ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ފާޑުކިޔައި، ލިއުންތަކާއި ހަބަރު ގެނެސްދެމުންދިޔަ ދެ ވެބްސައިޓެއް ބްލޮކްކުރުން ކުށްވެރިކޮށް އެކަން މިހާރުން މިހާރަށް ހުއްޓާލުމަށް ގޮވާލައި ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގު ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވިދާޅުވީ، އިސްލާމްދީނާއި ރާއްޖޭގެ ގާނޫނުތަކާ ހިލާފުނުވެ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން އެންމެނަށް ލިބިދީފައިވާ ކަމަށާއި، ނޫސްވެރިކަމުގެ މިނިވަންކަން ވެސް ގާނޫނުން ލިބިދީފައިވާ ކަމަށެވެ.

އޭނާ ހުށަހެޅުއްވި މައްސަލައިގައި އިތުރަށް ވިދާޅުވީ؛

  • ސަރުކާރުން ސައިޓުތައް ބްލޮކްކުރުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށް
  • އަދި މިއީ ރައްޔިތުންގެ މިނިވަންކަމަށް އަރައިގަތުން ކަމަށް

ސަރުކާރުގެ މި އަމަލަކީ ޑިމޮކްރެސީ އާ ބީރައްޓެހި އަމަލެއް ކަމަށާއި، މިއި ޑިމޮކްރެސީގެ ހަޔާތުގައި އެތައް އަހަރެއް ސޮއްސާލައިގެން ދާނެ ފަދަ ނިންމުމެއް ކަމަށް މުހައްމަދު ވިދާޅުވިއެވެ.

މި މައްސަލަ އަށް ބަހުސްކުރަން ފެންނަ ކަމަށް ވޯޓުދެއްވީ ވޯޓުގައި ބައިވެރިވި 31 މެންބަރުންގެ ތެރެއިން 30 މެންބަރުންނެވެ.

މިހާތަނަށް މި މައްސަލައަށް ބަހުސްކުރެއްވި ހުރިހާ މެންބަރުން ވެސް ވަނީ ސަރުކާރުން 'ކުރުސީޑޮޓްކޮމް' އާއި 'ދިޔަވަރުޑޮޓްކޮމް' ބްލޮކްކުރުމަށް ސަރުކާރުން ނިންމި ނިންމުމާ ދެކޮޅަށް ވާހަކަދައްކައިފައެވެ.

ވެބްސައިޓުތައް ބްލޮކްކުރުމާ ގުޅިގެން ސަރުކާރަށް އަމާޒުވި ފާޑުކިއުންތަށް ދިފާއުކުރައްވައި، ސަރުކާރުގެ އިސްތަރުޖަމާނު މުހައްމަދު ޝަހީބު ވިދާޅުވީ، ގާނޫނާއި ގަވައިދުތަކުގެ ދަށުން ރަޖިސްޓްރީކޮށްގެން ހިންގާ އެއްވެސް ނޫސް މަޖައްލާ އެއް ސަރުކާރުން ބްލޮކްނުކުރާނެ ކަމަށާއި، ނޫސްވެރިކަމުގެ މިނިވަންކަން އޭގެ އެންމެ ފުޅާމިނުގައި ދެމެހެއްޓުމަށް މަސައްކަތްކުރާނެ ކަމަށެވެ.

ވެބްސައިޓުތައް ބްލޮކްކުރި މައްސަލައިގައި ނޫސްވެރިންގެ ހައްގުގައި މަސައްކަތްކުރާ ޖަމިއްޔާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.