މާފަންނު ސްޓޭޑިއަމް ސަރަހައްދުގައި ފުޓްބޯޅަ ދަނޑެއް އެޅުމަށް އެފްއޭއެމަށް ދޫކޮށްފައިވާ ބިމުގައި ހުރި އިމާރާތެއް ހުސްކުރަން ދެކޮޅު ހަދާ މައްސަލާގައި، އެތަން ހިންގާ ކުންފުންޏާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އެޅުމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމައިފިއެވެ.

މި މައްސަލަ އަމާޒުވެފައިވަނީ ކުރީގެ މަޝްހޫރު ފުޓްބޯޅަ ތަރި އިބްރާހިމް ފަޒީލް (އޮއްޕޮ) ގެ މެނޭޖިން ޑިރެކްޓަރުކަމުގެ ދަށުން ހިންގާ "ފިއުޗާ ހޯމްސް ޕްރައިވެޓް ލިމިޓެޑް" އަށެވެ.

އެފްއޭއެމުން ބުނާ ގޮތުގައި، އެ ކުންފުންޏަށް އެ ބިން ދޫކޮށްފައިވަނީ އެސޯސިއޭޝަނުގެ ކުރީގެ ލީޑާޝިޕުންނެވެ. އެއްވެސް ކުއްޔަކާ ނުލައި 25 އަހަރުގެ މުއްދަތަށް 2،500 އަކަފޫޓުގެ މި ބިން ދޫކުރީ 1.8 މިލިއަން ރުފިޔާގެ ކުނި އުކައިދިނުމުގެ ބަދަލެއްގެ ގޮތުން ކަމަށް ބުނެފައިވީ ނަމަވެސް، އެފަދަ އެއްބަސްވުމެއް ރަސްމީކޮށް ހަދާފައި ނުވާކަން އެފްއޭއެމުން ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން، އެ ބިމުގައި ފިއުޗާ ހޯމްސްއިން ދެ ބުރީގެ އިމާރާތެއް ބިނާކޮށްފައިވަނީ ކަމާބެހޭ މުއައްސަސާތަކުގެ ހުއްދަ ނެތި ކަމަށްވެސް އެފްއޭއެމުން ތުހުމަތު ކުރެއެވެ. އެ އިދާރާއިން ބުނީ، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ އާއި މާލޭ ސިޓީ ކައުންސިލުން އެއްވެސް ހުއްދައެއް ނުވަތަ ކުރެހުމެއް ފާސްކޮށްފައި ނުވާކަން އެ ފަރާތްތަކުން ލިޔުމުން ކަށަވަރުކޮށްދީފައިވާ ކަމަށެވެ.

މި މައްސަލާގައި އެފްއޭއެމްގެ އެކްސްކޯއިން ނިންމާފައިވަނީ، ތަކުރާރުކޮށް އެންގުމުންވެސް ބިން ހުސްކުރުމަށް އިއުތިރާޒުކުރަމުންދާތީ، ގާނޫނީ ގޮތުން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމަށެވެ.