ވޭތުވެ ދިޔަ ފަސް އަހަރުގެ ތެރޭގައި ފަނަކަ ކުންފުނިން ކޮށްފައިވާ ބޮޑެތި ހަރަދުތައް ހާމަކޮށްފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން ފެނަކައިގެ މެނޭޖިންގް ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު ވިދާޅުވީ، ކުންފުނީގެ ހާލަތު ވަރަށް ދަށްވެފައިވާ ކަމަށާއި މިހާރު އޮތް ހާލަތުން އޮޕަރޭޝަންގެ ކަންތައްތަކަށް ވެސް ބުރޫ އަރާފަދަ ދަރަޖައަށް ވެއްޓިފައިވާ ކަމަށެވެ.
އަދި ހަމަ އެހެންމެ ކުންފުނީގެ ބޮޑު ދަރަންޏެއް އޮތް ކަމަށްވެސް މުއާޒް ވިދާޅުވިއެވެ. އެގޮތުން ކުންފުނީގެ ދަރަނި 871 މިލިއަން ރުފިޔާ އަށް އަރާ ކަމަށާއި، އެކިފަރާތްތަކަށް ދޭންޖެހޭ ފައިސާގެ ގޮތުގައި 3.2 ބިލިއަން ރުފިޔާ [ޖުމްލަ 4.16 ބިލިއަން ރުފިޔާ] ދަރަނީގެ ގޮތުގައި ދައްކަންޖެހޭ ކަމަށް މުއާޒް ވަނީ ވިދާޅުވެފައެވެ.
ގިނަ އަދަދެއްގެ ސްޓާފުން ކުންފުނީގައި ތިބި ކަން ފާހަގަ ކުރައްވާ މުއާޒް ވިދާޅުވީ 2018 ވަނަ އަހަރު ނިމުނު އިރު 2700 ސްޓާފުން މަސައްކަތް ކުރި ނަމަވެސް މި ސަރުކާރާ ކުންފުނީގެ މަސައްކަތައް ހަވާލުވި އިރު 8100 ސްޓާފުން މަސައްކަތް ކުރަމުންދާ ކަމަށާއި މިކަމުގެ ސަބަބުން މުވައްޒަފުންނަށް މުސާރަ ދިނުމަށް ކުންފުނިން ބޮޑު ހޭދަ އެއް ކުރަން ޖެހޭ ކަމަށެވެ.
އަދި ކޮންޓްރެކްޓް ސްޓާފުންގެ ކޮންޓްރެކްޓްތައް އާ ނުކޮށް ދޫކޮށްލީވެސް އެ ސަބަބާ ހުރި ކަމަށް މުއާޒް ވަނީ ވިދާޅުވެފައެވެ. އަދި އެ ސްޓާފުންގެ ކޮންޓްރެކްޓް އާ ނުކުރުމުން 5 މިލިއަނަށް ވުރެ ގިނަ ރުފިޔާ ސަލާމަތް ކުރެވުނު ކަމަށް މުއާޒް ފާހަގަ ކުރެއްވިއެވެ.
ޕްރޮކިއުމަންޓްގެ ކަންކަމުގައިވެސް މަސައްކަތް ކޮށްފައި ހުރީ އުސޫލުތަކާ ހިލާފަށް ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން އެމަޖެންސީ ޕްރޮކިއުމަންޓްގެ ގޮތުގައި އިންޖީނު ކޭބަލް ފަދަ ތަކެތި ޕްރޮކިއު ކޮށްފައިވާ ކަން ފާހަގަކޮށް މުއާޒް ވިދާޅުވީ އެފަދަ ގިނަ ތަކެއްޗަކީ އެމަޖެންސީ ކޮށް ބޭނުންނުވާ ތަކެތި ނަމަވެސް އެމަޖަންސީ ޕްރޮކިއުގެ ދަށުން އެތަކެތި ހޯދާފައިވާ ކަމަށެވެ.
"3 ފަރާތުން ކޯޓޭޝަން ހޯދާފަ ބޭނުން ފަރާތަކަށް ބޭނުން އަގަކަށް މަސައްކަތްތަކާއި ތަކެތި ގަތުމަށް ހަވާލުކޮށްފައި. އެގޮތުން 2022 ވަނަ އަހަރު އެކަނިވެސް 1.7 ބިލިއަން ރުފިޔާގެ ވިޔަފާރި އެމަޖެންސީ ޕްރޮކިއުގެ ގޮތުގައި ކޮށްފައިވޭ" މުއާޒް ވިދާޅުވިއެވެ. އަދި އެފަދަ ތަކެއްޗަކީވެސް އެންމެ އެކަށީގެންވާ ގޮތުގައި ކޮށްފައިވާ ހޭދަ ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
އެކުންފުނިން ގެއްލުމުގައި ތަކެތި ގަނެފައިވާ ކަމަށާއި ހަރަދު ކުޑ ކުރުމަށް އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ ކަމަށް ފެނަކައިގެ މެނޭޖްމެންޓުން ތުހުމަތު ކުރެއެވެ.