސްޓިވަލްގެ ހަރަކާތްތަކަށް އެންމެހާ ރައްޔިތުންނަށް ދައުވަތު އަރުވަން،
ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު

މިނިސްޓަރު ވަނީ މި ފެސްޓިވަލްގެ ހަރަކާތްތަކަށް އެންމެހާ ރައްޔިތުންނަށް ވެސް ދައުވަތު އަރުވާފައެވެ.