ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައެއްގައި، ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކުޅުންތެރިޔާ އިބްރާހީމް ފަޒީލް (އޮއްޕޮ) ގެ ކުންފުނިން ކޯޓަށް ހާޒިރުނުވުމުގެ ސަބަބުން މިއަދަށް ތާވަލުކުރި އަޑުއެހުން ކެންސަލްކޮށްފިއެވެ.
މިއީ މާފަންނު ސްޓޭޑިއަމް ސަރަހައްދުގައި ހަދާފައިވާ ގުދަނެއް ހުސްކުރަން ފުޓްބޯޅަ އެސޯސިއޭޝަން (އެފްއޭއެމް) އިން އެންގުމުން، އެކަމާ ދެކޮޅު ހަދައި އޮއްޕޮގެ ކުންފުނި ކަމަށްވާ ފިއުޗާ ހޯމްސް ޕްރައިވެޓް ލިމިޓެޑުން އެފްއޭއެމްއާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައެކެވެ.
މި މައްސަލައިގެ ޝަރީއަތް ފެށުމަށް ސިވިލް ކޯޓުން ތާވަލުކޮށްފައި އޮތީ މިއަދު މެންދުރު 12:30 އަށެވެ. އެހެންނަމަވެސް، ދައުވާކުރާ ފަރާތް ކަމަށްވާ ފިއުޗާ ހޯމްސް ކުންފުންޏަށް މިއަދުގެ އަޑުއެހުމުގައި ބައިވެރިވެވެން ނެތްކަން އެންގުމާ ގުޅިގެން ކޯޓުން ވަނީ އަޑުއެހުން ކެންސަލްކޮށްފައެވެ
އޮއްޕޮގެ ކުންފުނިން ކޯޓަށް ދިޔައީ މާފަންނު ސްޓޭޑިއަމްގައި ގަވާއިދާ ހިލާފަށް ހަދާފައިވާ ކަމަށް ބުނާ ގުދަން ހުސްކުރުމަށް އެފްއޭއެމްގެ އެކްސްކޯއިން ނިންމައި، ގާނޫނީ ފިޔަވަޅު އަޅަން އުޅުމުންނެވެ.
އޮއްޕޮގެ ފަރާތުން ކޯޓުގައި އެދިފައިވަނީއެ ބިން ހުސްކުރުން ހުއްޓުވުމުގެ ވަގުތީ އަމުރެއް ނެރެދިނުމަށެވެ. އަދި ބިން ހުސްކުރުމުގެ ސަބަބުން ކުންފުންޏަށް ލިބޭ ގެއްލުމުގެ ބަދަލު ހޯދުމުގެ ހައްގު އޮތް ކަމަށް ކަނޑައަޅައިދިނުމަށްވެސް އޮއްޕޮގެ ފަރާތުން ވަނީ އެދިފައެވެ.
މި މައްސަލައިގައި އެފްއޭއެމް އިން ބުނީ، މާފަންނު ސްޓޭޑިއަމް ސަރަހައްދަކީ 2017 ވަނަ އަހަރުން ފެށިގެން 50 އަހަރުގެ މުއްދަތަށް ފީފާގެ ޕްރޮޖެކްޓްތައް ހިންގަން ސަރުކާރުން އެ އެސޯސިއޭޝަނަށް ދޫކޮށްފައިވާ ބިމެއް ކަމަށެވެ.
އޮއްޕޮގެ ކުންފުނިން އެ ސަރަހައްދުގައި 2,700 އަކަފޫޓުގެ ދެބުރި ގުދަނެއް ހަދާފައިވަނީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ އަދި މާލެ ސިޓީ ކައުންސިލްގެ އެއްވެސް ހުއްދައެއް ނެތި ކަމަށް އެ އިދާރާތަކުން ބުނެފައިވެއެވެ.
މީގެ އިތުރުން މި ގުދަން 25 އަހަރަށް ދޫކޮށްފައިވަނީ އެއްވެސް ކުއްޔެއް ނުނަގާ ގޮތަށް ކަމަށްވާއިރު އެއީ އެ ސަރަހައްދުން ކުނި އުކާލުމަށް އެ ކުންފުނިން ހޭދަކުރި 1.8 މިލިއަން ރުފިޔާގެ ބަދަލުގައި ކަމަށް ވަނީ ބުނެފައެވެ. އެހެން ނަމަވެސް، އެފްއޭއެމް އިން ބުނަނީ އެފަދަ އެއްބަސްވުމެއް ހަދާފައިނުވާ ކަމަށެވެ.
މި ބިން ހުސްކުރުމަށް އެފްއޭއެމް އިން އެކި ފަހަރު މަތިން އެންގުމުންވެސް ބިން ހަވާލުކުރަން ދެކޮޅު ހެދުމަށްފަހު، ފިއުޗާ ހޯމްސް އިން ވަނީ މި މައްސަލަ ކޯޓަށް ވައްދާފައެވެ.
