ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ހިނގަނީ ގަވާއިދާ ހިލާފަށް ކަމަށާއި,ފީފާ އާއި އޭއެފްސީއާ މަޝްވަރާކޮށް ވަކި ގޮތެއް ނިމެންދެން އިންތިހާބުގެ ކަންކަން މަޑުޖައްސާލުމަށް ސްޕޯޓްސް ކޮމިޝަނަރު މުހައްމަދު ތޮލާލު އަންގަވައިފިއެވެ.

ތޮލާލު ނެރުއްވި ބަޔާނުގައި ވިދާޅުވީ އެފްއޭއެމްގެ ހިންގާ ކޮމިޓީގެ ގިނަ މެންބަރުންތަކެއް އިސްތިއުފާ ދީ، ކޯރަމް ގެއްލިފައިވާ މި ދަނޑިވަޅުގައި މިކަންކަމާ ގުޅޭ މައުލޫމާތު އޮޅުންފިލުވުމަށް އެދިފައިވާ ކަމަށާއި އެހެންނަމަވެސް އެ މައުލޫމާތުތައް އެދިފައިވާ މުއްދަތުގައި ފޮނުވާފައި ނުވާ ކަމަށެވެ.

އެ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގެ 5 މެންބަރަކު އިސްތިއުފާ ދީ ފޮނުވާފައިވާ ސިޓީތަކުގެ ކޮޕީ އެ އޮފީހަށް ލިބިފައިވާކަން ފާހަގަކުރައްވާ ތޮލާލު ވިދާޅުވީ އޭގެ ތެރެއިން ތިން މެންބަރަކު އިސްތިއުފާ ދީފައިވަނީ މި މަހުގެ 15 ވަނަ ދުވަހު ކަމަށާއި އެއް މެންބަރަކު މިދިޔަ ސެޕްޓެމްބަރުގެ މަހުގެ 16 ވަނަ ދުވަހު އިސްތިއުފާ ދީފައިވާއި އެއް މެންބަރަކު މިދިޔަ އޮކްޓޯބަރު މަހުގެ 5 ވަނަ ދުވަހު އިސްތިއުފާދީފައިވާ ކަމަށެވެ.

މީގެ އިތުރުން އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒު މި ދިޔަ މަހުގެ 24 ވަނަ ދުވަހު އިސްތިއުފާ ދީފައިވާއިރު އެ އެސޯސިއޭޝަންގެ ހިންގާ ގަވާއިދުގައިވާ ގޮތުގެ މަތިން އެ މަގާމަށް މެންބަރަކު އައްޔަންކޮށްފައި ނުވާކަން ތޮލާލު ވަނީ ވިދާޅުވެފައެވެ.

އެފްއޭއެމްގެ ހިންގާ ކޮމިޓީގެ އިންތިހާބު އިއުލާނުކޮށްފައިވާ ތާރީހާއި މެންބަރުން އިސްތިއުފާ ދީފައިވާ ތާރިހުތަކުގައި ސުވާލު އުފެދޭ ކަންތައްތަކެއް ހުރިކަން ފާހަގަކުރައްވާ ތޮލާލު ވިދާޅުވީ އެދިފައިވާ މައުލޫމާތު އެ އޮފީހަށް ފޮނުވާފައި ނުވުމާއި އެފްއޭއެމް ހިންގާ ކޮމިޓީގެ ކޯރަމް ގެއްލިފައިވާތީ އެފްއޭއެމްގެ ކަންކަން ކުރިއަށް ގެންދަނީ އެސޯސިއޭޝަންގެ ހިންގާ ގަވާއިދާއި ހިލާފަށް ކަމަށެވެ.

އަންނަ މަހުގެ 31 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ އެފްއޭއެމްގެ އިންތިހާބުގައި މިހާރުވެސް އެފްއޭއެމްގެ ރައީސްގެ މަގާމުގައި ހުންނެވި ބައްސާމް އަދީލް ޖަލީލުގެ އިތުރުން އެފްއޭއެމްގެ ކުރީގެ ރައީސް އަދި މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) ވެސް ވާދަކުރައްވައެވެ.